ޚަބަރު

ރާއްޖެ ހިމެނޭ ސަރަޙައްދުގެ މަސްވެރިކަން ކުރިއެރުވުމަށް ވޯލްޑް ބޭންކުގެ ޚާއްސަ މަޝްރޫޢެއް


ދެކުނު ހުޅަނގު އިންޑިއާ ކަނޑުގެ ސަރަޙައްދުގެ މަސްވެރިކަން ބެލެހެއްޓުން ހަރުދަނާކުރުމަށާއި، ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގެ ވާދަވެރިކަން އިތުރުކުރުމަށް ވޯލްޑް ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑުން 64.8 މިލިއަން ޑޮލަރުގެ މަޝްރޫޢެއް ފާސްކޮށްފިއެވެ.

މި މަޝްރޫއު ކުރިއަށްގެންދަނީ ސަރަޙައްދީ ފެންވަރުގައި މަސައްކަތްކުރާ އިންޑިއަން އޯޝަން ކޮމިޝަނާއި، ރާއްޖޭގެ މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ގުޅިގެންނެވެ.

ޓްރާންސްފޯމިން ފިޝަރީޒް ސެކްޓަރ މެނޭޖްމަންޓް އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް (ޓްރާންސްފޯމް)ގެ ނަމުގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ ޢަމާޒަކީ މުޅި ދެކުނު ހުޅަނގު އިންޑިއާ ކަނޑުގެ ސަރަޙައްދުގެ މަސްވެރިކަން ބެލެހެއްޓުން ހަރުދަނާކުރުންކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.

މި މަޝްރޫޢުގެ ދަށުން ލިބެން ހުރި މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޑޭޓާ އަދި ދިރާސާތައް ހަދައި އެ މަޢުލޫމާތު ޙިއްޞާކުރުމުގެ ތެރެއިން ސަރަޙައްދީ ގުޅުން ބަދަހިކުރުމާއި، މަސްވެރިކަމާއި މަހުގެ ސްޓޮކް ހުރި މިންވަރު ދެނެގަތުން ހަރުދަނާކުރުމަށް މަސައްކަތްކުރާނެއެވެ. އަދި ވަކި އަމާޒުތަކަކަށް ވާސިލްވެވޭ ގޮތަށް ޤާބިލިއްޔަތުކަން އިތުރުކުރުން، އަދި ސަރަޙައްދީ ފެންވަރުގައި މަސްވެރިކަން ބެލެހެއްޓުމަށް ކުރެވޭ އެހެނިހެން ކަންކަމާ ގުޅިލާމެހިގެންދާ ގޮތަށް މަސައްކަތްތައް ބައްޓަންކުރަން މަސައްކަތްކުރެވިގެންދާނެ ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.

ވޯލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީލަންކާ އަދި ނޭޕާލަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ބެލެހެއްޓުމުގައި ރާއްޖޭން ހޯދާފައިވާ ހަރުދަނާ ކާމިޔާބީއަކީ ދެކުނު ހުޅަނގު އިންޑިއާ ކަނޑުގެ ސަރަޙައްދުގެ އެހެން ޤައުމުތަކަށް ނަމޫނާއެއް ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން މަސްވެރިކަމާއި މެރިކަލްޗަރ އަދި އެކުއަކަލްޗަރ ފަދަ ގުޅުންހުރި ދާއިރާތަކުގައި ކުދި ވިޔަފާރި އާއި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑު ދައުރެއް އަދާކުރުމަށް މަގުފަހިވެގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިއީ ރާއްޖޭގެ އަމިއްލަ ވިޔަފާރިތަކުގެ ކުރިއެރުމަށް ހުރަސްއެޅޭ ގޮތަށް ހުރި ކަންކަމާއި އިންވެސްޓްމަންޓާއި، ވިޔަފާރީގެ މާޙައުލުގައި ހުރި ބަލިކަށިކަމަށް ޙައްލެއް ހޯއްދަވަން ދިވެހި ސަރުކާރާއި ވޯލްޑް ބޭންކާ ދެމެދު ޤާއިމްކޮށްފައިވާ މުހިންމު ގުޅުމުގެ ދަށުން ކުރިއަށްގެންދެވޭ މަޝްރޫއެއްކަމަށް ވެސް ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވިއެވެ.

މި މަޝްރޫއަށް ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 64.8 މިލިއަން ޑޮލަރެވެ.

އޭގެތެރޭގައި ހިމެނެނީ، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ލުއި ގޮތްތަކެއްގެ މަތިން އެހީތެރިކަން ދިނުމަށް ޚާއްޞަ ވޯލްޑް ބޭންކްގެ ގޮފި ކަމަށްވާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން އިންޑިއަން އޯޝަން ކޮމިޝަނަށް ދޭ 12 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ އިތުރުން، އެ ގޮފިން ރާއްޖެއަށް ދޭ 26.4 މިލިއަން ޑޮލަރުގެ ލޯނާއި 26.4 މިލިއަން ޑޮލަރުގެ ހިލޭ އެހީއެވެ.

ވޯލްޑް ބޭންކުން ބުނީ މި މަޝްރޫއުގެ ދަށުން، މަސްވެރިކަމުގެ ސިނާޢަތުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ޤައުމީ ފެންވަރުގައި ޤާބިލުކަމާއި ހުނަރު ތަރައްޤީކޮށް، ގުޅުންހުރި ޤަވާޢިދުތައް އެކުލަވާލެވޭނެ ކަމަށެވެ. އަދި ޢަމާޒަކީ، ދެކުނު ހުޅަނގު އިންޑިއާ ކަނޑުގެ ސަރަޙައްދުގެ، ޚާއްޞަކޮށް މި ސަރަޙައްދުގެ ޖަޒީރާ ޤައުމުތަކުގެ އިލްމާއި ޤާބިލުކަން އިތުރުކުރުމަށް އެހީތެރިކަންދޭ ސަރަޙައްދީ މަރުކަޒެއްގެ ގޮތުގައި ރާއްޖެއިން ޙަރަކާތްތެރިވުންކަމަށް ވެސް ވޯލްޑް ބޭންކުން ބުނެއެވެ.

މި މަޝްރޫޢުގެ ދަށުން، ތިމާވެއށްޓާ ރަށްޓެހި، އަދި ކާރިސާތަކަށް ތައްޔާރުވެފައިވާ ހަމަ އެހެންމެ އެންމެންގެ ބައިވެރިވުން އޮންނަ ވިޔަފާރި ފުޅާކުރުމުގެ އުޞޫލުތަކެއްގެ ތެރެއިން މަސްވެރިކަމާއި އެ ސިނާޢާތާ ގުޅުންހުރި ދާއިރާތައް ފުޅާކޮށް، ތަރައްޤީކުރުން ހިމެނެއެވެ.

ދެކުނު ހުޅަނގު އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ކަނޑު ރާއްޖެ އާއި އިތުރު 11 ޤައުމަކުން ޙިއްޞާކުރެއެވެ. އޭގެތެރޭގައި ޖަޒީރާ ޤައުމުތައް ކަމަށްވާ މަޑަގަސްކަރަ، މޮރިޝަސް އަދި ސީޝެލްސް ފަދަ ޤައުމުތައް ހިމެނެއެވެ.