ޚަބަރު

މީޑިއާ ކައުންސިލުން ހުސްވެފައިވާ މަޤާމުތަކަށް 3 މެމްބަރުން އިންތިޚާބުކޮށްފި


މީޑިއާ ކައުންސިލުން ހުސްވެފައިވާ މެމްބަރުކަމުގެ މަޤާމުތަކަށް ބޭފުޅުން އިންތިޚާބުކޮށްފިއެވެ.

މީޑިއާ ކައުންސިލަށް 3 މެމްބަރުން އިންތިޚާބު ކޮށްފައި މިވަނީ މީޑިއާ ކައުންސިލްގެ މެމްބަރުންގެ ތެރެއިން މީޑިއާތަކުން އިންތިހާބުކުރި މެމްބަރުގެ މަޤާމު ހަމަވުމާއި އާއްމުންގެ ތެރެއިން އިންތިހާބުކުރި 2 މެމްބަރެއް އިސްތިޢުފާ ދިނުމުގެ ސަބަބުންނެވެ.

މީޑިއާތަކުން އިންތިހާބުކޮށް ދައުރު ހަމަވެފައިވަނީ މުޙައްމަދު އިޤްނާޛް ޢަލީއެވެ. އަދި އާއްމުންގެ ތެރެއިން އިންތިކާބު ކުރި މީހުންގެ ތެރެއިން އިސްތިޢުފާ ދީފައިވަނީ އަރްމާން ރަޝީދު އާއި މުޙައްމަދު ސޮފްވާންއެވެ.

މީޑިއާ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިތަކަށް އައު މެމްބަރުން ހޮވުމަށް މިއަދު ވަނީ އިންތިހާބު ބާއްވާފައެވެ. ވެލާނާގެ ގްރައުންޑް ފްލޯރގައި އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 10:00 އިން 11:00 އަށެވެ.

މި އިންތިހާބުގައި މީޑިއާތައް ތަމްސީލު ކުރެއްވުމަށް މެންބަރަކާއި އާންމުން ތަމްސީލުކުރެއްވުމަށް 2 މެންބަރަކު އިންތިހާބުކުރިއެވެ.

މި އިންތިޚާބުގައި މީޑިއާތައް ތަމްސީލު ކުރެއްވުމަށްޓަކައި 2 ބޭފުޅަކު ކުރިމަތިލައްވާފައިވެއެވެ. އަދި ކައުންސިލްގައި ހިމެނޭ އާންމު މެންބަރުކަމަށް 4 ބޭފުޅަކު ކުރިމަތިލައްވާފައިވެއެވެ. އޭގެެތެރެއިން މީޑިއާތަކުން ހުސްވެފައިވާ މެމްބަރުކަމަށް އިންތިހާބުވީ ޚަބަރު އޮންލައިންއިން ވާދަކުރެއްވި ހދ.ކުޅުދުއްފުށި ކާށިދޫގެ އަލީ އާދަމްއެވެ. އަލީ އާދަމްއަށް 64 ވޯޓް ލިބިވަޑައިގެންނެވިއެވެ.

އާންމުންގެ 2 ގޮނޑި ކާމިޔާބުކުރެއްވީ 49 ވޯޓު ލިބިވަޑައިގެންނެވި ފ.ބިލެތްދޫ ބަސަރީ ހިޔާ، ޖައިލަމް ތައުފީޤާއި 43 ވޯޓު ލިބިވަޑައިގެން އިންތިޚާބު ކާމިޔާބުކުރެއްވި ފ.ދަރަނބޫދޫ، ރޯޝަނީގެ އަލީ އިސްމާއިލްއެވެ.

މިއަދު ބޭއްވި އިންތިޚާބުގައި 72 މީޑިއާއަކުން ވޯޓުލާފައިވެއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުންގެ ދައުރުގެ މުއްދަތަކީ 2 އަހަރު ދުވަހެވެ.