ޚަބަރު

ފުލުހުންނާއި ސިފައިންގެ މުސާރައަށް ހެޔޮބަދަލުތަކެއް ގެންނާނަން: ރައީސް


ދިވެހި ފުލުހުންނާއި ސިފައިންގެ މުސާރައަށް ހެޔޮބަދަލުތަކެއް ގެންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ފުލުހުންގެ 90 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވީ ދައުލަތް ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ އެންމެ މުހިންމު ކަމަކީ، ދައުލަތުގެ މުވައްޒަފުންނަށް ރަނގަޅު ގޮތްތައް ހަމަޖައްސައިދިނުންކަމަށެވެ. އެ ގޮތުން، ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް، މިދިޔަ އަހަރުގެ ތެރޭގައި ހެޔޮ ބަދަލެއް ގެންނަވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މަތީ ތަޢުލީމު ދޭ ސަރުކާރުގެ މުއައްސަސާތަކުގެ ލެކްޗަރާއިންގެ މުސާރައަށް ވެސް، މިދިޔަ މާޗް މަހުން ފެށިގެން ހެޔޮ ބަދަލެއް ގެނެވިކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ އަންނަ މެއި މަހުން ފެށިގެން ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށެވެ. އެ ބަދަލުތަކުގެ އިތުރު ތަފްޞީލުތައް ޕޭ ކޮމިޝަނުންނާއި ހެލްތު މިނިސްޓްރީން މާދަމާ އިއުލާން ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ދާއިރާތަކުގެ އިތުރުން ދިވެހި ފުލުހުންނާއި ސިފައިންގެ މުސާރައަށްވެސް ހެޔޮބަދަލުތަކެއް ގެންނަވާނެކަމަށެވެ، އަދި އެ މަސައްކަތް ޕޭ ކޮމިޝަނުން ކުރިއަށްގެންދަވާކަން ރައީސް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތުގެ ތެރެއިން، ދިވެހި ފުލުހުންނާއި ދިވެހި ސިފައިންގެ މުސާރައަށް ވެސް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހެޔޮ ބަދަލުތަކެއް ގެންނާނަން. އެކަމާ ބެހޭ ދިރާސާތައް ޕޭ ކޮމިޝަނުން މިހާރު އެއަންނަނީ ކުރަމުން. މިދެންނެވި ޕޭ ހާމަނައިޒޭޝަންގެ މަސައްކަތް ނިމިގެން ދާއިރު، ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް އަންނާނެ." ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވއެވެ.

އާއްމު ރައްޔިތުން ފަދައިން ދިވެހި ފުލުހުންނާއި ސިފައިންނަށްވެސް ބޯހިޔާވަހިކަމުގެ ދަތިކަން ހުރިކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ފުލުހުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ފަށާފައިވާ "ބްލޫ ހައުސިންގ ސްކީމް"ގެ ދަށުން ހަދާ ފްލެޓްތައް ނިމިގެން ޙަވާލުކުރާއިރު، ފްލެޓްތަކުގެ އަގަށް ހެޔޮ ބަދަލެއް ގެނައުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރައްވަމުން އަންނަކަމަށްވެސް ރައީސް ވިދާޅުވިއެވެ.