ކުޅިވަރު

ބޮޑު ތަފާތަކުން ސަސް ބަލިކޮށް މާޒިޔާ ފައިނަލަށް


މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕް 2023 ގެ ސެމީ ފައިނަލް ދެވަނަ މެޗުގައި ބޮޑު ތަފާތަކުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށް ފައިނަލުގެ ޖާގައެއް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ހޯދައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުން މާޒިޔާ މޮޅުވީ ފަސޭހަކަމާއެކު 8-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި ހާފުގައި މާޒިޔާއިން ލީޑު ނަގާފައިވަނީ 38 ވަނަ މިނެޓުގައެވެ. އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހަސަން ރާއިފް އަޙްމަދު (ހަންނަ) އެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ހަންނަ ދިން ބޯޅައަކުން ކެޕްޓަން ހަމްޒާ މުޙައްމަދު (ހަމްޕު) ވަނީ ލަނޑެއް ޖަހައި، މާޒިޔާގެ ލީޑު ފުޅާކޮށްފައެވެ.

މި މެޗުގެ ފުރަތަމަ ހާފާ ޚިލާފަށް ދެވަނަ ހާފުގައި މާޒިޔާއިން މޮޅު ކުޅުމެއް ދެއްކިއިރު، މި ހާފުގައި އެ ޓީމުން ވަނީ ހަ ލަނޑު ޖަހާފައެވެ. އެގޮތުން މި ހާފު ފަށައިގެން ނުވަވަނަ މިނެޓުގައި ކޯނަރަކުން އެޑްގާ މާޒިޔާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިންއިރު، މެޗުގެ 60 ވަނަ މިނެޓުގައި ހަންނަ ދިން ހުސް ފުރުސަތެއްގައި ހަމްޕު ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

އަދި މެޗުގެ 73 ވަނަ މިނެޓުގައި ކޯނަރަކުން މާޒިޔާގެ ފަސްވަނަ ލަނޑު މުޙައްމަދު އިރުފާން ކާމިޔާބުކޮށްދިންއިރު، އެ ޓީމުގެ ހަވަނަ ލަނޑު މެޗުގެ 82 ވަނަ މިނެޓުގައި ހަންނަ ދިން ބޯޅައަކުން ޖަހައިދިނީ ބަދަލަކަށް ކުޅެން ނުކުތް ސްޓެފަންއެވެ. އޭގެ ފަސް މިނެޓު ފަހުން ކޯނަރަކުން ނާއިޒް ހަސަން (ދާދު) މާޒިޔާގެ ހަތްވަނަ ލަނޑު ކާމިޔާބުކޮށްދިންއިރު، އެ ޓީމުގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގައި ސްޓެފަންގެ އެހީތެރިކަމާއެކު ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ހަންނައެވެ.

މި މޮޅާއެކު ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލަށް މާޒިޔާ ދަތުރުކުރިއިރު، ފައިނަލުގައި އަންނަ އާދިއްތަ ދުވަހުގެރޭ ކުޅޭ ފައިނަލުގައި މާޒިޔާ ނިކުންނާނީ ކުލަބު އީގަލްސްއާ ދެކޮޅަށެވެ. މި ދެ ޓީމު ވަނީ މި ސީޒަނުގެ ޗެރިޓީ ޝީލްޑް މެޗުގައިވެސް ވާދަކޮށްފައެވެ. އެ މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މާޒިޔާއިންނެވެ.