ދުނިޔޭގެ ވިޔަފާރި

އަހަރެއްހާ ދުވަހުގެ ތެރޭގައި ކާބޯތަކެތީގެ އަގު ފުރަތަމަ ފަހަރަށް އުފުލިއްޖެ


ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގުތައް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް އުފުލިއްޖެއެވެ.

އދގެ ފުޑް އެންޑް އެގްރިކަލްޗަރ އޮގަނައިޒޭޝަން، އެފްއޭއޯއިން ބުނީ ހުކުރުދުވަހު އަހަރެއްގެ ތެރޭގައި ފުރަތަމަ ފަހަރަށް މިދިޔަ އޭޕްރީލްމަހު އުފުލިފައިވާކަމަށެވެ.

ކާބޯތަކެތީގެ އަގުތައް އުފުލިފައިވަނީ ހަކުރު، އެއްގަމު މަސް އަދި ހަނޑުލުގެ އަގު އުފުލުމުންކަމަށް އެފްއޭއޯއިން ބުނެއެވެ. އަދި ސީރިއަލްއާއި، ކިރުގެ ބާވަތްތަކާއި ވެގިޓަބަލް އޮއިލްގެ އަގުތައް ވަނީ އުފުލިފައެެވެ.

އެފްއޭއޯގެ ވޯލްޑް ޕްރައިސް އިންޑެކްސް މިދިޔަމަހު އެވްރެޖްކޮށް ހުރީ 127.2 ޕޮއިންޓްގައެވެ. އެހެންކަމުން މިއީ މާޗުމަހު އެ އަދަދު އެވްރެޖްކޮށް ހުރި 126.5 ޕޮއިންޓާއި އަޅާބަލާއިރު ބޮޑު އަދަދެކެވެ.

ހަކުރުގެ އަގު އިންޑެކްސް މާޗްމަހުން ފެށިގެން %17.6 އިތުރުވެފައިވާއިރު، މިއީ 2011 ވަނަ އަހަރުގެ އޮކްޓޫބަރަށްފަހު ހަކުރު އަގު އެންމެ ބޮޑަށް އުފުލުނު ފުރަތަމަ ފަހަރެވެ.

އެފްއޭއޯއިން ބުނިގޮތުގައި ހަކުރުގެ އަގު އުފުލުމަށް މެދުވެރިވީ އިންޑިއާ އާއި ޗައިނާއިން ހަކުރު އުފައްދާނެ މިންވަރު ދަށްވާނެކަމަށް ލަފާކުރުމާއި ތައިލެންޑާއި ޔޫރަޕް އިއްތިހާދު، އީޔޫގެ އުފެއްދިވަރު މަދުވުމުންނެވެ.

މިދިޔަމަހު އެއްގަމުމަހުގެ ޕްރައިސް އިންޑެކްސް %1.3 އަށް މައްޗަށް ގޮސްފައިވާއިރު، ކިރުގެ އަގު ވަނީ %1.7 އަށް ދަށަށް ގޮސްފައެވެ. އަދި ތަރުކާރީ ތެލުގެ އަގު %1.3 އަށް ވެއްޓިފައިވާއިރު، ސީރިއަލްގެ އަގު ވަނީ %1.7 އަށް ވެއްޓިފައެވެ.

ސީރިއަލް ސަޕްލައި އާއި ޑިމާންޑާބެހޭ ވަކި ރިޕޯޓެއްގައި އެފްއޭއޯއިން ލަފާކޮށްފައިވާ ގޮތުގައި މި އަހަރު ދުނިޔޭގެ ގޮދަން އުފެއްދުން 785 މިލިއަން ޓަނަށް އަރާނެއެވެ. ނަމަވެސް މިއީ މިދިޔަ އަހަރު ހަނޑޫ އުފެއްދި މިންވަރަށްވުރެ ދަށް މިންވަރެކެވެ.