މަދަރުސީ ތަޢުލީމުގެ 12 އަހަރު ނިންމާ، ރާއްޖެއަށް މިހާރު ލިބެމުން އަންނަ ސްކޮލަރޝިޕްތަކުގެ ބޭނުން ހިފުމަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާޙިމް ޙަސަން ކިޔަވާ ދަރިވަރުންނަށް އިލްތިމާސްކުރައްވައިފިއެވެ.
ހަޔަރ އެޑިއުކޭޝަން މިފަދައިން އިލްތިމާސްކުރެއްވީ ކަލާފާނު ސްކޫލްގެ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ. މި ރަސްމިއްޔާތުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވަނީ ރާއްޖެގައި މީގެ ކުރިން މަތީ ތަޢުލީމުގެ ފުރުޞަތުތައް ނުލިބޭހާ ގިނައިން މިހާރު އެ ފުރުޞަތުތައް ފަހިކޮށްދެއްވާފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ހިލޭ ޑިގްރީ ޕްރޮގްރާމާއި، ސްކޮލަރޝިޕްގެ ފުރުޞަތުތައް ލިބޭ މިންވަރު އިތުރުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އޭލެވެލް ތަޢުލީމަކީ ވަރަށް މުހިއްމު ތަޢުލީމެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ ކޮންމެ ދާއިރާއަކުން ކުރިއަށްދާން ބޭނުންނަމަވެސް އޭލެވެލްގެ 2 އަހަރު ފުރިހަމަކުރުމަށް އިލްތިމާސްކުރައްވާފައެވެ.
މިނިސްޓަރ ވިދާޅުވީ، ސަރުކާރުން ހުޅުވާލާ ސްކޮލަރޝިޕްތަކަކީ އޭލެވެލް ފުރިހަމަކޮށްފައިތިބި ދަރިވަރުންނަށް ކުރިމަތިލެވޭ ސްކޮލަރޝިޕް ތަކެއްކަމަށެވެ. އެހެންކަމުން މަދަރުސީ ތަޢުލީމުގެ 12 އަހަރު ފުރިހަމަކުރުމަށްފަހު މިފަދަ ސްކޮލަރޝިޕްތަކުގެ ބޭނުން ހިފުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.
"މި ފުރުޞަތުތައް އެންމެ ރަނގޅަށް ހިފޭނީ ކިހިނެތްތޯ ވިސްނާލުން މުހިންމު. ދަރިވަރުންނަސް އެންމެ ރަނގަޅަށް މަތީ ތަޢުލީމާއި މަސައްކަތުގެ ތަޢުލީމާއި ހުނަރު ފޯރުކޮށްދެވޭނެ ގޮތަކީ ކޮބައިކަން ވިސްނާލުން ވަރަށް މުހިންމު. އޭލެވެލް އޮވެގެން ދުނިޔޭގެ ކޮންމެ ޔުނިވަރސިޓީއަކުން ކޮންމެ އެއްޗެއް ކިޔެވުމުގެ ފުރުޞަތު ލިބޭނެ" މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާޙިމް ޙަސަން ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ ވަނީ ކާމިޔާބު ދަރިވަރަކަށްވުމަށްޓަކައި ރިވެތި އަޚްލާގާއި އެމީހަކު އަދާކުރަން ބޭނުންވާ ދާއިރާއަކުން ބޭނުންވާ ތަޢުލީމާއި ހުނަރު ބޭނުންވާ މިންވަރަށް ހޯދުމަށް އިލްތިމާސްކުރައްވާފައެވެ. އަދި އުނދަގޫ ކަންކަމާ ކެރިގެން ކުރިމަތިލުމުގެ ޤާބިލުކަން ދަރިވަރުންގެ ކިބައިގައި އަށަގަތުމަށްވެސް މިނިސްޓަރ ދަރިވަރުންނަށް އިލްތިމާސްކުރެއްވިއެވެ.
ކަލާފާނު ސްކޫލްގެ އިނާމް ދިނުމުގެ ޖަލްސާގައި ވަނީ ނިމިދިޔަ ދިރާސީ އަހަރުގައި އެ ސްކޫލްގެ އެކި ވަނަތަކަށް އައި ދަރިވަރުންނަށް އިނާމާއި ހަނދާނީ ފިލާ ޙަވާލުކޮށްފައެވެ.