ތަރައްްޤީ

ނިލަންދު އާއި ބިލެތްދޫގެ ބަނދަރު ތަރައްޤީކުރުން އެމްޓީސީސީއަށް


ފ. ނިލަންދު އާއި އެއަތޮޅު ބިލެތްދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްފިއެވެ. މި ދެ މަޝްރޫޢަކީ 138 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ ދެ މަޝްރޫޢެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވެވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢު އެމް.ޓީ.ސީ.ސީއާ ޙަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ޙަމީދެވެ. އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް ޢާޒިމެވެ.

މި ދެ މަޝްރޫޢުގެ ތެރެއިން ފ. ނިލަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްފައިވަނީ 510 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މި މަޝްރޫޢަށް 66.6 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ.

މި މަޝްރޫޢުގެ ދަށުން ރަށުގެ އިރު އުތުރު ފަރާތުގައި 130 މީޓަރުގެ ބޮޑުހިލައިގެ ނެރުގެ ފައިކަށި ޖެހުމާއި، 131 މީޓަރުގެ ބޮޑު ހިލައިގެ ރިވެންޓްމަންޓް ޖެހުމާއި، 194 މީޓަރުގެ ސޭންޑް ފިލްޑް ބްރޭކްވޯޓަރ ޖެހުން ހިމެނެއެވެ. އަދި 30 މީޓަރު ދިގުމިނުގެ ޓީޖެޓީއެއް ހެދުމާއި، 237 މީޓަރުގެ ކޮންކްރީޓް ކީވޯލަކާއި، 100 މީޓަރުގެ ކޮންކްރީޓް ޖެޓީއަކާއި، ކޮންކްރީޓް ރޭމްޕަކާއި، ގޮނޑުދޮށް ޚިމާޔަތްކުރުމަށް 75 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުންވެސް މަޝްރޫޢުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން 5 މީޓަރުގެ ފުޅާ ޕޭވްމަންޓާއިއެކު ބަނދަރު ބައްތި އަދި އެކްސެލް ޕްލެޓްފޯމެއް ވެސް މި މަޝްރޫޢުގެ ތެރެއިން ޤާއިމުކުރެވިގެންދާނެ ކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

ފ. ބިލެތްދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ޕްލޭނިންގ މިނިސްޓްރީއިން އެމް.ޓީ.ސީ.ސީއާ ޙަވާލުކުރައްވައިފައިވަނީ 450 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މިއީ 72.3 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ހިންގަވާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި އެރަށު ބަނދަރުގައި 133 މީޓަރުގެ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 224 މީޓަރުގެ ބޮޑުހިލައިގެ ރިވެންޓްމަންޓެއް ޖެހުމާއި، 440 މީޓަރުގެ ބޮޑު ހިލަ ރިވެޓްމަންޓް ރިޕްރޮފައިލްކުރުން ހިމެނެއެވެ. އަދި 21 މީޓަރުގެ ނެރުފައިކަށި ރިޕްރޮފައިލްކުރުމާއި، 84 މީޓަރުގެ ބޮޑު ހިލައިގެ ބޭރުތޮށިލުމާއި، 95 މީޓަރުފުޅާ ދޯނިއެހެލާ ސަރަޙައްދާއިއެކު 225 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުންވެސް ހިމެނެއެވެ.

މީގެ އިތުރުން އަލަށް އިތުރުކުރެވޭ ބަނދަރުގެ އެއްގަމު ފަޅީގައި 250 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 5 މީޓަރު ފުޅާ ޕޭވްމަންޓެއް ހެދުމާއި، ބަނދަރު ސަރަޙައްދާއި ނެރު ސަރަޙައްދު ފުންކޮށް، ނެރު ބައްތި އަދި ހާބަރު ލައިޓް ޖެހުމާއި، އިރުއިތުރު ފަރާތުގައި 44 މީޓަރުގެ ބޮޑުހިލައިގެ 7 ބޭރުތޮށި ޤާއިމުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ދަށުން ކުރެވިގެންދާނެއެވެ.

ޕްލޭނިންގ މިނިސްޓްރީއިން ވިދާޅުވީ، ނިލަންދޫ އަދި ބިލެތްދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ރަށް ގިރުމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި މި ދެރަށުގެ ގޮނޑުދޮށް ޚިމާޔަތްކުރުމުގެ މަސައްކަތް ވެސް މި ދެ މަޝްރޫޢުގެ ތެރެއިން ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.