މީގެ އަހަރުތަކެއް ކުރިއަށްޖެހިލާއިރު ރާއްޖޭގެ ދެކުނުން އެންމެ ބޮޑު އާބާދީއެއް އޮންނަ އައްޑޫ ސިޓީއަކީ ތަރައްޤީގެ ރޮނގުން ބާކީވެފައިވާކަމުގެ އިޙްސާސްކުރެވުނު ރައްޔިތުންތަކެއް ދިރިއުޅެމުންދިޔަ ސަރަޙައްދެކެވެ. އަސާސީ ގިނަ ޚިދުމަތްތަކާއި ވިޔަފާރިއާއި އިޤްތިޞާދީ ފުރުޞަތުތައް މަދު ސަރަޙައްދެކެވެ.
އާބާދީ ބޮޑަސް، ވަޒީފާގެ ފަހި ފުރުޞަތުތައް ނެތުމުން ޒުވާނުންނަށް މަޖުބޫރުވީ އާމްދަނީ ހޯދުމަށް އާއިލާއަށް ދުރަށް އަމިއްލަ ވަޒަނުން ބޭރަށް ދާށެވެ. އިތުރުވަމުން އަންނަ އާބާދީއަށް ބޭނުންވާ ބިން އެސިޓީގައި ނެތްކަމާއި، ތަރައްޤީގެ މަޝްރޫޢުތައް ހިނގުމަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީވެސް ބިން ނެތުންކަމަށް އެސިޓީގެ ރައްޔިތުން އަބަދުހެން ދިޔައީ ބުނަމުންނެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި، އިޤްތިސާދީ ޙަރަކާތްތައް ކުރިއެރުވުމަށްވެސް އެންމެ ބޮޑަށް ބޭނުންވަނީ ބިންކަމަށް އައްޑޫ ސިޓީގެ ރައްޔިތުން އަޑުހަރުކޮށް ބުނަމުންދިޔައެވެ. ފާއިތުވި އެކި ސަރުކާރުތަކުގައި އައްޑޫސިޓީގެ ތަރައްޤީއަށް ގިނަ ހުވަފެންތަކެއް ދެއްކިނަމަވެސް، އެކަންކަމަށް ޢަމަލީ ސިފައެއް ގެނެވިފައެއްނުވެއެވެ. މިއަދާ ހަމައަށް އައްޑޫގެ ރައްޔިތުން އެތިބީ އެ މާޔޫސްކަމުގައެވެ.
އެހެންނަމަވެސް ތަރައްޤީގެ ޗާޓުން އައްޑޫ ސިޓީ ބާކީނުކުރައްވާ، އައްޑޫ ސިޓީއާ ނުލާ ދިވެހިރާއްޖެ ތަރައްޤީނުކުރެވޭނެކަން ޤަބޫފުޅުކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން އައްޑޫ ސިޓީ ރައްޔިތުންގެ ޒަމާންވީ އުދާސްތައް އަޑުއައްސަވާ، އެކަންކަމަށް ނިމުން މިވަނީ ގެނުވަން ފަށާފައެވެ.
އެތައް ޒަމާންތަކެއް ވަންދެން އައްޑޫ ރައްޔިތުން އެދެމުންދިޔަ ބިން ހިއްކުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިހާރު މިވަނީ ފަށާފައެވެ. މި މަޝްރޫޢުގެ ދަށުން 1.6 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްގެން 232 ހެކްޓަރުގެ ބިން އައްޑޫއަށް އިތުރުކުރެވޭނެއެވެ. މިއީ އައްޑޫގެ ތާރީޚުގައިވެސް ހިންގޭ ބިމުގެ އެންމެ ބިޔަ ބޮޑު މަޝްރޫޢެވެ.
ޓޫރިޒަމްގެ ނަފާ އައްޑޫ ސިޓީގެ ރައްޔިތުންނަށް ފަހިވާންޖެހޭކަން ގަބޫލުފުޅުކުރައްވާ، އެކި ފަންތީގެ ފަތުރުވެރި ވަޞީލަތްތަކަށް ފަހިވާގޮތަށް އައްޑޫ ސިޓީއަށް ތަރައްޤީގެނައުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ. އެގޮތުން ރައްޔިތުންނަށް ހިއްސާވެވޭ ގޮތަށް ރިއަލް އެސްޓޭޓް އަދި އިންޓަގްރޭޑެޓް ޓޫރިޒަމަށް އައްޑޫއިން އެންމެ އެކަށޭނަ ސަރަޙައްދަކީ ހަންކެޑެ ސަރަޙައްދުކަން ސަރުކާރުން ފާހަގަކުރައްވައެވެ.
