ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު، ސަމޯއާގެ ބޮޑު ވަޒީރު އަދި ފޮރިން މިނިސްޓަރު ފިއާމޭ ނައޯމީ މަޓައާފާ އާ ބައްދަލުކުރައްވައިފިއެވެ.
ފޮރިން މިނިސްޓަރ ޝާހިދު ސަމޯއާގެ ބޮޑުވަޒީރާ ބައްދަލުކުރައްވާފައި ވަނީ އެމަނިކުފާނު މިހާރު ބެންގކޮކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ، ކުދި ޖަޒީރާ ޤައުމުތަކުގެ ގޮތުގައި ރާއްޖެއާއި ސަމޯއާ ކުރިމަތިލާންޖެހެނީ އެއްގޮތް ގޮންޖެހުންތަކަކާ ކަމަށެވެ. އަދި މި ގޮންޖެހުންތަކާ ކުރިމަތިލުމުގައި ދެ ޤައުމުން އެކުގައި މަސައްކަތްކުރަމުންދާނެކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ ޝާހިދު ވަނީ ޓޮންގާގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަދި މިނިސްޓަރ އޮފް ޓުއަރިޒަމް ފެކީތާމޮއެލޮއާ އުޓޮއިކަމާނޮއާ އާއިވެސް ބައްދަލުކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވަމުންދާ ގޮންޖެހުންތަކާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރެއްވިއެވެ. އަދި ރާއްޖެއާއި ޓޮންގާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.
ހަމައެހެންމެ މި ދަތުރުފުޅުގެ ތެރެއިން ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯރ އޭޝިއާ އެންޑް ދަ ޕެސިފިކް، ޔޫ.އެން.އެސްކެޕްގެ އެގްޒެކެޓިވް ސެކްރެޓަރީ އަރްމިދާ އަލްސްޖަބާނާ އާއިވެސް މިނިސްޓަރ ޝާހިދު ވަނީ ބައްދަލުކުރައްވައިފައިއެވެ.
މި ބައްދަލުކުރެއްވުމުގައި ޔޫ.އެން.އެސްކެޕް އިން ކުރަމުންދާ މުހިންމު މަސައްކަތަށް މިނިސްޓަރ ޝާހިދު މަރުޙަބާ ދެންނެވިއެވެ. އަދި ރާއްޖޭއިން އެސްކެޕްގެ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން އެރުވިއެވެ.