ކުޅިވަރު

މެޑްރިޑް އޯޕަން: ގަދަ 32 ގެ ޖާގައެއް 15 އަހަރުގެ އަންޑްރީވާއަށް


މެޑްރިޑް އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓުގެ ގަދަ 32 ކުޅުންތެރިންގެ ޖާގައެއް ރަޝިއާގެ އުމުރުން 15 އަހަރުގެ މީރާ އަންޑްރީވާ ހޯދައިފިއެވެ.

އޭނާ މިބުރުން ޖާގަހޯދީ ގަދަ 64 ކުޅުންތެރިންގެ ބުރުގައި އިއްޔެ ބްރެޒިލްގެ ބީޓްރީޒް ހަޑާޑް މައިއާ ބަލިކޮށްގެންނެވެ. މިމެޗް އަންޑްރީވާ ކާމިޔާބުކުރީ ސީދާ ދެސެޓުންނެވެ. އެއީ ހަތެއް ހައެއް އަދި ހައެއް ތިނަކުންނެވެ.

މިމުބާރާތުގައި ވައިލްޑް ކާޑު އެންޓްރީއެއްގެ ދަށުން ކުޅެމުންދާ އެންޑްރީވާ ބަލިކޮށްފައިމިވަނީ ދުނިޔޭގައި 14ވަނައަށް ރޭންކް ކުރެވިފައިވި ކުޅުންތެރިޔާއެވެ. މިއާއެކު އޭނާވެފައިވަނީ 2000 ވަނަ އަހަރަށްފަހު ދުނިޔޭގައި އެންމެ މަތިން ރޭންކް ކުރެވިފައިވާ 20 ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިޔަކު ބަލިކުރި ހަތްވަނައަށް އެންމެ ހަގު ކުޅުންތެރިޔާއަށެވެ.

އޭނާ ހަޑާޑް މައިއާ ބަލިކޮށްފައިވަނީ ފުރަތަމަ ބުރުގައި ޔޫއެސް އޯޕަންގެ ފައިނަލްގައި 2021 ވަނަ އަހަރު ކުޅުނު ލޭލާ ފެނާންޑޭޒް ބަލިކުރިތާ 24 ގަޑިއިރު ފަހުންނެވެ. މިމުބާރާތުގެ ގަދަ 32 ކުޅުންތެރިން ބުރުގައި އެންޑްރީވާ ބައްދަލުކުރާނީ 17 ވަނައަށް ސީޑް ކުރެވިފައިވާ ޕޯލަންޑްގެ މަގްޑާ ލިނެޓްއާއެވެ.

މިމުބާރާތުގެގަދަ 32 ކުޅުންތެރިން ބުރުން ވަނީ ދެވަނައަށް ސީޑް ކުރެވިފައިވާ ބެލަރޫސްގެ އަރިނާ ސަބަލެންކާ އާއި އެމެރިކާގެ ކޯކޯ ގައުފްވެސް ޖާގަހޯދާފައެވެ. އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކުރި ސަބަލެންކާ މިބުރުން ޖާގަ ހޯދީ ރުމޭނީއާގެ ސޮރާނާ ސާސްޓިއާއާ ބައްދަލުކޮށް ހައެއް ހަތަރެއް އަދި ހައެއް ތިނަކުން މޮޅުވެގެންނެވެ. އަދި ހަވަނައަށް ސީޑް ކުރެވިފައިވާ ގައުފް ޖާގަ ހޯދީ ސްޕެއިންގެ އައިރީން ބުރީޔޯއާ ބައްދަލުކުރިމެޗް ސީދާ ދެސެޓުން ކާމިޔާބުކޮށްގެންނެވެ. އެއީ ހައެއް ހަތަރެއް އަދި ހައެއް އެކަކުންނެވެ. ގަދަ 32 ކުޅުންތެރިން ބުރުގައި ގައުފް ބައްދަލުކުރާނީ ސްޕެއިންގެ އެހެން ކުޅުންތެރިއެއް ކަމަށްވާ ޕައުލާ ބަޑޯސާ އާއެވެ.