އައްޑޫ ސިޓީގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އަންނަމަހު ފަށާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫއު ޙަވާލުކޮށްފައިވަނީ ނެދަލެންޑްސްގެ ވެން އޫޑް ކުންފުންޏާއެވެ. އެ ކުންފުނިން ވަނީ މި މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ މެޝިނަރީއާއި އެހެނިހެން ސާމާނު، މިދިޔަ އަހަރު ޑިސެމްބަރުގައި އެރަށަށް ގެންގޮސްފައެވެ.
އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ، އައްޑޫގެ ބިން ހިއްކާ ޒޯންތަކުގައި ބަންޑު ވޯލްތައް ޖެހުމުގެ މަސައްކަތުގެ ބޮޑުބައި މިހާރު ނިމިފައިވާ ކަމަށެވެ. އެ ޒޯނުތަކުގައި މިހާރު ކުރަމުން އަންނަ މަސައްކަތަކީ ބިން ހިއްކުމަށް ގެނައި ޑްރެޖާގެ ޕައިޕްލައިންތައް ހަރުކުރުން ކަމަށް ކައުންސިލުން ވިދާޅުވެއެވެ. އަދި އަންނަ މަހުގެ ތެރޭގައި ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށޭނެކަމަށެވެ. އައްޑޫ ސިޓީގެ ކައުންސިލުން ވިދާޅުވީ ބިން ހިއްކުމަށް ގެނެވޭ ޑްރެޖަރގެ ޕައިޕްލައިންތައް ހަރުކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ހިނގަމުންދާކަމަށެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޢަބްދުﷲ ޞާދިޤު ވިދާޅުވީ، ބިން ހިއްކުމަށްޓަކައި ބައުންޑްވޯލް ޖެހުމުގެ ބޮޑުބައެއް ނިމިފައިވާކަމަށާއި، ބައުންޑް ވޯލްއާއެކު އެ ސަރަޙައްދު ހިމާޔަތް ކުރުމަށްޓަކައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށެވެ.
ޞާދިޤް ވިދާޅުވީ ހިތަދޫ، މަރަދޫއާއި މަރަދޫފޭދޫގެ ބިން ހިއްކުމުގެ މަސައްކަތް 3 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް އުއްމީދު ކުރައްވާކަމަށެވެ. އަދި ހަންކެޑި މަޝްރޫޢުއަށް ހިއްކަން ބޭނުންވާ ސަރަޙައްދު ހިއްކުމުގެ މަސައްކަތާއެކު ބިން ހިއްކުމުގެ ހުރިހާ މަސައްކަތްތަކެއް މިއަހަރުގެ ނިޔަލަށް ނިންމާލެވޭނެކަމަށެވެ.
"ބިން ހިއްކުމަށް ބޭނުންވާ ހުރިހާ ސަރވޭތަކެއް ވަނީ ކޮށް ނިމިފައި. މަސައްކަތް ކުރިއަށްދަނީ އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓްއާ އެއްގޮތަށްތޯ ބެލުމަށް އީ.ޕީ.އޭގެ ބޭފުޅުންވެސް ޒިޔާރާތްކުރޭ" ޢަބްދުﷲ ޞާދިޤު ވިދާޅުވިއެވެ.
އައްޑޫ ސިޓީން ޖުމްލަ 193 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. އަދި 11 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ގޮނޑުދޮށް ހިމާޔަތްކުރާނެއެވެ. މިގޮތުން އައްޑޫ ސިޓީގެ ހިތަދޫއިން 90 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެއެވެ.
މީގެ އިތުރުން މަރަދޫ އަދި މަރަދޫފޭދޫ އިން 76 ހެކްޓަރ އަދި ޓުއަރިޒަމަށް ޙާއްސަކޮށްގެން ފަޅުތެރެއިން ހިއްކައިގެން އުފައްދާ 8.3 ހެކްޓަރުގެ 3 ރަށް ހިއްކުމަށް ވަނީ ހަމަޖެހިފައިވެއެވެ. މި މަޝްރޫޢު ނިމިގެންދާއިރު، މިހާރު އައްޑޫސިޓީއަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
އައްޑޫގެ 4 ސަރަޙައްދެއްގެ ބިން ހިއްކުމުގެ މަޝްރޫއަކީ އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިޔަށްގެންދާ މަޝްރޫޢެކެވެ. އަދި އައްޑޫ ސިޓީގައި ކުރިއަށްދާ ބިންހިއްކުމުގެ މަޝްރޫޢުއަކީ މިވަގުތު އެ ސިޓީގައި ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫޢުއެވެ.