ޚަބަރު

އައްޑޫ ސިޓީ މޭޔަރުގެ މައްޗަށް އޭސީސީން ދައުވާ ކުރަނީ


ސަތާރަވަނަ ސާރކް ސަމިޓަށް ކޮންވެންޝަން ސެންޓަރު ޒީނަތްތެރިކުރުމަށް ހެދި ކުރެހުންތައް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފާއިދާ ހޯއްދަވައިދެއްވުމަށް ބަޔަކާ ޙަވާލުކުރެއްވިކަމުގެ ތުހުމަތުގައި އައްޑޫ ސިޓީ މޭޔަރު ޢަބްދުﷲ ޞާދިޤުގެ މައްޗަށް ދަޢުވާކުރެއްވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށައަޅުއްވައިފިއެވެ.

ސާރކް ސަމިޓަށް ކޮންވެންޝަން ސެންޓަރުގައި ބެހެއްޓެވުމަށް ސިމެންތިން ހެއްދެވި ކުރެހުންތަކެއް ހައްދަވައިފައިފައިވަނީ މާލިއްޔަތު ޤާނޫނާ ޚިލާފަށްކަމަށް ބުނެ، އޭސީސީއަށް ހުށައެޅުނު މައްސަލަ ބައްލަވައި، މިއަދު އެ ކޮމިޝަނުން ނެރުއްވި ބަޔާނެއްގައި، އިސީސީގައި ބަހައްޓަވަން ކުރެހުންތަކެއް ހައްދަވަން ބަޔަކާ ސަތޭކަ ފަސްދޮޅަސް ނުވަހާސް ފައްސަތޭކަ ރުފިޔާއަށް ޙަވާލްކުރައްވާފައިވަނީ އިޢުލާންކުރެއްވުމަކާ ނުލާކަމަށް ބަޔާންކުރައްވާފައިވެއެވެ. އަދި އެކަމުގެ އެއްބަސްވުމުގައި އައްޑޫ ސިޓީގެ މޭޔަރުގެ ޙައިސިއްޔަތުން ސޮއކުރެއްވީ ޢަބްދުﷲ ޞާދިޤުކަމަށާއި އޭރު ފަނަރަހާސް ރުފިޔާއަށް އެ މަސައްކަތް އެހެން ކުންފުންޏަކާ ޙަވާލްކުރައްވާފައިވާ ކަންވެސް އެސީސީގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

އެސީސީންގެ ބަޔާނުގައި މި އެއްބަސްވުމުގައި މަސައްކަތް ނިންމަންޖެހޭ ތާރީޚާއި އަދި މަސައްކަތުގެ އަގު ބަޔާންކުރައްވާފައި ނުވާކަމަށް ވިދާޅުވެފައިވެއެވެ. އަދި މަސައްކަތްކުރި ފަރާތުން ފައިސާ ހޯދުމަށް ބިލް ފޮނުވުމުން ދެ ފަހަރެއްގެ މަތިން އެ ފައިސާ ދޫކުރައްވާފައިވާ ކަމަށްވެސް އޭސީސީގެ ބަޔާނުގައިވެއެވެ.

އޭސީސީގެ ޓީމެއް ފޮނުއްވައިގެން ބެއްލެވި ބެއްލެވުމުން، އިސީސީ ޒީނަތްތެރިކުރެއްވުމަށް ހެއްދެވި ކުރެހުންތައް އެއްގޮތަކަށްވެސް ބޭނުންނުކުރައްވައި ކޮންވެންޝަން ސެންޓަރުގެ ތެރޭގައި ހުރިކަމަށް އޭސީސީގެ ބަޔާނުގައިވެއެވެ.

އައްޑޫ ސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިޤުގެ މައްޗަށް ދަޢުވާކޮށްދެއްވުމަށް އެދި އެސީސީން ޕީޖީއަށް ހުށައެޅުއްވި މައްސަލާގައި ވަނީ ދައުލަތަށް ލިބިވަޑައިގެންފައިވާ ގެއްލުމުގެ ބަދަލުގެ ޖުމްލަ ތިންސަތޭކަ ތިރީސް ހަހާސް ރުފިޔާ ދައުލަތަށް އަންބުރާ ހޯދަންޖެހޭކަމަށެވެ.