ޚަބަރު

ގާނޫނުގެ ވެރިކަން ހަރުދަނާކޮށް، ކޮރަޕްޝަނާއި ދެކޮޅަށް ކުރާ މަސައްކަތަށް އީޔޫއިން އެހީތެރިވަނީ


ގާނޫނުގެ ވެރިކަމާއި، ކޮރަޕްޝަނާއި ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް ވިލާތުގެ އިއްތިހާދާއި ގުޅިގެން ރާއްޖޭގައި ހިންގާ 5 އަހަރު ދުވަހުގެ ޕްރޮގްރާމެއް އިފްތިތާޙުކުރައްވައިފިއެވެ.

މި ޕްރޮގްރާމް އިފްތިތާޙު ކުރައްވާފައިވަނީ ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި އިއްޔެ ކުރިއަށްދިޔަ ވިލާތުގެ އިއްތިހާދު ނުވަތަ ޔޫރަޕިއަން ޔޫނިއަން، އީޔޫއާއި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންގެ 4 ވަނަ ބައްދަލުވުމުގެ ހަވާސާގައެވެ.

ގާނޫނުގެ ވެރިކަމާއި ކޮރަޕްޝަނާއި ދެކޮޅަށް ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް ހިންގާ މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ޖުޑިޝަރީ އިސްލާހުކުރުމަށް ރާއްޖެއިން ކުރާ މަސައްކަތަށް އީޔޫއިން އެހީތެރިވާނެއެވެ. އަދި ކޮރަޕްޝަން މަދުކުރުމަށް ބޭނުންވާ ހަރުދަނާ ގާނޫނީ އޮނިގަނޑުތައް އެކުލަވާލުމާއި އެކަމާއި ގުޅޭ މުއައްސަސާތަކުގެ ގާބިލްކަން އިތުރުކުރުމަށްވެސް މި ޕްރޮގްރާމްގެ ދަށުން އެހީތެރިވާނެއެވެ.

މި ޕްރޮގްރާމް ހިންގުމުގައި އެންމެ ބޮޑަށް އިސްކަން ދޭނީ އެ ޕްރޮގްރާމް ހިންގާ ދާއީރާތަކަށް މިހާރު އެންމެ ބޮޑަށް ބޭނުންވާ ކަންކަމާއި އިސްލާހުތައް ގެނައުމަށް އެހީތެރިވުމަށެވެ. އަދި އެ މަސައްކަތްތައް ކުރިއަށް ގެންދާނީ އަދުލް އިންސާފު ގާއިމްކުރެއްވުމުގެ ދާއިރާއާއި، ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރައްވާ ދާއިރާތަކުގެ ބޭފުޅުންގެ ބައިވެރިވުމާއެކުއެވެ.

އީޔޫގެ އެހީތެރިކަމާއެކު ހިންގަވާ މި ޕްރޮގްރާމަށް އެ ޖަމާއަތުން 5 މިލިއަން ޔޫރޯ ނުވަތަަ 83.7 މިލިއަން ރުފިޔާގެ އެހީއެއް ފޯރުކޮށްދޭނެއެވެ. ރާއްޖޭގައި މި ޕްރޮގްރާމް ހިންގާނީ މީގެކުރިން އިޔޫއިން ކުރިއަށް ގެންގޮސްފައިވާ މިފަދަ އެހެން ކާމިޔާބީ ޕްރޮގްރާމްތަކުން ލިބިފައިވާ ތަޖުރިބާގެ މައްޗަށް ބިނާކޮށެވެ.

މި ޕްރޮގްރާމާއި ގުޅޭ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސާޓޭޓްގެ މިނިސްްޓަރ އަހުމަދު ހަލީލްއެވެ. އަދި އީޔޫގެ ފަރާތުން ސޮއިކުރެއްވީ މިސަރަހައްދަށް ކަނޑައަޅުއްވާފައިވާ ޑައިރެކްޓަރ މެޓްރިސްއެވެ.

އީޔޫއާއި ރާއްޖޭގެ ގުޅުމަށް 40 އަހަރު ފުރުން މިއަހަރު ފާހަގަކުރަމުންދާއިރު، ރާއްޖޭގެ ކުރިއެރުމާއި ތަރައްގީއަށް އެ ޖަމާއަތުގެ އެހީގައި ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. އަދި މިހާރުވެސް އީޔޫގެ އެހީގައި ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.