ކުޅިވަރު

ނާޕޮލީން ލީގު ކާމިޔާބުކޮށްފާނެ ކަމަށް ބެލޭވެ މެޗު އާދިއްތަ ދުވަހަށް ފަސްކޮށްފި


އިޓާލިއަން ލީގުގެ ތާވަލުގެ އެއްވަނައިގައި ބޮޑު ތަފާތަކާއެކު އޮތް ނާޕޮލީން މި ފަހަރުގެ ލީގު ކާމިޔާބުކޮށްފާނެ ކަމަށް ބެލޭވެ މެޗު އާދިއްތަ ދުވަހަށް ފަސްކޮށްފިއެވެ.

މި ހަފުތާގައި ނާޕޮލީ އާއި ސެލެރްނިޓާނާ ބައްދަލުކުރާ މެޗް ކުޅުމަށް ކުރިން ހަމަޖެހިފައިއޮތީ މިއަދެވެ. މިވަގުތު ލީގު އޮތް ގޮތުން ނާޕޮލީން މިމެޗް ކާމިޔާބުކޮށް އަދި ލާޒިއާ އާއި އިންޓަރ މިލާން ބައްދަލުކުރާ މެޗުން ލާޒިއޯއަށް މޮޅު ނުވެވިއްޖެނަމަ މިފަހަރުގެ ލީގުގެ ތަށި ނާޕޮލީއަށް ކާމިޔާބުކުރެވިގެންދާނެއެވެ.

ނާޕޮލީ ސިޓީގެ އޮފިޝަލުން މިމެޗް އާދިއްތަ ދުވަހަށް ފަސްކޮށްދޭން އެދުނީ ރަށުތެރޭގެ ހަލަބޮލިކަން އިތުރުވެ ކޮންޓްރޯލް ކުރުމަށް އުނދަގޫތަކެއް ކުރިމަތިވެދާނެކަމަށް ފެއްނާތީއެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކަށް ވެފައިވަނީ މިއަދު ނާޕޮލީ ސިޓީގައި ވަރަށް ހާއްސަ ކޮމިކް ބުކް ކޮންވެންޝަނެއް ކުރިއަށްދާތީއެވެ. އަދި މިއަދު މެޗް ބާއްވައި އެ މެޗް ނާޕޮލީން ކާމިޔާބު ކޮށްފި ނަމަ އެކްލަބްގެ ސަޕޯޓަރުން ރަށުތެރޭގައި އުފާފާޅުކުރުންތައް ކުރިއަށް ދިއުމުގެ އިތުރުން އެ ކޮންވެންޝަންގެ ކަންތައްތައް ބަލަހައްޓައި އެރަށުގެ ފުލުހުންނަށް ގިނަ ދަތިތަކެއް ކުރިމަތިވެގެންދާނެތީއެވެ. އަދި ލާޒިއޯ އާއި އިންޓަގެ މެޗް އޮތީ އާދިއްތަ ދުވަހުގައި ކަމުން, އެ އުފާފާޅުކުރުންތައް އާދިއްތަ ދުވަހާއެކު ކުރިއަށް ދިއުން ގާތްކަމަށް ފެއްނާތީ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ނާޕޮލީ ސިޓީގެ އޮފިޝަލުން ހާމަކުރާ ގޮތުގައި ރަށުގެ ހަމަޖެހުން ގާއިމްކޮށް ބެހެއްޓުމަށްޓަކައި މިއީ އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

ނާޕޮލީން މިފަހަރުގެ ލީގު ކާމިޔާބުކުރުމާ ގާތްވެފައިވާއިރު އެޓީމަށް އެންމެ ފަހުން ލީގު ކާމިޔާބު ކުރެވިފައިވާ ވަނީ އެ ކްލަބަށް އާޖެންޓީނާގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާ ކުޅުނު ޒަމާނުގައެވެ. އެއީ 1987 ވަނަ އަހަރާއި 1990 ވަނަ އަހަރެވެ. އެއަށްފަހު މިހާތަނަށް އެ ކްލަބަށް ލީގު ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މިވަގުތު ނާޕޮލީ އާއި ދެވަނައިގާ އުޅޭ ލާޒިއޯ އާއި ދެމެދު 17 ޕޮއިންޓްގެ ތަފާތެއް އެބަހުއްޓެވެ.