ޑިޖިޓަލް އައިޑެންޓިޓީ ކާޑު އާއްމުކޮށް ތަޖުރިބާކުރުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ހުޅުއްވައިލައްވައިފިއެވެ.
ޑިޖިޓަލް އައިޑެންޓިޓީ ކާޑު ތަޖުރިބާކުރުމުގެ ފުރުސަތު އެންމެ ފުރަތަމަ ހުޅުއްވައިލެއްވީ މިދިޔަ ފެބްރުއަރީ މަހު، އެންޑްރޮއިޑް ޑިވައިސްތައް ގެންގުޅޭ 500 މީހަކަށެވެ. އެއަށްފަހު އައިއޯއެސް ޑިވައިސްތައް ގެންގުޅޭ މީހުންނަށް ވެސް އެ ފުރުޞަތު ހުޅުވާލިއެވެ. އެހެންނަމަވެސް މިހާރު މިވަނީ އާއްމުކޮށް ޑިޖިޓަލް އައިޑެންޓިޓީ ކާޑު ތަޖުރިބާކޮށްލުމުގެ ފުރުޞަތު ހުޅުއްވައިލައްވައިފައެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޝަރީފު ވިދާޅުވީ މިހާރު ޑިޖިޓަލް އައިޑެންޓިޓީ ބޭނުންކޮށްގެން ގިނަ ތަންތަނުން ޚިދުމަތް ހޯދޭނެކަމަށެވެ. އަދި މިހާރު ޑިޖިޓަލް އައިޑީ އާއްމުކޮށް ތަޖުރިބާކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށާއި އާންމުންގެ ފަރާތުން ލިބޭ ޝަކުވާއަށް ބެލުމަށްފަހު ރަނގަޅުކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރައްވާނެ ކަމަށެވެ. އަދި 2 ހަފްތާއެއްހާ ދުވަހުގެ ތެރޭ ރަސްމީކޮށް ޑިޖިޓަލް އައިޑީ ތަޢާރުފްކުރުމަށް މަސައްކަތް ކުރައްވަމުން އަންނަކަމަށް މުޙައްމަދު ޝަރީފު ވިދާޅުވިއެވެ.
ޑިޖިޓަލް އައިޑެންޓިޓީ ކާޑުގެ ޚިދުމަތަކީ، ސަރުކާރުން ދޭ ޚިދުމަތްތައް ޒަމާނީ ވަޞީލަތްތަކާއި ޓެކްނޮލޮޖީއާ ރަށްޓެހިކޮށް ޑިޖިޓަލް ޚިދުމަތްތައް ދެއްވުމަށް ކުރައްވާ މަސައްކަތުގެ އެންމެ މުހިންމު އެއް ބައެވެ. މި ކާޑާއެކު، ވޮލެޓުގައި އައިޑީ ކާޑު ގެންގުޅެން ނުޖެހި، އަތުގައި އޮންނަ ސްމާޓް ފޯނުން އެމީހާއަކީ ކާކުކަށް އަންގައިދޭ ރަސްމީ "އައިޑެންންޓިޓީ ކާޑް" ޑިޖިޓަލްކޮށް ފެންނާނެއެވެ.
މިކާޑުގެ ޚިދުމަތް ދެނީ ސަރުކާރުގެ ޑިޖިޓަލް ޕްލެޓްފޯމް "އީފާސް" ނިޒާމު މެދުވެރިކޮށެވެ.
? Exciting News! ? We're thrilled to announce the public preview launch of the National Digital Identity, our eFaas mobile app! Join us and be one of the first to try it out!
— eFaas (@eFaasmv) May 31, 2023
?: https://t.co/Lb28wRdjFH
?: https://t.co/65jeYVsDle #efaas #digitalidentity #DigitalMaldives pic.twitter.com/8t8b9ISwsA
ޑިޖިޓަލް އައިޑީކާޑު ފަރުމާކޮށްފައިވަނީ ދިވެހި އަދި އިނގިރޭސި ބަހުން ފެންނަގޮތަށެވެ. ނަމަވެސް ކުރިއަށް އޮތްތާނުގައި އެކާޑެއް ހަދާފައިވާ ބަހަކުން ފެންނާނެ ގޮތް ވާނެކަމަށް ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީން ވިދާޅުވެއެވެ. އެހެންނަމަވެސް އެއް މުއައްސަސާ އަނެއް މުއައްސަސާގައި ބަދަލުކުރާ މަޢުލޫމާތު ހުންނާނީ އިދާރާއިން ބޭނުންވާ ބަހަކުންނެވެ.
ނެޝަނަލް އައިޑެންޓިޓީ ކާޑާއެކު ތަޢާރަފްކުރާ އީ.ފާސް އެޕްލިކޭޝަނަކީ ރައްކާތެރިކަމުގެ ފީޗަރތައް ވަރުގަދަ އެޕްލިކޭޝަނެއްކަމަށް އެންސީއައިޓީން ވިދާޅުވެއެވެ. އަދި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ އެމީހާގެ ޒާތީ މަޢުލޫމާތު، އޮޅުވާލައިގެން އެހެން މީހަކަށް ނުނެގޭނެ ގޮތް ހެދުމަށްކަމަށެވެ. އެގޮތުން ކާޑު ބޭނުންކުރަން ދޫކުރުމުގެ ކުރިން، މީހާ ކަށަަވަރުކުރާނެއެވެ.