ދިރާސީ އައު އަހަރުގެ ކިޔެވުމާއެކު ސްކޫލް ދަރިވަރުންނަށް ފަސޭހަވާނޭ ގޮތަށް ބަސް ރޫޓަށް ބަދަލުގެންނަން އެޑިއުކޭޝަން މިނިސްޓްރީން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާއެކު މަޝްވަރާކުރައްވައިފިއެވެ.
މިކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ އަޙްމަދު ޢަލީ ވިދާޅުވީ ދިރާސީ އައު އަހަރު ފެށުމުގެ ކުރިން ސްކޫލް ކުދިންނަށް ފަސޭހައިން ބަހުގެ ޚިދުމަށް ދިނުމަށް މަޝްވަރާކުރެއްވި ކަމަށެވެ. އޭނާ ވިދާޅުވީ ވިސްނުން ހުރީ އެމްޓީސީސީއާ ގުޅިގެން މިހާރު އޮތް ބަހުގެ ނިޒާމުގެ ތެރެއިން ސްކޫލް ކުދިންނަށް ޚާއްޞަ ބަސް ދަތުރުތަކެއް ފަށަން ކަމަށެވެ. މީގެ އިތުރުން ބަހުގެ ޚިދުމަތް ހޯދުމުގައި ސްކޫލް ކުދިންނަށް ދިމާވާ މައްސަލަތައް ޙައްލުކޮށް ބާރު ބޮޑުވާ ވަގުތުތަކުގައި ފަސޭހައިން ބަހުގެ ހިދުމަތް ލިބޭނެ މަގު ފަހިކުރުމާ ގުޅޭގޮތުން ވެސް މިބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަމަށް އަޙްމަދު އަލީ ވިދާޅުވިއެވެ.
ސްކޫލް ދަރިވަރުންނަށް ޚާއްޞަ ބަސް ދަތުރުތައް ފެށުމަށްޓަކައި @MTCCPlc އާ މިނިސްޓްރީގެ އިސްވެރިން ބައްދަލުކޮށް މަޝްވަރާކުރެއްވުން. pic.twitter.com/wYO915uXyX
— Ministry of Education (@MoEdumv) May 11, 2023
މީގެ ކުރިން ވެސް ބާރުބޮޑު ގަޑިތަކުގައި ސްކޫލް ކުދިންނަށް ޚާއްސަކޮށްގެން އެމްޓީސީސީން ބަސްދަތުރު އިތުރުކޮށްފައިވާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެކުންފުނީގެ މިހާރުގެވެސް ވިސްނުންހުރީ ބާރު ބޮޑުވާ ވަގުތުތަކުގައި ސްކޫލްކުދިންނަށް ފަސޭހައިން ބަހުގެ ޚިދުމަތް ހޯދޭނެ ފަދަ ގޮތަކަށް އިންތިޒާމްތައް ހަމަޖެއްސެވުމަށް ކަމަށެވެ.
" އެކުދިންނަށް ވަކިން ޚާއްސަ ގަޑިތަކެއްގައި ބަސްދަތުރުތަކެއް ކޮށް، ބަސް ސްޓޮޕްތައް ވެސް އެ ކުދިންނަށް އެންމެ ކޮންވީނިއެންޓް ވާނެ ގޮތަކަށް ބެހެއްޓުމަށް މަޝްވަރާކުރެވުނު. އަޅުގަނޑުމެންގެ އަތުގައި ހުރި ޑޭޓާ އެއްޗެތި ވެސް ވަނީ ޝެއަރކޮށްފައި. ގެނެވެން ހުރި ބަދަލުތައް ގެނެވުމަށް މަސައްކަތް ކުރައްވާނެ." އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓެރީ އަހްމަދު އަލީ ވިދާޅުވިއެވެ.
ހުޅުމާލެ ދެވަނަ ފިޔަވައްސާ މާލެއާ ދެމެދު ބަހުގެ ޚިދުމަތް އެންމެ ފުރަތަމަ ފެށީވެސް ސްކޫލް ކުދިންނަށް ޚާއްސަކުރެވިގެންނެވެ. އަދި ސްކޫލް ޔުނިފޯމްގައި ތިބޭ ދަރިވަރުންނަށް ހިލޭ ދަތުރުކުރެވޭނެ ގޮތްވެސް ހަދާދީފައިވެއެވެ.