"ވެހި އޯ ލެވެލް ސަކްސެސް ޕްރޮގްރާމް 2023" ގެ އެވޯޑް 37 މުދައްރިސަކަށް ދެއްވައިފިއެވެ.
ވެހި އޯލެވެލް ސަކްސެސް ޕްރޮގްރާމްގެ އެވޯޑް ދިނުމުގެ ހަފްލާ ބާއްވާފައިވަނީ އިއްޒުއްދީން ސްކޫލްގައެވެ. އެ ހަފްލާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢާއިޝަތު ޢަލީއެވެ.
"ވެހި އޯ ލެވެލް ސަކްސެސް ޕްރޮގްރާމް" އަކީ ސްކޫލް ވެހި ޕްރޮގްރާމްގެ ދަށުން އޯ ލެވެލް އިމްތިޙާނުން ދަރިވަރުންނަށް ރަނގަޅު ނަތީޖާ ހޯއްދަވައިދެއްވާ، އެ ނަތީޖާ ހިފެހެއްޓެވުމަށް ނަމޫނާ މަސައްކަތްތަކެއް ކުރައްވާ މުދައްރިސުންގެ އަގުވަޒަންކުރުމަށްޓަކައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ފަށްޓަވާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ 26 ސްކޫލަކުން 37 މުދައްރިސުންނަށް މިއެވޯޑް ދެއްވާފައެވެ.
މި އެވޯޑްތައް ދެއްވާފައިވަނީ 3 ކެޓަގަރީއަކުންނެވެ. އެއީ މުދައްރިސަކު ކިޔަވައިދެއްވާ މާއްދާއިން މެދުނުކެނޑި 15 އަހަރު ދަރިވަރުންގެ އޯ ލެވެލް އިމްތިހާނުގެ ނަތީޖާ %60 އަށް ވުރެ މަތީގައި ހިފެހެއްޓުމުން ދެއްވާ އެލިޓް އެވޯޑާއި މުދައްރިސަކު ކިޔަވައިދެއްވާ މާއްދާއިން މެދުނުކެނޑި 10 އަހަރު ދަރިވަރުންގެ އޯ ލެވެލް އިމްތިހާނުގެ ނަތީޖާ %60 އަށް ވުރެ މަތީގައި ހިފެހެއްޓެވި މުދައްރިސުންނަށް ދެއްވާ އޯލެވެލް އެޗީވްމަންޓް އެވޯޑާއި މުދައްރިސަކު ކިޔަވައިދެއްވާ މާއްދާއިން މެދުނުކެނޑި 5 އަހަރު ދަރިވަރުންގެ އޯ ލެވެލް އިމްތިހާނުގެ ނަތީޖާ %60 އަށް ވުރެ މަތީގައި ހިފެހެއްޓެވި މުދައްރިސުންނަށް ދެއްވާ އޯލެވެލް އެކްސެލެންސް އެވޯޑެވެ.
މި ޕްރޮގްރާމްގެ ސަބަބުން މުދައްރިސުން އުނގަންނައިދިނުމުގައި ކުރިއަރައި ދިއުމަށާއި ރަނގަޅު ނަތީޖާ ހޯއްދެވުމުގައި ދެމިތިބުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި ދަރިވަރުންނަށް ނަމޫނާ ދެއްކުމުގައި މެދުނުކެނޑި އެންމެ އުސް ހަރުފަތުގައި މަސައްކަތް ކުރުމަށް ހިތްވަރަކަށް ވެގެންދާނެކަމަށްވެސް މިނިސްޓްރީން ދެކެވަޑައިގަންނަވައެވެ.
ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރުމަށާއި ސްކޫލްތަކުގެ ހިންގުން ހަރުދަނާ ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ގެންދަވަނީ ޕްރޮގްރާމްތައް ހިންގަވަމުންނެވެ. އެގޮތުން "ސްކޫލް ވެހި" ޕްރޮގްރާމަކީ މިގޮތަށް ހިންގަވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ތެރެއިން ބިނާކުރަނިވި އުނގަންނައިދިނުމުގެ ޙަރަކާތްތައް ތަރައްޤީކުރުމަށާއި، ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް މުދައްރިސުންނަށް އެހީތެރިކަން ފޯރުކޮށްދެއެވެ. މިހާރު މިޕްރޮގްރާމްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 153 ސްކޫލުން ބައިވެރިވެއެވެ.