ޚަބަރު

އިސްރަށްވެހިންގެ އިޖްތިމާޢީ މަރުކަޒުގެ މަސައްކަތް 2 މަސްތެދުވަހުގެ ތެރޭގައި ނިންމާ ޚިދުމަތް ފަށަނީ


އިސްރަށްވެހިންނަށް ޚިދުމަތް ދިނުމަށް ޚާއްސަކޮށްގެން ތަރައްޤީކުރާ އިސްރަށްވެހިންގެ އިޖްތިމާޢީ ފުރަތަމަ މަރުކަޒުގެ މަސައްކަތް ކުރިއަށް އޮތް 2 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އިން ވިދާޅުވެއްޖެއެވެ.

އިސް ރަށްވެހިންގެ އިޖްތިމާޢީ މަރުކަޒުތަކެއް ރާއްޖޭގެ އެކި ސަރަޙައްދުގައި ޤާއިމްކުރެއްވުމަކީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ މުހިންމު މަސައްކަތެކެވެ. އަދި އިސްރަށްވެހިންގެ ފުރަތަމަ މަރުކަޒު މާލޭގައި ޤާއިމްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙް އިޢުލާންކުރެއްވީ މިދިޔަ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު، ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ އަގުވަޒަންކޮށް އިނާމްދިނުމަށްޓަކައި ބޭއްވެވި ޖަލްސާގައެވެ.

އިސްރަށްވެހިންގެ އިޖްތިމާޢީ މަރުކަޒެއް ޤާއިމްކުރެއްވުމުގެ ބޭނުމަކީ އިސްރަށްވެހިންނަށް ދޭންޖެހޭ ޙައްޤު ގަދަރާއި އިޙްތިރާމް ހޯދައިދިނުމަށް މަގުފަހި ކުރުމާއި އެކަންކަމަށް ބާރުއެޅުމުގެ އިތުރުން، އިސް ރަށްވެހިންނަށް ބޭނުންވާ އިޖްތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަދި މުޖުތަމަޢުގައި އިސް ރަށްވެހިންގެ ހިއްސާ މިހާރަށްވުރެ ބޮޑަށް އިތުރުކުރުމާއި ދުޅަހެޔޮ ދޮށީ އުމުރަކަށް ތައްޔާރުވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތައް ރާވާ ހިންގުމަކީވެސް މިފަދަ މަރުކަޒުތައް އެޅުމުގެ ބޭނުމެކެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް އިޢުލާން ކުރެއްވި ފަދައިން ފުރަތަމަ އިސްރަށްވެހިންގެ އިޖްތިމާޢީ މަރުކަޒު ތަރައްޤީ ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށްޓަވާފައެވެ. މާލޭގައި އިސްރަށްވެހިންގެ މަރުކަޒު ތަރައްޤީ ކުރަނީ ކީރިތި ޤުރުޢާނާ ބެހޭ ޤައުމީ މަރުކަޒު ކުރިން ހިންގި ބިމުގައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޖެންޑަރ މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީ ޒައުފިޝާން ޢަބްދުﷲ ވިދާޅުވީ އެ މަރުކަޒު ތަރައްޤީ ކުރެއްވުމަށްޓަކައި ޕްލޭނިން މިނިސްޓްރީގެ އެހީތެރިކަމާއެކު ޤުރުއާނާ ބެހޭ މަރުކަޒު ހިންގި ޢިމާރާތް މަރާމާތުކުރުމުގެ މަސައްކަތްތައް ކުރައްވަމުން އަންނަކަމަށެވެ. އަދި އެތަނަށްބޭނުންވާ މުވައްޒަފުންނާއި ވަޞީލަތްތައް ހަމަކުރުމުގެ މަސައްކަތްތައް ކުރައްވަމުން އަންނަކަމަށް ޒައުފިޝާން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތް ދެމަސްދުވަހުގެ ތެރޭގައި އެތަނުގެ މަސައްކަތްނިންމާ ޚިދުމަތް ފެށުމަށް މަސައްކަތްކުރައްވަމުން އަންކަމަށެވެ.

"މަސައްކަތްތައް ރާވާލައިގެން ކުރިއަށް މިގެންދަނީ ދެ މަސްތެރޭ ޚިދުމަތް ފެށުމަށް. ބަޖެޓްގައި ހިމަނައިގެން މުވައްޒަފުންނާއި ތަކެތި ހޯދުމުގެ މަސައްކަތްތައް މި އަންނަނީ ކުރަމުން." ޕާމަނަންޓް ސެކެރެޓަރީ ޒައުފިޝާން ޢަބްދުﷲ ވިދާޅުވިއެވެ.

