ކޮންމެ އަހަރަކު 500 އެއްހާ މީހުން އަލަށް މަސްތުވާތަކެތީގެ ވަބާގައިޖެހޭކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.
ފުލުހުންގެ 90 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ އަލަށް ތައާރަފްވާ ތަފާތު ބާވަތްތަކުގެ މަސްތުވާތަކެއްޗާއެކު ޒުވާނުން މިކަމުގެ ތެރެއަށް ވަންނަ މިންވަރު އިތުރުކަމަށެވެ. އެގޮތުން އަލަށް 400 އާއި 500އާ ދެމެދުގެ އަދަދަކަށް އެކި އުމުރު ފުރައިގެ މީހުން ކޮންމެ އަހަރަކުވެސް އަލަށް މަސްތުވާތަކެތީގެ ތެރެއަށް ވަންނަމުންދާކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.
މިކަމަކީ ކަންބޮޑުވާކަމެއްކަން ފާހަގަކުރައްވާ ސިޕީ ހަމީދު ވިދާޅުވީ މިކަންކަން ހައްލުކުރުމަށް ފުލުހުން ހިމެނޭގޮތުން ޖިނާއީ ޢަދުލުގެ ނިޒާމާއި މި މައްސަލައާ ގުޅުން ހުރި ދައުލަތުގައި ހިމެނޭ ހުރިހާ އިދާރާތަކުން އެއް މިސްރާބަކަށް މަސައްކަތްކުރަން ޖެހޭކަމަށެވެ. އަދި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ފުލުހުންގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން މަސްތުވާތަކެތި އަތުލައިގަނެވޭ މިންވަރު އެތައް ގުނައަކުން އިތުރުކޮށްފައިވާކަމަށްވެސް ހަމީދު ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ ފާއިތުވި އަހަރު އެކަނިވެސް 13000 އަށް ވުރެ ގިނަ ޖިނާއީ މައްސަލަ ފުލުހުން ތަހުގީގުކުރެއްވިކަމަށެވެ. ސީޕީ ވިދާޅުވީ ކުށްކުރުމާއި އެ ކަމުގެ ބިރުވެރިކަން އެއްކޮށް ނައްތައިލުމަކީ އެއްވެސް މުޖުތަމައެއްގައި ކުރެވޭނެ ކަމެއް ނޫންކަމަށާއި ނަމަވެސް ކުރެވެން އޮތް ކަމަކީ އެ ފަދަ ނުރައްކާތައް ވީހާވެސް މަދުކުރުންކަމަށެވެ.
"ފުލުހުންގެ ޚިދުމަތް ރާއްޖޭގައި މެދުކެނޑުމެއް ދެތި ފޯރުކޮށްދެވެމުން އަންނަތާ 90 އަހަރު ފުރުން ރަމްޒުކޮށްދެނީ މުޖުތަމަޢުގެ އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ޚިދުމަތްކުރި އެތައް ހާސް ފުލުހެއްގެ މަސައްކަތް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ފުލުހުން މަސައްކަތްކުރާ ގޮތާއި
އެ މަސައްކަތްތަކަށް އިސްކަންދޭ ތަރުތީބުތަކާއި، ރޭވުންތެރިކަމުގެ ތެރެއިން ފުލުހުންނަށް މުހިންމު ނަތީޖާތަކެއް ނެރެވިދާނެ." ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވިއެވެ.
ފުލުހުންގެ ތަޙްޤީގުގެ ބޮޑުބައެއް ބަރޯސާވަނީ ފޮރެންސިކް ތަޙްލީލުތަކަށްކަން ފާހަގަކުރައްވާ ހަމީދު ވިދާޅުވީ ޖިނާއީ ބޮޑެތި މައްސަލަތައް ތަޙްޤީގުކުރެއްވުމަށްޓަކައި ޒަމާނީ މޮޅޮ ވަޞީލަތްތަކުގެ ދައުރު ބޮޑުކަމަށެވެ. ކުށްކުރުމުގެ މައްސަލަތައް އިންތިޙާއަށް އިތުރުވަމުން އަންނަކަން ފާހަގަރައްވާ އެފަދަ ކުށްތައް އިންޓަރނެޓްގެ ޒަރިއްޔާއިން ކުރަމުން އަންނަކަންވެސް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. ނަމަވެސް މިފަދަ ކުށްތަކަށް އަރައިގަންނަ މީހުން ދެނެގަތުމަށް ގޮންޖެހުންތައް ގިނަވުމުގެ ސަބަބުން އެންމެ އެކަށީގެންވާ ނަތީޖާ ނުނެރެވޭކަން ސީފީ ހަމީދު ފާހަގަކުރެއްވިއެވެ.
"ގޮންޖެހުންތައް ހުރިނަމަވެސް ޚިދުމަތް ތަރައްޤީކޮށް ޒަމާނީ ވައްޓަފާޅިއާ ބައްދަލުވާ ރައްދެއް ދެވޭނެ މިންވަރަށް ފުލުހުންގެ ތަޙްޤީގީ ޤާބިލުކަން އިތުރުކުރުމަށް އަންނަނީ މަސައްކަތް ކުރުމުން. ތަޙްޤީގުކުރުމުގައި އުޅޭ 573 ފުލުހުންގެ ތެރެއިން ގިނަ ފުލުހުންނަކީ ޤާނޫނުގައި ބުނާ ފެންވަރުގެ ނުވަތަ އެއްއަށްވުރެ މަތީ ފެންވަރެއްގެ ތަމްރީން ލިބިފައިވާ މީހުން. ދެންތިބި މީހުންނަށް ފުރިހަމަކުރަންޖެހޭ ތަމްރީންތައް ފުރިހަމަކުރަމުން. ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވިއެވެ.
ފުލުހުންގެ ޚިދުމަތުގެ ދިގު ތާރީހުގައި އައިސްފައިވާ ތަރައްގީ އާއި ކުރިއެރުން ފާހަގަކުރައްވަމުން ސީޕީ ހަމީދު ވިދާޅުވީ ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ދެމުން އަންނަތާ ކިތަންމެ ގިނަ ދުވަސްތަކެއްވީ ނަމަވެސް ގާނޫނީ ހައިސިއްޔަތެއް 2004ވަނަ އަހަރުގެ ލިބުމަކީ މި ޚިދުމަތް އިތުރަށް ތަރައްގީކުރަން ލިބުނު ފުރުސަތެއް ކަމަށެވެ.