ޚަބަރު

ރައީސްގެ ދެކަނބަލުން ސޭޝެލްސްގެ ރައީސްގެ ދެކަނބަލުންގެ ޝަރަފުގައި މެންދުރުގެ ފަރިއްކޮޅެއް ދެއްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ސޭޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ލިންޑާ ރަމްކަލަވަން އަދި އެކުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް މެންދުރުގެ ފަރިއްކޮޅެއް ދެއްވައިފިއެވެ.

މި ފަރިއްކޮޅު އޮތީ މިއަދު މެންދުރުފަހު ވޯލްޑޯރފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގައެވެ.

ސޭޝެލްސްގެ ރައީސް ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށެވެ. އިތާފުށީގައި މިއަދު ބޭއްވެވި މެންދުރުގެ ފަރިއްކޮޅުގައި ވަޒީރުންނާއި ދެ ޤައުމުގެ ސަރުކާރުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ސޭޝެލްސްގެ ރައީސް ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ޤައުމުގެ ލީޑަރުން ވަނީ ރަސްމީ ވާހަކަތައް ބާއްވަވައި ދެޤައުމުގެ ދެމެދު އެއްބާރުލުން އިތުރުކޮށް ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި މި ފުރަމާނަ ދަތުރުފުޅުގައި ދެޤައުމުގެ ދެމެދު 4 އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވެއެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ސޭޝެލްސްގެ ރައީސްގެ ވޭވަލް ރާމްކަލާވަން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ސޭޝެލްސްގެ ރައީސް ބައްދަލުކުރައްވައި މިއަދު ބޭއްވެވި ރަސްމީ ވާހަކަފުޅުތަކާއި އަދި ދެޤައުމުގެ ދެމެދު ސޮއިކުރެވުނު އެއްބަސްވުންތަކަށްފަހު ދެލީޑަރުން ވަނީ މީޑިއާއަށް ގުޅިފައިވާ ބަޔާނެއް ދެއްވާފައެވެ.
މިއަދު ބޭއްވެވި މެންދުރުގެ ފަރިއްކޮޅަކީ ސޭޝެލްސްގެ ރައީސް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ އެންމެ ފަހުބައެވެ.