ޚަބަރު

އަމީނީމަގުގެ ބޮޑުބައެއްގައި ތާރުއަޅާ ނިންމާލައިފި


އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުގެ ދަށުން އެ މަގުގެ ބޮޑުބައެއްގައި ތާރުއަޅާ ނިންމާލައިފިއެވެ.

އަމީނީ މަގުގައި ތާރުއެޅުމުގެ މަސައްކަތް ކުރަމުން އަންނަ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީން ސްޓެލްކޯއިން ފެށިގެން އަމީނީ މަގު އޮޑިގައްލާ ކެފޭއާ ހަމައަށް ތާރުއަޅަން ފަށާފައިވަނީ މިދިޔަ ހުރކުުރުދުވަހުގައެވެ. އަދި މިހާރު ވަނީ އެހިސާބަށް ތާރުއަޅާ ނިންމާލާފައެވެ. އެ ކުންފުނިން ބުނީ ތާރުއަޅާ ނިންމުމަށްފަހު މިހާރު ކުރިއަށްދަނީ ޓްރެފިކް ނިޝާންތައް ކުރެހުމުގެ މަސައްކަތް ކަމަށާއި މަގު އާއްމުންނަށް ހުޅުވާލާނީ ޓްރެފިކް ނިޝާންތައް ކުރަހާ ނިންމުމަށްފަހުގައިކަމަށެވެ.

އާރުޑީސީން މަސައްކަތްކުރަމުންދަނީ ހަފްތާއެއްގެ ތެރޭގައި ތާރު އަޅާފައިވާ ހިސާބު އާއްމުންނަށް ހުޅުވާލުމަށެވެ.

އަމީނީ މަގުގެ މަސައްކަތް ކުރިއަށް ގެންދަނީ ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ. މީގެތެރެއިން ފުރަތަމަ 3 ސެގްމަންޓްގައި ތާރުއެޅުމުގެ ހުރިހާ މަސައްކަތްތައް ނިންމައި، މިހާރު ދަނީ އެ ސަރަޙައްދު ބޭނުންކުރަމުންނެވެ.

މި މަޝްރޫޢު ޑިޒައިންކޮށްފައިވާގޮތުން ތާރު ފަށަލަ އެޅުމުގެ މަސައްކަތް ކުރަނީ ކޭބަލްއާއި ޕައިޕް ނެޓްވޯކްގެ މަސައްކަތްތަކާއި، ދުވާރާއި ފެން ހިންދާ ނިޒާމާއި ޖަންގްޝަންތަކުގެ މަސައްކަތްތަކާއި، ތާރުއެޅުމުގެ ކުރިން އަޅަންޖެހޭ އޭބީސީ ފަށަލަ އެޅުމަށްފަހު، 3 ނުވަތަ 4 ސެގްމަންޓު އެއްކޮށްލައިގެންނެވެ.

އަމީނީ މަގުގައި ބާކީ ހިމެނޭ 6 ސެގްމަންޓްގެ މަސައްކަތް ކުރިއަށްގެންދާނީ 3 ބަޔަކަށް ބަހާލައިގެނެވެ. އެގޮތުން ފުރަތަމަ ބައިގައި މަގު ރޫޅާލާނީ މާފަންނު ސްޓޭޑިއަމާ ހަމައަށެވެ. އެއަށްފަހު ޕްލޭނިން މިނިސްޓްރީއާ ހަމައަށް އަދި އޭގެ ފަހުން މަގުގެ ބާކީ ބައި އެއްކޮށް ނިންމާނެއެވެ.

އަމީނީ މަގުގެ މަސައްކަތުގައި އެންމެ ބޮޑު ދައްޗަކަށްވީ މަގުގައި ހުރި ފެނާއި ނަރުދަމާއާއި އަދި މުއާޞަލާތީ ނެޓްވާރކްތައް ރަނގަޅުކޮށްގެން މަސައްކަތް ކުރަމުންދިއުންކަން އާރް.ޑީ.ސީން ފާހަގަކުރެއެވެ. މިއީ މާލޭ، ހުޅުލެ އަދި ހުޅުމާލެއަށްވެސް ޚިދުމަތްދޭ މައި ނެޓްވޯކްތަކެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރެއްވުމުގެ މުޅި މަޝްރޫޢުގައި 1.79 ކިލޯމީޓަރުގެ މަގުގެ ސަރަޙައްދު ތަރައްޤީކުރެއެވެ. މި މަސައްކަތް ސަރުކާރުން ރޯޑް ޑިވެލޮޕްމަންޓް ކުންފުންޏާ ޙަވާލުކުރެއްވީ 84.4 މިލިޔަން ރުފިޔާއަށެވެ.