ކުޅިވަރު

23 އަހަރުން ދަށުގެ ޓީ20 މުބާރާތް: ފުވައްމުލައް ޓީމާއި މާލޭ އޭ ޓީމު ފައިނަލަށް


23 އަހަރުން ދަށުގެ ކުޅުންތެރިންނަށް އަމާޒުކޮށް ކުރިއަށްގެންދާ ޓީ20 ކްރިކެޓް މުބާރާތުގައި މިއަދު ކުޅުނު މެޗުތަކުން މޮޅުވެ ފައިނަލުގެ ޖާގަތައް ފުވައްމުލައް ޓީމާއި މާލޭ އޭ ޓީމުން ކަށަވަރުކޮށްފިއެވެ.

މިމުބާރާތަކީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ތިން ޓީމަކާއެކު ލީގު އުޞޫލުން ކުރިއަށްގެންދާ މުބާރާތެކެވެ. މުބާރާތުގެ ކުޅުން ކުރިއަށްދަނީ ތިން ޓީމު ލީގު އުޞޫލުން ދެ ބުރެއް ކުޅުމަށްފަހު، ލީގު ބުރުގެ ކުރި ހޯދާ ދެ ޓީމު ފައިނަލަށް ދާ ގޮތަށެވެ.

މި މުބާރާތުގައި މިއަދު ކުޅުނު މެޗުތަކުގައިވެސް ވަނީ ދެ ސެންޗަރީގެ އިތުރުން ޤައުމީ ރިކޯޑެއް ފެނިގެންގޮސްފައެވެ. މިއަދު ހެނދުނު ކުޅުނު މެޗުން ފުވައްމުލައް މޮޅުވީ މާލޭ އޭ ޓީމު އަތުން ނުވަ ވިކެޓުންނެވެ.

ކުޅިވަރު އެކުވެނީ ކްރިކެޓް ދަނޑުގައި ކުޅުނު މި މެޗުގެ ގުރު ދިމާވުމުން ފުވައްމުލައް ޓީމު ނިންމީ ހޮވުމަށެވެ. އެއާއެކު މާލޭ އޭ ޓީމު އެންމެ ކުޅެން އަރައި 19.4 އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 110 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 38 ބޯޅައިން 23 ލަނޑު ހެދި ހުސެއިން ޝާދިންއެވެ.

ޖަވާބުގައި ފުވައްމުލައް ޓީމު ކުޅެން އަރައި 14.2 އޯވަރުގައި ވަނީ އެންމެ ކުޅުންތެރިއަކު ނުބައިވެގެން 111 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ ނުބައިނުވެ 45 ބޯޅައިން 52 ލަނޑު އެއްކުރި އާޒިން ރަފީގެވެ.

މީގެ އިތުރުން މިއަދު މެންދުރުފަހު ކުޅުނު މެޗުން މާލޭ އޭ ޓީމު މޮޅުވީ މާލޭ ބީ ޓީމު އަތުން 162 ލަނޑުންނެވެ. މި މެޗުގެ ގުރު ދިމާވުމުން މާލޭ އޭ ޓީމު ކުޅެން އަރައި 20 އޯވަރު ހަމަވިއިރު އެންމެ ކުޅުންތެރިއަކު ނުބައިވެގެން ވަނީ 256 ލަނޑު ހަދާފައެވެ.

އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 61 ބޯޅައިން 107 ލަނޑު ހެދި އިބްރާހީމް ސަދޫފް އާއި 68 ބޯޅައިން 107 ލަނޑު އެއްކުރި ޝިއުސް ފަރީދެވެ. މި އާއެކު ސަދޫފް އާއި ޝިއުސް ވަނީ 214 ލަނޑުގެ އޯޕަނިން ޕާޓްނަރޝިޕަކާއެކު ގައުމީ އައު ރިކޯޑެއް ގާއިމުކޮށްފައެވެ. މި ރިކޯޑު އިއްޔެ ހަދާފައިވަނީ ފުވައްމުލައް ޓީމުގެ ޝައުފް ހަސަން އާއި އާޒިން ރަފީޤެވެ. އެ ދެ ކުޅުންތެރިންގެ ސްކޯރިންއަކީ 209 ލަނޑެވެ.

ޖަވާބުގައި މާލޭ ބީ ޓީމު ކުޅެން އަރައި 20 އޯވަރު ހަމަވިއިރު ހަތް ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 94 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ ނުބައިނުވެ 46 ބޯޅައިން ހާފް ސެންޗަރީއެއް ހެދި އިސްމާޢީލް ނަޒުވާނެވެ.

މި ނަތީޖާތަކާއެކު ފައިނަލަށް ފުވައްމުލައް ޓީމާއި މާލޭ އޭ ޓީމު ދަތުރުކުރިއިރު، ތާވަލުގެ އެއްވަނައިގައި އޮތް ފުވައްމުލައް ޓީމުން ވަނީ ކުޅުނު ހަތަރު މެޗުންވެސް މޮޅުވެ އަށް ޕޮއިންޓް ހޯދާފައެވެ. ދެވަނައިގައި އޮތް މާލޭ އޭ ޓީމަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް މާލޭ ބީ ޓީމަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މި މުބާރާތުގެ ލީގު ބުރުގައި ބާކީ ދެ މެޗު އޮތްއިރު، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުއެވެ.