ދިވެހި ދަޢުލަތުގެ މީޑިއާގެ ޓެލެވިޜަން މޯލްޑިވްސްއަށް ކޮށްދެއްވި ޚިދުމަތްތައް ފާހަގަކޮށް އަލްމަރުޙޫމް ޙުސައިން މުޙައްމަދުގެ ހަނދާނަށް ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްއިން އަރުވާ ޝަރަފުގެ ހަނދާނީ ފިލާ، ޙުސައިން މުޙައްމަދުގެ އާއިލާއާއި ޙަވާލުކުރައްވައިފިއެވެ.
މި ފިލާ އަރުވާފައިވަނީ ޓީވީއެމްއަށް 45 އަހަރު ފުރުމާދިމާކޮށް، ޕީ.އެސް.އެމްގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޚާލިދެވެ. މިއީ ދިވެހި ދައުލަތުގެ ޓީވީ މެދުވެރިކޮށް، ދިވެހި ރައްޔިތުންނަށް ޓެލެކާސްޓްގެ ޚިދުމަތް ދިނުމަށާއި، މި ޚިދުމަތް ކުރިއެރުއްވުމުގައި އަލްމަރުޙޫމް ޙުސައިން އަދާކުރެއްވި މުހިއްމު ދައުރުގެ އަގުވަޒަންކުރެއްވުމުގެ އެރުވި ފިލައެކެވެ.
އަލްމަރުޙޫމް ޙުސައިން މުޙައްމަދަކީ، ޓީވީ މޯލްޑިވްސް ހިންގެވި ވެރިއެއްގެ ގޮތުން، ރާއްޖޭގެ ޤައުމީ ޓީވީގެ ޚިދުމަތުގެ ފެންވަރު މަތިކުރައްވައި، ޚިދުމަތް ފުޅާކުރެއްވުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ޙުސައިން މުޙައްމަދު ޓީވީ މޯލްޑިވްސްގައި އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ޑެޕިޔުޓީ ޑިރެކްޓަރ ކަމާއި، ޑިރެކްޓަރ ކަމާއި، ޑިރެކްޓަރ ޖެނެރަލްކަމާއި، އެގްޒެކެޓިވް ޑިރެކްޓަރުކަން ހިމެނެއެވެ.
މި މަޤާމުތަކުގެ ތެރެއިން ޑެޕިއުޓީ ޑިރެކްޓަރުކަން ކުރެއްވި ދުވަސްވަރު ފިޔަވައި އެހެން މަޤާމުތައް ފުރުއްވިއިރު އެ މަޤާމުތަކުގައި ހުންނެވީ ޓީވީ މޯލްޑިވްސް ހިންގަވަން ހުންނެވި ވެރިޔާގެ ގޮތުގައެވެ.
ޓީވީ މޯލްޑިވްސްގެ ޚިދުމަތުގެ ކުރިން ވެސް އަދި ފަހުން ޓީވީ މޯލްޑިވްސްގެ ޚިދުމަތުގެ އިތުރަށް ރާއްޖޭގެ މީޑިއާއަށް މުހިންމު ޚިދުމަތްތައް ކުރެއްވިއެވެ.
އޭގެ ތެރޭގައި ޑިޕާޓްމަންޓް އޮފް އިންފޮރމޭޝަން އެންޑް ބްރޯޑްކާސްޓިންގގެ ނިއުސްރޫމުގައްޔާއި ދިވެހިރާއްޖޭގެ އަޑުގެ ޚަބަރު ނަގާ ތަރުޖަމާކުރާ މަގާމުގައި ހުންނަވައިގެން ކޮށްދެއްވި ޚިދުމަތްތައް ފާހަގަކޮށްލަންޖެހެއެވެ. އަދި ރާއްޖޭގެ ދުވަހު ނޫހެއް ކަމަށްވާ އާފަތިހުގައި ވެސް މުހިންމު މަސައްކަތްތަކެއް ކުރެއްވިއެވެ. ޙުސައިން މުޙައްމަދަކީ ޢާންމު ހޭލުންތެރިކަން އިތުރުކުރެއްވުމުގެ ޕްރޮގްރާމްތައް އުފެއްދެވުމާއި ބޭރު ޚަބަރު ތަރުޖަމާކުރެއްވުމާއި ދުނިޔޭގެ މަޝްރަޙު ދިރާސާކުރެއްވުމުގައި ރާއްޖޭގައި ފާހަގަކޮށްލެވުނު ތަޖުރިބާކާރެކެވެ.
ޢާންމު ހޭލުންތެރިކަން އިތުރުކުރެއްވުމާގުޅޭ ރޭޑިއޯ އަދި ޓީވީ ޕްރޮގްރާމްތައް އުފެއްދެވުމުގެ މަސައްކަތް ޙުސައިން މުޙައްމަދު ކުރައްވަން ފެށްޓެވީ ދިވެހިރާއްޖޭގެ ތަޢުލީމި ކުރިއަރުވާ މަރުކަޒުގެ ނުރަސްމީ ތަޢުލީމާބެހޭ ބައިގައި އުޅުއްވިއިރު އެތާނގެ ޒިންމާއެއްގެ ގޮތުގައެވެ. މި މަސައްކަތުގެ ތަޖުރިބާ، ފަހުން ޓީވީ މޯލްޑިވްސްގެ ވެރިއެއްގެ ގޮތުގައި އުޅުއްވިއިރު ޓީވީ މެދުވެރިކޮށް ޢާންމު ހޭލުންތެކަން އިތުރުކުރެއްވުމުގެ ޕްރޮގްރާމްތައް އުފެއްދެވުމުގައި ބޭނުންފުޅުކުރެއްވިކަން ފާހަގަކުރެވުނެވެ.
