ޚަބަރު

އެންސިސް މުވައްޒަފު މަރުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި


ހުޅުމާލޭގައި ހުންނަ އެންސިސް މަސްޕެކްޓްރީގެ ތެރޭގައި ޕިކަޕެއް ފަހަތަށް ޖެހުމުގެ ތެރޭގައި ހިނގި އެކްސިޑެންޓާއި ގުޅިގެން ޕިކަޕް ދުއްވަންއިން މީހާ ހައްޔަރުކޮށްފިއެވެ.

އިއްޔެ މެންދުރުފަހު ހިނގި އެ ހާދިސާގައި އެ ކުންފުނީގެ ބިދޭސީ މުވައްޒަފަކު ވަނީ މަރުވެފައެވެ. މިހާދިސާ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ، 31 އަހަރުގެ ބަންގްލަދޭޝަގެ ރައްޔިތެއްކަމަށް ފުލުހުން ވިދާޅުވެއެވެ. މި ހާދިސާ ހިނގާފައިވަނީ ކޮންޓެއިނަރެއްގައި ފިނިކޮށްފައި ހުރި މަސްތަކެއް ޕިކަޕަކަށް އެރުވުމަށްޓަކައި ކޮންޓެނަރާއި ކައިރިކުރުމަށް ޕިކަޕް ފަހަތަށްޖެހި ވަގުތު އެ ދޭތެރޭގައި އެމީހާ ތާށިވެގެންކަމަށް އެންސިސް ކުންފުނިން ބުނެއެވެ.

އަދި މި މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވިދާޅުވެއެވެ. މި މައްސަލަ ތަހްޤީޤު ކުރައްވަމުންދާކަމަށްވެސް މޯލްޑިވްސް ޕޮލިސް ސާރވިސަސުން ވިދާޅުވެއެވެ.