ކުޅިވަރު

އީސްޓަން ކޮންފަރެންސްގެ ސެމީން ނިއުޔޯކް ނިކްސް ޖާގަ ހޯދައިފި


އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގެ އީސްޓަން ކޮންފަރެންސް ސެމީ ފައިނަލުން ނިއުޔޯކް ނިކްސް ޖާގަ ހޯދައިފިއެވެ.

ސެމީފައިނަލުން ފަސްވަނައަށް ސީޑް ކުރެވިފައިވާ ނިކްސް ޖާގަހޯދީ ހަތަރުވަނައަށް ސީޑް ކުރެވިފައިވާ ކްލީވްލަންޑް ކެވެލިއަރސް އާއި ފުރަތަމަ ބުރުގައި ބައްދަލުކޮށް ހަތަރު މެޗް އެއް މެޗުން ސީރީޒް ކާމިޔާބު ކޮށްގެންނެވެ.

މިދެޓީމްގެ މެދުގައި ކުޅުނު ފަސްވަނަ މެޗް ކްލީވްލަންޑްގައި ކުޅެ 106 ޕޮއިންޓް 95 ޕޮއިންޓުން ކާމިޔާބުކުރީ ނިކްސްއެވެ. މިމެޗްގައި ނިކްސްގެ މިޝޭލް ރޮބިންސަންވަނީ 13 ޕޮއިންޓް ހޯދާދީ 18 ރީބައުންޑް ނަގާދީ އެއް އެސިސްޓް ކޮށްފައެވެ. އަދި ކެވެލިއަރސްގެ ޑޮނޮވަން މިޝޭލްވަނީ 28 ޕޮއިންޓް ހޯދާދީ 7 ރީބައުންޑް ނަގާދީ 5 އެސިސްޓް ކޮށްފައެވެ. މިކާމިޔާބީއާއެކު އީސްޓަން ކޮންފަރެންސްގެ ސެމީފައިނަލްގައި ނިކްސް ބައްދަލުކުރާނީ އެއްވަނައަށް ސީޑް ކުރެވިފައިވާ މިލްވައުކީ ބަކްސް ހަތަރު މެޗް އެއް މެޗުން ބަލިކުރި އަށްވަނައަށް ސީޑް ކުރެވިފައިވާ މައޭމީ ހީޓްއާއެވެ.

ހީޓް އާއި ބަކްސްގެ މެދުގައި ކުޅުނު ފަސްވަނަ މެޗް މިލްވައުކީގައި ކުޅެ އޯވަރ ޓައިމަށް ގޮސްގެން 128 ޕޮއިންޓް 126 ޕޮއިންޓުން ކާމިޔާބުކުރީ ހީޓްއެވެ. މިއީ ރެގިއުލަރ ސީޒަންގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކި ބަކްސްއަށް ލިބިގެންދިޔަ ވަރަށް ބޮޑު ނާކާމިޔާބީއެކެވެ. މިމެޗްގައި ހީޓްގެ ޖިމީ ބަޓްލަރވަނީ 42 ޕޮއިންޓް ހޯދާދީ 8 ރީބައުންޑް ނަގާދީ 4 އެސިސްޓް ކޮށްފައެވެ. އަދި ބަކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އަނިޔާއިން އެނބުރި އައިސް މިމެޗްގައި ކުޅުނު ޖިއާނިސް އެންޓެޓޮކޮއުމްޕޯއެވެ. އޭނާވަނީ މިމެޗްގައި 38 ޕޮއިންޓް ހޯދާދީ 20 ރީބައުންޑް ނަގާދީ 3 އެސިސްޓް ކޮށްފައެވެ. ނަމަވެސް އޭނާއަށްވެސް ބަކްސް ސަލާމަތް ކޮށްދެވޭގޮތެއްނުވިއެވެ.