ހަންކެޑެ ފަރުމާކޮށް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ޙަވާލުކުރައްވާފައިވަނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯރޕަރޭޝަން ލިމިޓެޑުންނެވެ. މި މަޝްރޫޢުގެ ތެރޭގައި އެ ސަރަޙައްދުގައި އިންޓަރގްރޭޓެޑް ރިސޯޓް، ސިޓީ ހޮޓާ، ގެސްޓް ހައުސް އަދި ވޯޓަރ ވިލާތައް ތަރައްޤީކުރެވިގެންދާނެއެވެ. މި މަޝްރޫޢު މިހާރު ފެށުމުގެ މަރުހަލާގައިވާއިރު، ސަރުކާރުގެ އަމާޒަކީ ކުރިއަށްއޮތް 2 އަހަރު ތެރޭ ހަންކެޑެ އެއްކޮށް ތަރައްޤީކޮށް ނިންމާލުމެވެ.
މިއާއެކު މިހާރު އައްޑޫ ސިޓީގައި ހިނގަމުންދާ މަގުހެދުމުގެ ބިޔަ މަޝްރޫޢާއި، ބިން އިތުރުކުރުމުގެ މަސައްކަތް ޑިޒައިންކޮށް ކުރިއަށްގެންދަވަނީ ހަންޑެކެ ނިމޭއިރު އެތަނާ ގުޅޭ ފުރިހަމަ ޕްލޭނެއްގެ ތެރެއިންކަމަށް ސަރުކާރުން ވިދާޅުވެއެވެ. ހަންކެޑެ މަޝްރޫޢުގެ ތެރެއިން އައްޑޫ ސިޓީގެ އެހެން ރަށްތަކަށް ޖުމްލަ 600 ޓޫރިސްޓް އެނދު އިތުރުވާނެއެވެ.
މިއީ ޖުމްލަ 2682 އެނދު އިތުރުވެގެންދާނެ މަޝްރޫޢެކެވެ. އަދި އައްޑޫ ސިޓީގައި މިހާރު ފަތުރުވެރިކަމަށް ޕްރޮޖެކްޓްކުރެވިފައިވާ ތަފާތު މަޝްރޫޢުތައް ނިމޭއިރު ޖުމްލަ 7000 ޓޫރިސްޓް އެނދު އައްޑޫ ސިޓީގައި އޮޕަރޭޓްވެގެންދާނެކަން ސަރުކާރުން ފާހަގަކުރައްވައެވެ.
ދެން އޮތީ ޝަންގްރިއްލާގެ ވާހަކައެވެ. ދެމެހެއްޓެނެވި ގޮތުގައި އައްޑޫ ޝަންގްރިއްލާ ހިންގުމަށް އެޅޭ ކޮންމެ ހުރަހެއް ނައްތާލުމަށް ތައްޔާރަށް ހުންނެވިކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ އައްޑޫގެ ރައްޔިތުންނަށް ދެއްވާފައެވެ. އަދި އެފަރާތާއެކު އޮތް ޒަމާންވީ ސަރުކާރުގެ ޙިއްސާ ދެމެހެއްޓުމަކީ އޮތް ހުރަސްކަމުގައި ވުމަކަށް ނުހައްދަވާނެކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
އެގޮތުން މިދިޔަ މާރިޗުމަހުގެ 18 ވަނަ ދުވަހު ސަރުކާރުން ވަނީ ޙިއްޞާ ބަދަލުކުރުމުގެ ލިޔުންތައް އެފަރާތާ ޙިއްސާކުރައްވާފައެވެ. އަދި އެކަން ނިމުމާއެކު ބޭނުންވާ ބަދަލުގެނެވި، ޝަންގްރިއްލާ ހުޅުވި ހިނގަން ފަށާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ހަމައެއާކު އެސް.ޑީ.އެފް.ސީގެ ފަރާތުން އަމިއްލަ ފަރާތްތަކުގެ ގެސްޓްހައުސްތައް ޢިމާރާތްކޮށް ނިންމައިދޭ ކޮންޓްރެކްޓަރ ފައިނޭންސް މޮޑެލް ހައްޑޫ ސިޓީއަށްވެސް ގެނައުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މީގެ ސަބަބުން އައްޑޫގެ އެކި ރަށްރަށުން ފަތުރުވެރިކަމަށް ދޫކޮށްފައިވާ ބިންތައް، އެތަންތަން ދިގުމުއްދަތަށް ނަގާފައިވާ ފަރާތްތަކަށް ގެސްޓްހައުސް އަޅާ ނިންމައިދޭނެއެވެ. މިއީ ދިގުމުއްދަތުން އަނބުރާ ދައްކާގޮތަށް ހިންގޭ މަޝްރޫޢެކެވެ.
