ރާއްޖޭގެ ޖަލުތަކުގައި ތިބޭ ޤައިދީންނަށް މިހާރު އަނިޔާއެއް ނުލިބޭނެ ކަމަށާއި، އެފަދަ އަނިޔާއެއް ދީފިނަމަ އެ އޮފިސަރަކާ މެދު ފިޔަވަޅު އަޅަމުން އަންނަ ކަމަށް މިނިސްޓަރ އޮފް ހޯމް އެެފެއަރޒް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ 90 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ޢިމްރާން ވިދާޅުވީ ފުލުހުންނާ މެދު ރައްޔިތުންގެ ގިނަ ޝަކުވާތަކެއް އެބަހުރި ކަމަށް ޤަބޫލުފުޅު ކުރައްވާކަމަށެވެ.
ފުލުހުންގެ އަހަރީދުވަސް ފާހަގަކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ ބައެއް އޮފިސަރުންގެ ކިބައިން ރައްޔިތުންނަށް ބައެއް ފަހަރު އަނިޔާތަކާއި ގެއްލުންތައް ލިބޭކަން ޤަބޫލުފުޅުކުރައްވާކަމަށެވެ. ނަމަވެސް ފުލުހެއްގެ ކިބައިން އެއްވެސް ރައްޔިތަކަށް އަނިޔާއެއް ލިބުމަކީ އެއްވެސް ޙައިސިއްޔަތަކުން ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ހޯމް މިނިސްޓަރ ވިދާޅުވީ ކުރިއާ ޚިލާފަށް ޖަލުތަކުގައި ބަންދުކުރެވޭ މީހުންނަށް ވަރަށް މަދު ފަހަރަކު ނޫނީ އަނިޔާއެއް ލިބޭ ޚަބަރު ނުލިބޭކަމަށެވެ. އަދި އެފަދަ މަޢުލޫމާތެއް ލިބިއްޖެނަމަ ކޮމިޝަނަރާއި، ކޮމިޝަނަރުގެ ޓީމާއެކު އަޅަން ޖެހޭ ފިޔަވަޅު އަޅަމުންގެންދަވާކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް އެކަން ކުރައްވާނީ އެގޮތަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ފުލުހުންގެ ކިބައިން ރައްޔިތަކަށް އަނިޔާއެއް ލިބިގެން ނުވާނެ. ފުލުހެއްގެ ކިބައިން ރައްޔިތަކަށް އަނިޔާއެއް ނުލިބޭކަން ކަށަވަރުކުރުމަށް މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ޚާއްޞަ އިސްކަމެއް ދިނިން. މިއަދު އެ ކަމުގެ ހެޔޮ ނަތީޖާ އެބަ ފެނޭ؛ ޖަލުތަކުގައި އަނިޔާކުރާ ހަބަރުތައް މިހާރު މަދުފަހަރަކު ނޫނީ ނުލިބޭ." މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ ވިދާޅުވިއެވެ.
ނުރައްކާތެރި ހާލަތަކާ ކުރިމަތިލާއިރު، ކުށްކުރާ މީހާއަށް ގެއްލުމެއް ނުވަތަ އަނިޔާއެއް ނުދީ، އޭނާގެ އިންސާނީ ކަރާމާތާއި ޢިއްޒަތަށް އަސަރުނުކުރާ ގޮތަށް ގާނޫނު ތަންފީޒުކުރުމަކީ ފުލުހުން ކުރަން ޖެހޭ ކަމެއްކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ރަށްރަށަށް ޒިޔާރާތްކުރައްވައި އަތޮޅުތެރޭގައި ޤާއިމުވެގެން ތިބޭ ފުލުހުންނާ ބައްދަލުކުރައްވާފައިވާކަމަށެވެ. އަދި އެ ބައްދަލުވުންތަކުގައި ފުލުހުންގެ ދިރިއުޅުމާއި މަސައްކަތުގެ މާހައުލުގައި އެންމެ އެކަށީގެންވާ މާހައުލު ނެތްކަން ފެނިވަޑައިގެންނެވިކަމަށް މިނިންޓަރ ވިދާޅުވިއެވެ.
"އަޅުގަނޑަށް މިއަދު ބުނެވިދާނެ ޖަލުގެ ހާލަތު ރަނގަޅުކޮށް ތިބޭ ގައިދީންނަށް ވުރެ އަތޮޅުތެރޭގައި ތިބޭ ފުލުހުން ނިދައި ކައިބޮއި ހަދަން ޖެހޭ ތަނުގެ ހާލު ބޮޑު. އެހެން ނަމަވެސް، ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ކޮންމެ ދުވަހަކު އެ ކުރާ މަސައްކަތަކީ އަޅުގަނޑުމެން ބަލައިގަންނަން ޖެހޭ ކަމެއް،" މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން އަބްދުﷲ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ ވަނީ ފުލުހުންގެ ޚިދުމަތް ފެށިގެން އައިގޮތާއި ދިމާވި ދަތިތަކުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅުދައްކަވާފައެވެ. އަދި މިނިސްޓަރ ވަނީ ކުށްކުރި އެންމެން އަތުލައިނުގަނެވުނަސް ކުށެއް ނުކުރާ މީހަކަށް ފުލުހުންގެ ފަރާތުން އަނިޔާއެއް ލިބުނަނުދިނުމަށް ފުލުހުންނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. ފުލުހެއްގެ ނުވަތަ މަދު އޮފިސަރެއްގެ ފުށުން ދިމާވާ ކަމެއްގެ ސަބަބުން މުޅި ފުލުހުންގެ މުއައްސަސާ ބަދުނާމް ނުކުރުމަށްވެސް މިނިސްޓަރ ވަނީ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.