ދުނިޔެ

މައިކްރޯސެފަލީއާ ޒިކާއާ ގުޅުންހުރި އިތުރު ހެކިތައް ފެނުން


އުފެދުމުގައި ސިކުނޑި ފުރިހަމަވުން ހުއްޓުވާލާ މައިކްރޯސެފަލީއާއި، ޒިކާ ވައިރަސްއާ ހުރި ގުޅުން ދައްކައިދޭ އިތުރު ހެކިތަކެއް ފެނިފައިވާކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެފިއެވެ. އެމެރިކާގެ ޖޯން ހޮޕްކިންސް ޔުނިވާރސިޓީގެ ސްކޫލް އޮފް މެޑިސިންއިން ކުރި ދިރާސާތަކަކަށްފަހު ނެރެފައިވާ ރިޕޯރޓެއް ބުނާގޮތުގައި ޒިކާ ވައިރަސް އިން ސިކުނޑީގެ ކޯޓެކްސް ނުވަތަ ބޭރުގެ ފަށަލައިގެ ޓިޝޫތައް ހަލާކޮށްލާ، ސިކުނޑި އުފެދުން ހުއްޓުވާލައެވެ.

މިކަން ކަށަވަރުކުރުމަށްޓަކައި ދިރާސާކުރާފަރާތްތަކުންވަނީ އެއްމަސްދުވަސް ވަންދެން ސްޓެމް ސެލް ބޭނުންކޮށްގެން ޓެސްޓްތަކެއް ކޮށްފައެވެ. މިހޯދުންތަކާއި ގުޅިގެން ޒިކާ ވައިރަސްއިން ސެލްތައް ރައްކާތެރިކުރުމަށް ނުވަތަ ޒިކާވައިރަސްގެ ސަބަބުން ދިމާވާ މައްސަލަތައް ކުޑަކުރުމަށް ބޭހެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް އެހީއަކަށް ވެގެންދާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޒިކާގެ ސަބަބުން އުފެދުމުގައި ސިކުނޑި ފުރިހަމަވުން ހުއްޓުވާލާކަން އަދި މުޅިން ކަށަވަރުވެފައެއްނުވޭ. ނަމަވެސް ލެޓިން އެމެރިކާގެ ޤައުމުތަކުގައި ޒިކާ ހަލުވިކަމާއި އެކު ފެތުރެން ފެށިފަހުން ބްރެޒިލްގައި ވިހާފައިވާ އެތައް ހާސް ކުދިންނަކަށް ސިކުނޑި ފުރިހަމަނުވުމާއި ބޮލުގެ ނާށިގަނޑު ޢައިބުވުމުގެ މައްސަލަ ކުރިމަތިވެފައިވެއެވެ.

ޒިކާ ވައިރަސްއަކީ ޑެންގީ ފަތުރާ އީޑީސް މަދިރީގެ ޒަރިއްޔާއިން ފެތުރޭ ވައިރަހެކެވެ.

ދުނިޔޭގެ ޞިއްޙަތާއި ބެހޭ ޖަމްޢިއްޔާއިން ވަނީ ލެޓިން އެމެރިކާއާއި ކެރީބިއަންގެ ޤައުމު ތަކުގައި ހަލުވިކަމާ އެކު ފެތުރެމުންދާ ޒިކާ ވައިރަސް އޭޝިއާއާއި އެފްރިކާ ބައްރަށް ފެތުރިދާނެކަމުގެ އިންޒާރު ދީފައެވެ.