ޚަބަރު

ތުރުކީވިލާތުގެ ރައީސް އާ ދައުރަކަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންފި


ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ވެރިކަމުގެ އާ ދައުރަކަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެންފިއެވެ.

މިރަސްމިއްޔާތު އޮތީ، ތުރުކީވިލާތުގެ ވެރިރަށް އަންކާރާގައި ހުންނަ ރިޔާސީގަނޑުވަރު އެކުވެނީގައެވެ.

ތުރުކީވިލާތުގައި 28 މެއި 2023 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި، ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ވަނީ އެމަނިކުފާނުގެ ވެރިކަމުގެ 3 ވަނަ ދައުރެއް ކަށަވަރުކުރައްވާފައެވެ.

ވެރިކަމުގެ އާ ދައުރަށް ރަޖަބް ޠައްޔިބް އުރްދުޣާން ހުވާކުރެއްވުމުގެ މި ރަސްމިއްޔާތުގައި، ދުނިޔޭގެ ޤައުމުތަކުގެ ލީޑަރުންނާއި ސަރުކާރުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ. އަދި މިރަސްމިއްޔާތަށް ވަޑައިގެންނެވި ޤައުމުތަކުގެ އިސްވެރިންނާއި ވަފުދުތަކުގެ ޝަރަފްގައި ތުރުކީވިލާތުގެ ރައީސް ދެއްވާ ރޭގަނޑުގެ ފަރިއްކޮޅެއްގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގަންނަވާނެއެވެ.

ދިވެހިރާއްޖެއިން ތުރުކީވިލާތާއެކު ސިޔާސީގުޅުން ޤާއިމްކޮށްފައި ވަނީ، 28 މޭ 1979 ގައެވެ.