މިހާރު ކުރިއަށްދާ މެޑްރިޑް އޯޕަން ޓެނިސް މުބާރާތުގެ ހަތަރުވަނަ ބުރުން ރަޝިއާގެ ޑަނީލް މެޑްވެޑޭވް ޖާގަ ހޯދައިފިއެވެ.
މިމުބާރާތުގެ ހަތަރުވަނަ ބުރުން ދުނިޔޭގައި ތިންވަނައަށް ރޭންކް ކުރެވިފައިވާ މެޑްވެޑޭވް ޖާގަހޯދީ ތިންވަނަ ބުރުގައި ރަޝިއާގެ އެލެގްޒެންޑަރ ޝެވްޗެންކޯ އާއި ބައްދަލުކުރި މެޗް ދެސެޓް އެއްސެޓުން ކާމިޔާބުކޮށްގެންނެވެ.
މިމެޗްގެ ސެޓްތައް މެޑްވެޑޭވް ކާމިޔާބުކޮށްފައިވަނީ ފަހަތުން އަރާ ހަތަރެއް ހައެއް، ހައެއް އެކެއް އަދި ހަތެއް ފަހަކުންނެވެ.
މިމުބާރާތުގައި ދުނިޔޭގައި 5 ވަނައަށް ރޭންކް ކުރެވިފައިވާ ގްރީސްގެ ސްޓެފަނޯސް ސިޓްސިޕާސްވެސް ވަނީ ހަތަރުވަނަ ބުރުން ޖާގަހޯދާފައެވެ. އެއީ ތިންވަނަ ބުރުގައި އާޖެންޓީނާގެ ސެބަސްޓިއަން ބައޭޒް އާއި ބައްދަލުކުރިމެޗް ދެސެޓް އެއްސެޓުން ކާމިޔާބުކޮށްގެންނެވެ. އެއީ ހަތެއް ފަހެއް، ތިނެއް ހައެއް އަދި ހައެއް ތިނަކުންނެވެ. މިމުބާރާތުގެ ތިންވަނަ ބުރުގެ ކުޅުމަށް ބަލާލާއިރު އެންމެ ފާހަގަ ވެގެންދިޔައީ ޗައިނާގެ ޒާންގ ޒިޒޭން ހަތަރުވަނަ ބުރުން ޖާގަހޯދުމެވެ.
ދުނިޔޭގައި 99 ވަނައަށް ރޭންކް ކުރެވިފައިވާ ޒިޒޭން ހަތަރުވަނަ ބުރުން ޖާގަހޯދީ ތިންވަނަ ބުރުގައި އިނގިރޭސިވިލާތުގެ ކެމެރޮން ނޯރީ އާއި ބައްދަލުކުރި މެޗް ދެސެޓް އެއްސެޓުން ކާމިޔާބުކޮށްގެންނެވެ. އެއީ ދެއެއް ހައެއް، ހަތެއް ހައެއް އަދި ހަތެއް ހަޔަކުންނެވެ. މިއީ މާސްޓަރސް ވަން ތައުޒަންޑްގެ މުބާރާތެއްގެ ހަތަރުވަނަ ބުރުން ޗައިނާގެ ކުޅުންތެރިޔަކު ޖާގަހޯދި ފުރަތަމަ ފަހަރެވެ.
މިމުބާރާތުގެ ހަތަރުވަނަ ބުރުގައި ޒިޒޭން ވާދަކުރާނީ އެމެރިކާގެ ޓޭލަރ ފްރިޓްޒްއާއެވެ. މިމުބާރާތުގެ ހަތަރުވަނަ ބުރުން ފްރިޓްޒް ޖާގަހޯދީ ޗިލީގެ ކްރިސްޓިއަން ގަރިން އާއި ބައްދަލުކުރިމެޗް ހައެއް އެކެއް އަދި ހަތެއް ހަޔަކުން ކާމިޔާބު ކޮށްގެންނެވެ.
މިމުބާރާތުގެ އަންހެން ބަޔަށް ބަލާލާއިރު ދެވަނައަށް ސީޑް ކުރެވިފައިވާ ބެލަރޫސްގެ އަރީނާ ސަބަލެންކާ އާއި މިމުބާރާތުގެ މިހާތަނަށް މޮޅު ކުޅުމެއް ދައްކަމުންދިޔަ ޒުވާން ކުޅުންތެރިޔާ ރަޝިއާގެ މީރާ އަންޑްރީވާ ބައްދަލުކުރި މެޗް ފަސޭހަ ކަމާއެކު ހައެއް ތިނެއް އަދި ހައެއް އެކަކުން ކާމިޔާބުކުރީ ސަބަލެންކާއެވެ. މިކާމިޔާބީއާއެކު މިމުބާރާތުގެ އަންހެން ސިންގަލްސް އިވެންޓްގެ ކްއާޓަރ ފައިނަލުން ސަބަލެންކާ ވަނީ ޖާގަހޯދާފައެވެ.