އިނގިރޭސިވިލާތުން ދިވެހިރާއްޖޭއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރުމަށް ވާންޖެހޭ ތައްޔާރީތައް ފެށުމަކީ ރާއްޖޭގެ އިޤްތިޞާދީ ކުރިމަގަށް އެޅުނު މުހިއްމު ފިޔަވަޅެއްކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
މިކަމާގުޅިގެން ކުރެއްވި ޓުވީޓެއްގައި އިނގިރޭސިވިލާތާއި ރާއްޖެއާއި ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުވެގެންދިއުމަކީ ރާއްޖޭގެ މަސްވެރިކަން ތަރައްޤީކޮށް، މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ހޯދުމަށް މަގުފަހިވެގެންދާނެ ކަމެއްކަމަށެވެ. އަދި އިނގިރޭސިވިލާތަށް ޑިއުޓީއަކާ ނުލާ ދިވެހި މަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރެވޭނެ މަގުފަހިކުރުމަށް ފަހުގެ ތާރީޚުގައި އެޅުނު އެންމެ މުހިންމު ފިޔަވަޅުކަމަށެވެ.
އިނގިރޭސިވިލާތާއި ރާއްޖެއާއި ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރުމުގެ ނެގޯޝިއޭޓްކުރުމުގެ މަރުޙަލާ ފެށިގެންދިޔުމަކީ ރާއްޖޭގެ އިޤްތިޞާދީ ކުރިމަގަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަމަށްވެސް މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ. މިނިސްޓަރ ވަނީ މިކަމުގައި ބައިވެރިވި އިކޮނޮމިކް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީގެ ޓީމުގެ މަސައްކަތް ފާހަގަކުރައްވާ ޝުކުރު ދަންނަވާފައެވެ.
މިއީ އިނގިރޭސިވިލާތަށް ޑިއުޓީއަކާ ނުލާ ދިވެހި މަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރެވޭނެ މަގުފަހިކުރުމަށް ފަހުގެ ތާރީޚުގައި އެޅުނު އެންމެ މުހިންމު ފިޔަވަޅު. މިކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަން ތަރައްޤީކޮށް، މަސްވެރިން ބާނާ މަހަށްް ރަނގަޅު އަގެއް ހޯދުމަށް މަގުފަހިވެގެންދާނެ.
— Fayyaz Ismail (@faya_i) June 8, 2023
އިނގިރޭސިވިލާތުން ދިވެހިރާއްޖެއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރުމުގެ މަސައްކަތް ފެށުމަށް ނިންމައި އެކަން މިއަދު އިޢުލާނުކުރައްވާފައިވާތީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުވެސް ވަނީ އެކަމަށް މަރުޙަބާ ކިޔާފައެވެ.
މިނިސްޓަރ ޝާހިދު ވިދާޅުވީ، މިއީ ރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓުކުރާ މަހުގެ ބާވަތްތަކުން ނަގަމުންދާ %20 ޓެކްސް ކަނޑާލުމަށްޓަކައި، ވޭތުވެދިޔަ 4 އަހަރު، މެދުކެނޑުމެއްނެތި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ކުރައްވާފައިވާ މަސައްކަތުގެ ނަތީޖާކަމަށެވެ. އަދި މިކަމުގެ ސަބަބުން ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް އިޤްތިޞާދީ ގުޅުންތައް އިތުރަށް ބަދަހިވެ، ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
Welcome the announcement of the United Kingdom ??, to begin the process for a Free Trade Agreement with the Maldives ??.
— Abdulla Shahid (@abdulla_shahid) June 8, 2023
This is the culmination of targeted, and sustained efforts by President @ibusolih over the past 4 years, to eliminate the 20% tariff imposed on fishery…
އިނގިރޭސިވިލާތުން ދިވެހިރާއްޖެއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރުމުގެ މަސައްކަތް ފެށުމަށްޓަކާ، ރާއްޖެއާއެކު ވިޔަފާރިކުރުމުގައި އިނގިރޭސިވިލާތުގެ ވިޔަފާރިތަކަށާއި ޖަމުޢިއްޔާތަކަށް ހުރި އުނދަގޫތަކާއި ގޮންޖެހުންތައް ދެނެގަތުމަށާއި، ފްރީ ޓްރޭޑް އެއްބަސްވުމުގައި އިސްކަންދޭންވީ ކަންކަން ދެނެގަތުމަށްޓަކައި ޚިޔާލު ހުށަހެޅުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ ޢާންމުކޮށް އިޢުލާންކޮށްފައެވެ.
ރާއްޖެއަކީ މި ވަގުތު ކޮމަންވެލްތުގެ ޤައުމުތަކުގެ ތެރެއިން އިނގިރޭސިވިލާތާއެކު ފްރީ ޓްރޭޑް އެއްބަސްވުމެއް ސޮއި ކޮށްފައިނުވާ އަދި ޕްރިފަރެންޝަލް މަރކެޓް އެކްސެސް ނުލިބޭ މަދު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ދިވެހިރާއްޖޭގެ އިޤްތިޞާދު ކުރިއަރުވާ އުފެއްދުންތެރިކަން އިތުރުކޮށް ފަސޭހަކަމާއެކު އަގުހެޔޮކޮށް ރާއްޖޭގެ އުފެއްދުންތައް ބޭރުގެ މާކެޓްތަކަށް އެތެރެކުރެވޭނެ މަގުތައް ފަހިކުރުމަށް ވަނީ ވަރަށް ބޮޑު އިސްކަމެއް ދީފައެވެ.