ޚަބަރު

ވީއައިއޭގެ އައު ކާގޯ ޓަރމިނަލް މިއަހަރުގެ ފިނި މޫސުމުގައި ބޭނުންކުރަނީ


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ކާގޯ ޓަރމިނަލް ކޮމްޕްލެކްސްގެ މަސައްކަތް ނިންމައި މިއަހަރުގެ ފިނި މޫސުމުގައި ބޭނުންކުރަން ތައްޔާރުވަމުން އަންނަކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލުން ބުނެފިއެވެ.

ވީ.އައި.އޭ ތަރައްޤީކުރަން ހިންގާ 1 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢުގެ ދަށުން އެއަރޕޯޓުގެ ޖާގަ އިތުރުކޮށް، ތަނުގެ ވަޞީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ފިޔަވަހިތަކަކަށް ބަހާލައިގެން ހިންގާ މި މަޝްރޫޢުގެ ދަށުން އައު ރަންވޭގެ މަސައްކަތާއި، ފިއުލްފާރމާއި ކާގޯ ޓަރމިނަލް ކޮމްޕްލެކްސްގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ޗައިނާގެ ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް، ބީ.ޔޫ.ސީ.ޖީއާއެވެ. އައު ރަންވޭގެ މަސައްކަތް ނިމިފައިވާއިރު، ކާގޯ ޓަރމިނަލް ކޮމްޕްލެކްސްގެ މަސައްކަތްވެސް މިހާރު ވަނީ ނިމުމަކާ ކައިރިވެފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމް.އޭ.ސީ.އެލްގެ ޑެޕިއުޓީ ޗީފް އޮފިސަރ ކާގޯ ސަރވިސަސް ސުލްޠާން ރަޝީދު ވިދާޅުވީ، ކާގޯ ޓަރމިނަލްގެ ކޮންސްޓްރަކްޝަންގެ %99 މަސައްކަތް ނިންމާލާފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ޓަރމިނަލްގެ ޕަވަރ ޓެސްޓްކުރުމުގެ މަސައްކަތްތަކާއި، އިކުއިޕްމަންޓްތައް ޓެސްޓުކުރުމުގެ މަސައްކަތްކަމަށް ސުލްޠާން ވިދާޅުވިއެވެ.

ސުލްޠާން ވިދާޅުވީ، ކާގޯ ޓަރމިނަލްގެ ޓެސްޓިންގެ ހުރިހާ މަސައްކަތްތަކެއް އަންނަމަހުގެ ނިޔަލަށް މުޅިން ނިންމާލެވޭނެ ކަމަށެވެ. އަދި މިއަހަރުގެ ފިނި މޫސުމުގައި ކާރގޯ ޓަރމިނަލް ބޭނުންކުރަން ފެށުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.

ޞުލްޠާން ވިދާޅުވީ އައު ކާރގޯ ޓަރމިނަލްއާއެކު ޖާގައިގެ ތަނަވަސްކަން ލިބޭނެކަމަށެވެ. އަދި އަވަހަށް މުދާ ކްލިއަރކުރަންވެސް އެތައް ސަފޭހައެއް ވާނެކަން އޭނާ ފަހަގަކުރެއްވިއެވެ.

"ކުރީގެ ކާގޯ ޓަރމިނަލްއާ ޚިލާފަށް އަލަށް ތަރައްޤީކުރާ ޓަރމިނަލްގެ ޖާގަ ވަރަށް ތަނަވަސްވާނެ. މިހާރު ފިނި މޫސުމުގައި މުދާ ގެނެސް ބާލާފަ ބަހައްޓާނެ ތަން ނެތުމުން ކަސްޓަމަރުންގެ ފަރާތުން ޝަކުވާތައް ލިބެމުންދޭ. މުދާ ކަސްޓަމަރުންނަށް ދޫކުރުމަށްވެސް ވަގުތު ނަގާ. ފިނި މޫސުމުގައި ފަތުރުވެރިން އަންނަ ވަރު އިތުރުވާ ވަރަކަށް އެތެރެކުރާ ތަރުކާރީއާއި މޭވާގެ ބާވަތްތައް އިތުރު އެބަވޭ. އައު ޓަރމިނިލާއެކު މަސްކަތްކުރާ މުވައްޒަފުންނަށްވެސް ފަސޭހައިން މަސައްކަތްކުރާނެ ގޮތް ތަނަވަސްވާނެ" ސުލްޠާން ރަޝީދު ވިދާޅުވިއެވެ.

ޓަރމިނަލާއި އިންވެގެން ތަރައްޤީކުރަމުން އަންނަ ކާގޯ ހާބަރުގެ މަސައްކަތްތައް ވެސް ވަނީ މިހާރު ނިންމާލައިފައެވެ. އަދި ޓަރމިނަލްއާ އިންވެގެން އޮތް މަގު ހެދުމުގެ މަސައްކަތްތައް ވެސް މިހާރު އަންނަނީ ކުރަމުންނެވެ. ވީ.އައި.އޭގެ ހުޅަނގު ފަރާތުގައި ތަރައްޤީކުރާ އައު ކާގޯ ޓަރމިނަލް ކޮމްޕްލެކްސްގައި ޒަމާނީ ވަޞީލަތްތަކާއެކު ކާރގޯ ލޯޑްކޮށް އަންލޯޑްކުރުމަށް ބޭނުންކުރާނެ ވަޞީލަތްތައް ޤާއިމުކުރެވޭނެއެވެ.

އަހަރެއްގެ މައްޗަށް 120،000 ޓަނު ކާގޯ މިތަނުން ޕްރޮސެސް ކުރެވޭނެކަމަށް އަންދާޒާ ކުރެވެއެވެ. މިއީ މިހާރު ބޭނުންކުރާ ކާގޯ ޓާމިނަލް ކެޕޭސިޓީގެ ނިޞްބަތުން 50 ޕަސެންޓަށްވުރެ ބޮޑު ޢަދަދެކެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން އެކި މަސައްކަތްތައް ކުރަމުން އަންނައިރު ޕަސިންޖަރ ޓަރމިނަލްގެ މަސައްކަތްތައް ވެސް ބާރު ދުވެލީގައި ކުރިއަށްދާކަމަށް އެމް.އޭ.ސީ.އެލުން ބުނެއެވެ.