ޚަބަރު

ކަރެކްޝަންގެ ހެޑް އޮފީސް މާފަންނު ރޭޑިއޯ ބިލްޑިންގއަށް ބަދަލުކޮށްފި


މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ ހެޑް އޮފީސް މާފަންނު ރޭޑިއޯ ބިލްޑިންގ އަށް ބަދަލުކުރުމަށްފަހު، މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

ކަރެކްޝަންގެ ހެޑް އޮފީސް ވޭތުވެ ދިޔަ 11 އަހަރު ހިންގާފައިވަނީ މާލޭގެ އެންމެ ގިނަ ދުވަސްވީ އޮފީސް ޢިމާރާތްކަމުގައިވާ ޣާޒީ ބިލްގިންގ ގައެވެ އެހެންނަމަވެސް އެ ޢިމާރާތް ބާވެ ހަލާކުވުމުގެ ސަބަބުން އެތަނުގައި ހިންގަމުންދިޔަ އޮފީސްތައް ބަދަލުކުރެއްވުމަށްފަހު، އެ ޢިމާރާތް ތަޅާލުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

މިއަދު ހެނދުނު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ކަރެކްޝަންގެ ހެޑް އޮފީސް ރަސްމީކޮށް ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅުއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސްގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އާޞިފް، ސުޕްރިންޓެންޑެންޓް އިބްރާހިމް ނާޝިދް، ސުޕްރިންޓެންޑެންޓް މޫސާ އަންވަރު، މާލޭ ޖަލުގެ ޑައިރެކްޓަރ ޑީއެސްޕީ އަލްއުސްތާޛް މުޙައްމަދު ތަލާލް އަދި ހެޑް އޮފީހުގެ އޮފިސަރުންނާއި މުވައްޒަފުން މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވީ، މިފަދައިން އެހެން ޢިމާރާތަކަށް ބަދަލުވުމަކީ މިއަހަރު އެއްވެސް ގޮތަކަށް ރާވާފައިވާ ކަމެއްނޫން ކަމަށާއި، ކުއްލިއަކަށް އެފަދަ ބޮޑު ކަމެއް ކުރަންޖެހުމުން އަދި ހެޑް އޮފީސް ބަންދުކުރަން ޖެހުމުން ބޮޑެތި ގޮންޖެހުންތަކާ ދިމާވި ކަމަށެވެ. އަދި އެއް މަސް ތެރޭގައި އަޑު ބިލްޑިންގއަށް ބަދަލުވެ، ރަސްމީކޮށް މަސައްކަތް ފެށިގެން ދިއުމާ ހިސާބަށް ހެޑް އޮފީހުގެ އޮފިސަރުންނާއި މުވައްޒަފުންގެ ފަރާތުން ފެނުނު އެކުވެރިކަމާއި އެއްބައިވަންތަކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ ވިދާޅުވީ، މިއަދަކީ އެމްސީއެސްގެ ހަޔާތުގައި އުފާވެރި ދުވަހެއް ކަމަށެވެ. އަދި މި އިމާރާތުގައި ގިނަ މަސައްކަތްތަކެއް ކުރަންޖެހުނު ކަމަށާއި އިމާރާތުގެ ތިން ވަނަ ފަންގިފިލާ ހުސްކުރުމުން އަދި ކުރަންޖެހޭ މަސައްކަތްތައް ހުރިކަމަށް ވިދާޅުވިއެވެ.

އެންމެ މަތިން ފެށިގެން ތިރިއާ ހަމައިން މަޖުބޫރު ކަމެއް ނެތި ޖޯޝުގައި މަސައްކަތްކުރިކަން ފާހަގަކުރައްވަމުން، ހެޑް އޮފީސް ބަދަލުވުމުގެ މަސައްކަތުގައި މާލޭ ޖަލާއި ހުޅުމާލޭ ޖަލުން، ޚާއްސަކޮށް އޮފިސަރުން ފޮނުވައިގެން ވެދެއްވި އެހީތެރިކަމަށް ޑެޕިއުޓީ ކޮމިޝަނަރ ޝުކުރު އަދާކުރެއްވިއެވެ.