ޖެންޑަރ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަކްރަމް ޙުސައިން ވިދާޅުވީ އިސްރަށްވެހިންގެ އިޖްތިމާޢީ މަރުކަޒުގެ ޚިދުމަތް ދެމުން ގެންދާނީ، އިޖްތިމާޢީ މަސައްކަތްތައް ކުރާ އެކި ޖަމުޢިއްޔާތަކުގެ އެހީއާއެކުކަމަށެވެ. އަދި އެ މަރުކަޒު ތަރައްޤީކުރެވިގެންދާނީ އިސްރަށްވެހިންގެ ކްލަބެއްގެ ގޮތުގައި ކަމަށާއި، އެމީހުންގެ ތަޖުރިބާތައް ހިއްސާކުރުމަށްޓަކައި ފޯރަމްތައްވެސް ބޭއްވިގެންދާނެކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި އެ މަރުކަޒު މެދުވެރިކޮށް މާލެ ސަރަޙަށްދުގައި ދާންމަތިވެފައިތިބި އިސްރަށްވެހިންނަށް ޚިދުމަތްދިނުމަށްވެސް އިންތިޒާމަތައް ހަމަޖައްސަވާނެކަމަަށް އޭނާ ވިދާޅުވިއެވެ. އަކްރަމް ވިދާޅުވީ އިސްރަށްވެހިންގެ މަރުކަޒު މެދުވެރިކޮށް ސަރުކާރުގެ އެކި އިދާރާތަކުން ޚިދުމަތް ހޯދުމަށްޓަކައިވެސް އެމީހުންނަށް އެހީވެވޭނެ އިންތިޒާމްތައް ހަމަޖެހިގެންދާނެކަމަށެވެ.

"އުމުރުން ދުވަސްވީ މީހުންނަކީ މުޖުތަމަޢުގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބައެއް. ނަމަވެސް ވަކި އުމުރަކަށް ދިޔައީމަ ރިޓަޔަމަންޓްއަކަށް ދާން މިޖެހެނީ. އެއާއެކު އެމީހުންގެ ބަސްތަކެއް ނުވަތަ ތަޖުރިބާ ހިއްސާ ކުރެވޭނެ އިންތިޒާމްތަކެއް ހަމަޖެހިފައެއް ނުހުރެ. ނަމަވެސް މި މަރުކަޒުތަކުން އެމީހުންގެ ތަޖުރިބާ ހިއްސާކޮށް އެމީހުންގެ ހިތްހަމަޖެހުމަށްވެސް މަސައްކަތްތަކެއް ކުރެވިގެންދާނެ. " ޖެންޑަރ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަކްރަމް ޙުސައިން ވިދަޅުވިއެވެ.

އިސްރަށްވެހިންގެ އިޖްތިމާޢީ މަރުކަޒުން އިސްރަށްވެހިންގެ ތަޖުރިބާ ޒުވާނުންނާ ހިއްސާކޮށް، ޤައުމުގެ ތަރައްޤީގައި އެމީހުން ދެކޭ ގޮތް ހިއްސާ ކުރުމުގެ ފުރުޞަތުތައްވެސް ލިބިގެންދާނެކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ. އަދި އިސްރަށްވެހިންގެ ޢުމުރާ ގުޅޭ ކުޅިވަރުތައް ކުޅޭވޭނެ އިންތިޒާމްތަކާއި، ދޮށީ އުމުރަކަށް ތައްޔާރުވާއިރު އެ އުމުރުގައި ސިއްޙީ ގޮތުން ދިމާވަނެ ކަންތައްތަކާއި ދުޅަހެޔޮކޮށް ހުރުމާ ގުޅޭ ސިއްޙީ މަޢުލޫމާތުތައް އިސްރަށްވެހިންގެ ފަރާތުން ލިބޭނެ އިންތިޒާމްތައްވެސް ހަމަޖެއްސުމަށް ވަނީ ނިންމަވާފައެވެ. އިސްރަށްވެހިންގެ އިޖްތިމާޢީ މަރުކަޒު މާލެ ސަރަޙައްދުގައި ފުރަތަމަ ޤާއިމްކުރިނަމަވެސް ކުރިއަށް އޮތްތަނުގައި މިފަދަ މަރުކަޒުތައް އަތޮޅުތެރޭގައިވެސް ޤާއިމްކުރާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.