މިގޮތަށް އައްޑޫއިން މިހާރުވެސް 73 ބިމެއް ވަނީ ދޫކޮށްފައެވެ. މީގެ ތެރެއިން 44 ފަރާތަކުން 58 ބިމެއްގައި ގެސްޓްހައުސް ޢިމާރާތްކުރުމަށް ވަނީ އެދިފައެވެ. މިއީ ޖުމްލަ 2870 ޓޫރިސްޓް އެނދު ހިނެނޭ މަޝްރޫޢެކެވެ.
އައްޑޫ ސިޓީގައި ސަރުކާރުން ހިންގާ ބިން ހިއްކުމާއި، މަގުހެދުމާއި، އެއަރޕޯޓް ތަރައްޤީކުރުމާއި، ދެންވެސް ބޭނުންވާ އިޖްތިމާޢީ އިޤްތިޞާދީ އަދި ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކާއެކު އައްޑޫ ސިޓީގެ ރައްޔިތުންނަށް މިހާރު ޔަޤީންވާ އެއްކަމެއް އެބައޮތެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވިފަދައިން ތަރައްޤީގެ މަގުގައި މި ސަރުކާރުން އައްޑޫގެ ރައްޔިތުން މަގުމަތިކޮށް ބާކީކޮށްނުލާނެކަމެވެ. އެ އުފާވެރި އިޚްސާސް އައްޑޫގެ ކޮންމެ ރައްޔިތެއްގެ މޫނުމަތިން މިއަދު ދަނީ ފެންނަމުންނެވެ.
އައްޑޫއަށް މި ސަރުކާރުން ގެންނަވަމުންދާ ތަރައްޤީ އައްޑޫގެ ރައްޔިތުން ސިފަކުރަނީ ފާއިތުވި 50 އަހަރުވެސް އެ ސިޓީއަށް ނުލިބޭ ފަދަ ބޮޑު ކުރިއެރުމެއްގެ ގޮތުގެވެ. އަދި މިއީ ރިޔާސީ ދައުރެއްގެ ތެރޭގައި އައްޑޫގައި އެންމެ ގިނަ މަޝްރޫޢުތައް ހިންގާ ސަރުކާރުގެ ގޮތުގައި އައްޑޫ ރައްޔިތުން ބުނެއެވެ.
"އަޅުގަނޑުމެން ކޮންމެ ސަރުކާރެއްގައިވެސް ހަމަ މި ހުވަފެން ދުށިން. އެއީ ކީއްވެގެންތޯ، ކޮންމެ ވެރިއަކުވެސް އެބަ ބުނޭ ހިއްކައިދޭނަމޭ، ލިބޭނޭ، ދޭނަމޭ. އެކަމު އެދުވަހެއް ނުފެނޭ. އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި އެދުވަސް ފެނިއްޖެ، ހިއްކާ ސަރަހައްދުގައި މިހާރު މިތިބީ، ލޮލަށްފެނިއްޖެ، އެހުވަފެނުގައި ރައީސް ޞާލީހު ކުލަޖައްސައިދީފި" އައްޑޫއިން ވާހަކަދެއްކި ރައްޔިތަކު ފާހަގަކުރިއެވެ.
އައްޑޫ ސިޓީ ބިންހިއްކުމުގެ މަޝްރޫޢާއެކު ފަތުރުވެރިކަމާއި އިޤްތިޞާދީ ބިޔަ ހަރަކާތްތަކަށް މުޅި އައްޑޫ ސިޓީ މިހާރަށްވުރެ ބޮޑަށް ހުޅުވާލެދެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. ހަމައެހެންމެ މިއީ އެ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ޒަމާންވީ ބޯހިޔާވަހިކަމުގެ މައްސަލައަށްވެސް ހެޔޮބަދަލުތަކެއް ގެނުވާނެ މަޝްރޫޢެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރައްވައެވެ.
މުޅި މި މަޝްރޫޢު ނިމިގެންދާއިރު އައްޑޫ ސިޓީ ހިތަދޫއަށް 80 ހެކްޓަރުގެ ބިން، މަރަދޫ އަދި މަރަދޫފޭދޫ އަށް 76 ހެކްޓަރުގެ ބިން، ހުޅުދޫ އަދި މީދޫއަށް 32.3 ހެކްޓަރުގެ ބިން އިތުރުވެގެންދާނެއެވެ. އަދި އިންޓަގްރޭޓަޑް ޓޫރިޒަމަށް ޚާއްސަކޮށްގެން ތަރައްޤީކުރާ ހަންކެޑެއަށް 4.7 ހެކްޓަރުގެ ބިން އަދި ފަތުރުވެރިކަމަށް ޚާއްސަކޮށް އައްޑޫ ސިޓީ ފަޅުތެރެއިން 8.3 ހެކްޓަރުގެ 3 ރަށާއި 5 ހެކްޓަރުގެ 2 ރަށެއް އިތުރުކުރެވޭނެއެވެ.