ޓީވީ މޯލްޑިވްސް ކުރިއެރުމަށް ޙުސައިން މުޙައްމަދުގެ ވެރިކަމުގައި ކުރެއްވި ފާހަގަކުރެވޭ ބައެއް މަސައްކަތްތަކުގެ ތެރޭގައި، ރާއްޖެއިން ބޭރުން އޭއައިބީޑީގެ ޓްރޭނަރުން ގެންނަވައިގެން ޓީވީ މޯލްޑިވްސްގެ ގިނަ މުވައްޒަފުންތަކެއް އެއްފަހަރާ ތަމްރީންކުރައްވައި، ޓީވީ މޯލްޑިވްސްގެ ޕްރޮގްރާމްތަކުގެ ފެންވަރު މަތިކުރެއްވުން ހިމެނެއެވެ. މި ތަމްރީންތަކުގައި ބޭސިކް ފެންވަރުގައި ޓީވީ ޕްރޮޑަކްޝަން، ލައިޓިންގ އަދި ކެމެރާކުރުމުގެ ތަމްރީންތައް ދެއްވިއެވެ. އަދި ޓީވީ މޯލްޑިވްސްގެ ބައެއް މުވައްޒަފުން ރާއްޖެއިން ބޭރަށް ފޮނުއްވައިގެން ފަންނީ ތަމްރީން ހޯއްދަވައިދެއްވިއެވެ.
މީގެ އިތުރަށް ޓީވީ މޯލްޑިވްސްގެ ޚަބަރާއި ޕްރޮގްރާމްތައް އުފެއްދެވުމާއި ފެތުރުމުގެ ކަންކަން ވަރަށް ގާތުން ބައްލަވައި ދުވަހުން ދުވަހަށް ގެންނަވަން ބޭނުންފުޅުވި މުހިންމު ބަދަލުތައް ގެންނަވައި ފެންވަރު މަތިކުރެއްވުމަށް ކޮންމެ ދުވަހެއްގެ ގިނަ ވަގުތުތަކުގައި ޙުސައިން މުޙައްމަދު މަސައްކަތްކުރައްވައިފައި ވެއެވެ. ޓީވީ މޯލްޑިވްސް މުހިންމު ދައުރެއް އަދާކުރެއްވި ޤައުމީ ކެމްޕެއިންތަކުގައި ވެސް މުހިންމު ދައުރެއް މަރުޙޫމް ޙުސައިން މުޙައްމަދު އަދާކުރެއްވިއެވެ.
ޙުސައިން މުޙައްމަދަކީ، ސަރުކާރަށް 28 އަހަރަށްވުރެ ދިގު މުއްދަތެއް ވަންދެން އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވި އަދި ސަރުކާރުގެ ވަރަށް އިސް މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ. އެ މަޤާމުތަކުގެ ތެރެއިން ޓެލެވިޜަން މޯލްޑިވެސްގައި އަދާކުރެއްވި މަޤާމުތަކަށް ބަލާއިރު، ޑެޕިއުޓީ ޑިރެކްޓަރކަމުގެ މަޤާމު 1988 އިން 1990 އަށް، ޑިރެކްޓަރ އޮފް ޕްރޮގްރާމްސްގެ މަޤާމު 1990 އިން ފެށިގެން 1993 އަކަށް، އެގްޒެކެޓިވް ޑިރެކްޓަރކަމުގެ މަޤާމު 2004 އިން 2006 އަކަށް ފުރުއްވާފައިވެއެވެ.
މީގެ އިތުރުން ތަޢުލީމީ ދާއިރާގައި މުހިއްމު މަޤާމުތަކެއް ފުރުއްވާފައިވެއެވެ. އެޑިޔުކޭޝަން ދާއިރާގައި މަޤާމުތައް އުފުރުއްވި ޙުސައިން މުޙައްމަދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ވަޑައިގަތުމުގެ ކުރިން އެޑިޔުކެޝަން މިނިސްޓްރީގެ މިނިސްޓަރފެ ނާއިބުކަން ވެސް ކުރެއްވިއެވެ. ސިޔާސީ ދާއިރާގައިވެސް ޙުސައިން މުޙައްމަދު ވަނީ ގިނަ އަހަރުތަކެއްވަންދެން މަސައްކަތްޕުޅުކުރައްވާފައެވެ.
ޙުސައިން މުޙައްމަދު ވަނީ ވިދިވިދިގެން 3 ދައުރުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައެވެ. އެގޮތުން 2005 ވަނަ އަހަރުން ފެށިފެން 2009 ވަނަ އަހަރުގެ ނިޔަލަށް ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅު އުތުރުބިރީގެ މެންބަރުކަން ކުރައްވާފައިވެއެވެ. އަދި 2009 އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް 17 ވަނަ ރައްޔިތުންގެ މަޖިލީހާއި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރުކަން ކުރެއްވީ ޙުސައިން މުޙައްމަދުއެވެ.
ރާއްޖޭގެ މިޑިއާއަށް ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ދިވެހި ނޫސްވެރިކަމަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ޙުސައިން މުޙައްމަދަށް ވަނީ ނޫސްވެރިކަމުގެ އަލިމަސް ގަލަން ލިބިވަޑައިގެންފައެވެ.
ޙުސެއިން މުޙައްމަދު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، 4 ސެޕްޓެމްބަރ 2020 ގައެވެ. އަވަހާރަވިއިރު އެމަނިކުފާނުގެ އުމުރުފުޅަކީ، 71 އަހަރެވެ.