އަންނަ އަހަރު ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ދަތުރުތަކާއެކު މުޅި ރާއްޖެ ގުޅައިލެވޭނެކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ފ. މަގޫދޫ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫޢު އިފްތިތާޙުކުރެއްވުމާއި ފެނަކަ އައު އޮފީސް ޢިމާރާތް ހުޅުއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަސްލަމް ވަނީ އާރް.ޓީ.އެލްގެ ނިޒާމުން މުޅި ރާއްޖެ ގުޅާލެވުމުން، ދަތުރުނުކުރެވޭނެ އެއްވެސް ރަށެއް ނޯންނާނެ ކަމަށާއި، ރާއްޖެ ތަރައްޤީކުރަން ބޭނުންވާ މިސްރާބަށް އެއިރަށް ދެވޭނެކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވީ، ރާއްޖެ ތަރައްޤީކުރެއްވުމުގައި މި ސަރުކާރުގެ އެންމެ މުހިއްމު ސިޔާސަތަކީ ދަތުރުފަރުގެ ފަސޭހަ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުން ކަމަށެވެ. އެގޮތުން އާރް.ޓީ.އެލްއާއެކު އުތުރުގެ ރަށްތަކުގެ ދަތުރުފަތުރަށް އައި ލުއިފަސޭހަކުން މިސާލު ނަންގަވައި މިނިސްޓަރ ވިދާޅުވީ، އާރް.ޓީ.އެލްގެ ޚިދުމަތް އަންނަ އަހަރުގެ ތެރޭގައި މުޅި ރާއްޖެއަށް ފަތުރައިލެދެވޭނެ ކަމަށެވެ.
"އާރްޓީއެލްގެ ޚިދުމަތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް 2024 ވަނަ އަހަރުގެ ތެރޭގައި މުޅި ރާއްޖެއަށް ފަތުރާލަދެވޭނެ. އަޅުގަނޑުމެންގެ އެބައޮތް ރާއްޖެއާއި ދޭތެރޭގައި އޮތް ތަޞައްވުރެ. ރާއްޖެ ތަރައްޤީކުރަން ބޭނުންވާގޮތް އެބައޮތް. މި ރަށްތަކަށް ތަރައްޤީވާނެގޮތް އަޅުގަނޑުމެންނަށް އެނގޭ. މި ރަށްރަށުގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި އަޅުގަނޑުމެން އެބަ ބަލަން މިރަށުގައި ޚިދުމަތެއް ލިބޭއިރު، ދެން ހުރި ރަށުގެ ރައްޔިތުންނަށް ކިހިނެއްތޯ އެ ޚިދުމަތަށް ވާޞިލުވޭނޭނީ. އަދި މި ރަށުގެ އިޤްތިޞާއި އެރަށުގެ އިޤްތިޞާދު ގުޅުންވަންޖެހޭނީ ކިހިނެއްތޯ" މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އަސްލަމް ވަނީ ހަމައެކަނި އެ ވުޒާރާގެ ބެއްލެވުމުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ ތަފާސްހިސާބު ހާމަކުރައްވައިފައެވެ. އެގޮތުން ކޯވިޑްގެ ދަތިއުނދަގޫވި 2 އަހަރުވެސް ހިމަނައިގެން ފާއިތުވި 4 އަހަރުގެ ތެރޭގައި 561 މަޝްރޫޢެއް ހިންގަވައިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އޭގެ ތެރެއިން 118 މަޝްރޫޢެއް ނިންމަވައިފައިވާއިރު، ނިމުނު މަޝްރޫޢުތަކަށް 4.5 ބިލިއަން ރުފިޔާ ޚަރަދުކުރައްވައިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެކި މަރުޙަލާގައި 228 މަޝްރޫޢުގެ މަސައްކަތް މިހާރު ވެސް ހިނގަމުންދާ ކަމަށާއި، މި މަޝްރޫޢުތަކުގެ އަގު 28 ބިލިއަން ރުފިޔާއަށް އަރާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ސަރުކާރުން 20 ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ނިންމާފައިވާ ކަމަށާއި، 122 ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ކުރިއަށްދާއިރު، އޭގެތެރެއިން ގިނަ މަޝްރޫޢުތައް %70 އާއި %80 އާ ހަމައަށް މަސައްކަތްތައް ނިމިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ރައީސް ބައިވެރިއެއްވަޑައިނުގަންނަވާ ހަމަޔަޤީނުންވެސް މަސައްކަތުގެ ބިންގާ އަޅާ ރަސްމިއްޔާތުގައެއް. މަސައްކަތް ނިންމަވާފައި ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ފަށާ ރަސްމިއްޔާތުގައި މުޅިންވެސް އަޅުގަނޑުމެން ބައިވެރިވަނީ. އަޅުގަނޑުމެން މިއީ ވަޢުދުވާ ބައެއް. ހުވަފެން ދައްކާބައެއް ނޫން. ވަޢުދުވެފައި ވަޢުދު ފުއްދާފައި އެކަމުގެ އުފާ ފާޅުކުރަން އަޅުގަނޑުމެން މި އަންނަނީ" މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި އާރް.ޓީ.އެލްގެ ޚިދުމަތް ރާއްޖޭގެ އުތުރުން ހއ. އަތޮޅުން ފެށިގެން ށ. އަތޮޅާ ހަމައަށް ދެމުންދާތާ އަހަރެއް ވެފައިވާއިރު، މިހާރު ޅ. އަތޮޅުގައި ވެސް މި ޚިދުމަތް ދެމުންދާކަމަށް ވިދާޅުވިއެވެ. އަދި އަންނަ ޖުލައިމަހުގެ ތެރޭގައި ހުވަދު އަަތޮޅުގައި މި ޚިދުމަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ޚިދުމަތަކީ ރަނގަޅަށް ޕްލޭންކުރެވި، ހިނގާނެ ޚަރަދުތަކާއި، ދަތުރުކުރާނެ ރޫޓްތައްވެސް ބެލިގެން، އަދި ޚިދުމަތް ހޯދާ ފަރާތްތަކަށް ވީހާވެސް ފަސޭހައިން ޚިދުމަތް ހޯދޭނެގޮތަށް ބައްޓަންކޮށްގެން ދެމުންދާ ޚިދުމަތެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.