ދުނިޔޭގެ ވިޔަފާރި

ބެއިލްއައުޓް ޕްރޮގްރާމް ފައިނަލްކުރަން އައިއެމްއެފްއާއި ޕާކިސްތާނުން މަސައްކަތްކުރަނީ


އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފްއިން ޕާކިސްތާނަށް ދޭން ނިންމާފައިވާ ބެއިލްއައުޓް ޕްރޮގްރާމްގެ 9 ވަނަ ރިވިއު ނިންމުމަށް މަސައްކަތްކުރަމުން އަންނަކަމަށް އައިއެމްއެފްގެ މިޝަން ޗީފް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ދެ ފަރާތުން އަންނަނީ މިކަމާއިގުޅޭ މަޝްވަރާތައް ކުރަމުންނެވެ. އަދި މިއީ 2019 ވަނަ އަހަރު އައިއެމްއެފްއިން ދޭން އެއްބަސްވެފައިވާ 6.5 ބިލިއަން އެމެރިކާ ޑޮލަރުގެ ބެއިލްއައުޓް ޕްރޮގްރާމަކަށް ފައިސާ ދޭން ފެށުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކުރާ މަޝްވަރާތަކެކެވެ. މަޝްވަރާތައް ކުރިއަށްދާއިރު ޕާކިސްތާނުގެ އިންފްލޭޝަން ވަނީ ރެކޯޑު އަދަދެއް ކަމަށްވާ %36.4 އަށް އޭޕްރީލްމަހު މަތިވެފައެވެ.

މާލީ ދަތިކަން ކުރިމަތިވެފައިވާ ޕާކިސްތާނަށް އައިއެމްއެފްގެ މި ބެއިލްއައުޓް ޕްރޮގްރާމް ވަރަށް މުހިއްމެވެ.

އައިއެމްއެފްގެ މިޝަން ޗީފް ނޭތަން ޕޯޓާ ރޮއިޓާސްއަށް ދެއްވި ބަޔާނެއްގައި ވިދާޅުވީ އައިއެމްއެފްއިން ޕާކިސްތާނުގެ ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރަމުން އަންނަނީ ބޭނުންވާ ފައިސާ ހަމަކޮށް، އެއްބަސްވުން ފައިނަލް ކުރުމަށްކަމަށެެވެ. އަދި ކުރިއަށް އޮތް މުއްދަތުގައި ސިޔާސަތުތައް ތަންފީޒުކުރުމުގައި އައިއެމްއެފްއިން ކަމާއިބެހޭ ފަރާތްތަކަށް އެހީތެރިވެދޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސައުދީ އަރަބިއާ އާއި ޔުނައިޓެޑް އެރަބް އެމިރޭޓްސް، ޔޫއޭއީން މާލީގެ އެހީގެ ގޮތުގައި 3 ބިލިއަން އެމެރިކާ ޑޮލަރު ދޭނެކަމަށް ޕާކިސްތާނުން އިއުލާނުކޮށްފައި އޮތްނަމަވެސް އެ ފައިސާ އަދި ޕާކިސްތާނަށް ލިބިފައެއް ނުވެއެވެ. ޕާކިސްތާނުގެ ދުވަސްވީ އެކުވެރި ގައުމެއް ކަމަށްވާ ޗައިނާއިން ވަނީ ލޯނު އެހީ ދީފައެވެ.

ބެއިލް އައުޓް ޕްރޮގްރާމާއި ގުޅިގެން ޕާކިސްތާނާއި އައިއެމްއެފްއާއި ދެމެދު ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާއިރު، ސައުދީ، ޔޫއޭއީ އަދި ޗައިނާ އިން ދޭ މާލީ އެހީ ފުދޭތޯ ނުވަތަ ބޭރުގެ އިތުރު އެހީތެރިކަމެއް ބޭނުންވާނެ ކަމެއް އަދި ސާފެއް ނުވެއެވެ.

މިހާރު ކުރިއަށްދާ އައިއެމްއެފް ޕްރޮގްރާމްގެ އަމާޒަކީ މި ހިނގާ ޖޫންމަސް ނިމުމުގެ ކުރިން ޕާކިސްތާނަށް އިތުރު 1.4 ބިލިއަން އެމެރިކާ ޑޮލަރު ދޫކުރުމެވެ.