"ޕްލާސްޓިކާ ދުރުވުމުގެ" ސިޔާސަތާއެކު މާލޭގެ ގޭބީސީތަކަށް ތިމާވެއްޓާ ރައްޓެހި، ގިނަފަހަރު ބޭނުންކުރެވޭ ފޮތި ކޮތަޅު ބަހަން މާލެސިޓީ ކައުންސިލުން ނިންމަވައިފިއެވެ. ސިޓީ ކައުންސިލުން މިގޮތަށް ނިންމަވާފައިވަނީ އެކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުންކަމަށް ކައުންސިލުން ވިދާޅުވިއެވެ.
ސިޓީ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ މާލެ، ވިލިމާލެ، ހުޅުމާލެ ފުރަތަމަ ފިޔަވަހި އަދި ދެވަނަ ފިޔަވައްސަށް މާލެ ސިޓީ ކައުންސިލުން ތިމާވެއްޓާ ރައްޓެހި ކޮތަޅު ބެހުމަށެވެ. މާލެ ސިޓީ ކައުންސިލުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލުގެ ޓީމުތަކުން ގޭބީސީތަކުގެ ދޮރުމައްޗަށް ގޮސް ކޮތަޅު ބަހާ ގޮތަށެވެ.
މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މާލެސިޓީ ކައުންސިލްގެ ބޭނުމަކީ މި މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރުން ކަމަށާއި، ތިމާވެށި ރައްކާތެރިކުރުމަށް އެކިކަހަލަ މަޝްރޫޢުތައް ހިންގުމަކީ މާލެސިޓީ ކައުންސިލްގެ އެއް އަމާޒުކަމަށެވެ. މޭޔަރު ވިދާޅުވީ މާލެސިޓީ ކައުންސިލްގެ އެއް އަމާޒަކީ ތިމާވެށި ރައްކާތެރިކުރުމަށް އެކިކަހަލަ މަޝްރޫޢުތައް ހިންގުންކަމަށެވެ. ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ 25 ކޮތަޅު ހިމެނޭ ކޮތަޅު ޕެކްތަކެއް ގޭބިސީތަކަށް ބަހާނެ ކަމަށާއި މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ 50 ހާހެއްހާ ގޭބީސީއަށް ކޮތަޅު ހަދިޔާ ކުރާނެ ކަމަށެވެ. އަދި މި ކަމަށް 1.5 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.
”އަޅުގަނޑު މި ހުށަހަޅަނީ އެކަހަލަ 25 ކޮތަޅުގެ ޕެކް ހަދާފަ މާލެސިޓީ ކައުންސިލްގެ ޚަރަދުގަ މާލެ ސިޓީގެ ކޮންމެ ގޭބިސީ އަކަށް ހިލޭ ފޯރުކޮށްދޭން. މިކަހަލަ މަސައްކަތްކުރާ ބޭފުޅުންނާ ނުރަސްމީކޮށް ދެކެވުނު ވާހަކައިގަ ފްރައިޓް ޗާޖާ އެއްކޮށް މާލެ ހުޅުމާލެ އަދި ވިލިމާލޭގެ ގާތް ގަނޑަކަށް 50 ހާސް ގޭބިސީ އަށް 1.5 މިލިއަން ރުފިޔާ ޚަރަދު ވާނެ.“ މޭޔަރ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލުން ބަހަން ނިންމާފައިވަނީ އެކި ކަންކަމަށް އެކި ކުލަ ޚާއްޞަކޮށްފައިވާ ތިމާވެއްޓާ ރައްޓެހި ކޮތަޅުކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ. މި ކޮތަޅުތައް ހުންނާނީ ބާޒާރު ކުރުމުގައި ރައްޔިތުން އާންމުކޮށް ބޭނުންކުރާ މީޑިއަމް ސައިޒަށްކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.