ކުޅިވަރު

ޑެއްލީ ކެޕިޓަލްސް އަތުން ގުޖުރާތު ޓައިޓަންސް ބަލިވެއްޖެ


އިންޑިއަން ޕްރިމިއަރ ލީގު (އައިޕީއެލް) ކްރިކެޓް މުބާރާތުގެ ތާވަލުގެ އެންމެ ފުލުގައި އުޅޭ ޑެއްލީ ކެޕިޓަލްސް އަތުން އެއްވަނައިގައި އޮތް ގުޖުރާތު ޓައިޓަންސް ބަލިވެއްޖެއެވެ.

މިމެޗް ކެޕިޓަލްސް ކާމިޔާބުކޮށްފައިވަނީ ފަސް ލަނޑުންނެވެ.

އަހްމަދާބާދުގެ ނަރެންދްރަ މޯދީ ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ޓޮސް ދިމާވެގެން ކެޕިޓަލްސްއިން ނިންމީ އެންމެ ފުރަތަމަ ބެޓް ކުރާށެވެ. އެގޮތުން އެޓީމުން އެންމެ ފުރަތަމަ ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 130 ލަނޑެވެ. އެޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ 51 ލަނޑު ހަދާދިން އަމަން ހަކީމް ހާންއެވެ. މީގެއިތުރުން އަޒާރު ޕަޓޭލް 27 ލަނޑު ހަދާދިން އިރު ރިޕަލް ޕަޓޭލް ވަނީ 23 ލަނޑު ހަދާފައެވެ. މިއިނިންގްސްގައި ޓައިޓަންސްއަށް އެންމެ ރަނގަޅަށް އުކާފައިވަނީ ހަތަރު އޯވަރުގެ ތެރޭގައި އެގާރަ ލަނޑަށް 4 ވިކެޓް ނަގާދިން މުހަންމަދު ސާމީއެވެ. އޭނާވަނީ މެޗްގެ ފުރަތަމަ ބޯޅައިން ކެޕިޓަލްސްގެ އޯޕަނިންގ ބެޓްސްމަން ކަމަށްވާ އިންގްލަންޑްގެ ފިލް ސޯލްޓްގެ ވިކެޓް ނަގާފައެވެ.

ޖަވާބުގާ ކުޅެން އަރާ ޓައިޓަންސްއަށް 20 އޯވަރުގެ ތެރޭގައި 6 ކުޅުންތެރިން ނުބައިވެގެން ހެދުނީ 125 ލަނޑެވެ. އެޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ނުބައިނުވެ 59 ލަނޑު ހަދާދިން އެޓީމްގެ ކެޕްޓަން ހަރްޑިކް ޕާންޑްޔާއެވެ. އަދި އަބީނާވް މަނޯހަރުވަނީ 26 ލަނޑު ހަދާދީފައެވެ. މިއިނިންގްސްގައި ކެޕިޓަލްސްއަށް އެންމެ ރަނގަޅަށް އުކާފައިވަނީ ހަތަރު އޯވަރު 23 ލަނޑަށް ދެވިކެޓް ނަގާދިން އިޝާންތު ޝަރްމާ އާއި ހަތަރު އޯވަރު 24 ލަނޑަށް ދެވިކެޓް ނަގާދިން ހަލީލް އަހްމަދެވެ.

ޓައިޓަންސްގެ ފަހު އޯވަރަށް ދިޔައިރު އެޓީމަށް މޮޅުވާން ހަދަން އޮތީ 12 ލަނޑެވެ. ނަމަވެސް އިޝާންތުގެ މޮޅު އުކުމާއެކު އޭނާވަނީ ޓައިޓަންސްއަށް އެކަން ވިޔަނުދީ ހިފަހައްޓާލާފައެވެ. މިކާމިޔާބީއާއެކު ޑެއްލީ ކެޕިޓަލްސް އަދިވެސް ތާވަލްގެ އެންމެ ފުލުގައި އޮތް ނަމަވެސް މިހާރުވަނީ އަށް ވަނަ އާއި ނުވަވަނައިގާ އޮތް ކޮލްކަޓާ ނައިޓް ރައިޑަރސް އާއި ސަންރައިޒް ހައިދުރަބާދާއި ޕޮއިންޓްގެ ގޮތުން ހަމަކޮށްފައެވެ. އެއީ ހަ ޕޮއިންޓެވެ. އަދި ގުޖުރާތު ޓައިޓަންސް އުޅެނީ 9 މެޗުން ލިބިފައިވާ 12 ޕޮއިންޓާއެކު 10 ޓީމް ހިމެނޭ މިލީގުގެ އެއްވަނައިގައެވެ.