ޚަބަރު

ގަވާއިދާއި ޚިލާފަށް އުޅުނު 44 ބިދޭސީއަކު ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި


ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް މަސައްކަތްކުރާ ބިދޭސީން ހޯދާ އެމީހުން އަނބުރާ ޤައުމަށް ފޮނުވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން މިހާތަނަށް ހިންގެވި 10 އޮޕަރޭޝަންގައި 44 ބިދޭސީއަކު ހުޅުމާލޭ ޑިޓެންޝަނަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

މިމީހުން ޑިޓެންޝަންގައި ބައިތިއްބާފައިވަނީ އަނބުރާ ޤައުމަށް ފޮނުވެންދެން ކަަމަށް އިމިގްރޭޝަނުން ބުނެއެވެ. އެހެންނަމަވެސް އެމީހުން ޤައުމަށް ފޮނުވާލެވޭނެ ވަކި ދުވަހެއް އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.

އިމިގްރޭޝަނުންކޮށްފައިވާ ޓުވީޓެއްގައިވަނީ ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް މަސައްކަތްކުރާ ބިދޭސީން ހޯދާ އެމީހުންގެ ޤައުމަށް އަނބުރާ ފޮނުވުމުގެއް މަސައްކަތް ކޮންމެދުވަހަކުވެސް ކުރަމުން އަންނަކަމަށެވެ. އަދި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ވޯކް ޕާމިޓްގައި ބަޔާންކޮށްފައިވާ ތަން ނޫން އެހެން ތަނެއްގައި މަސައްކަތްކުރުމަކީ މަނާކަމެއްކަން ފާހަގަކުރަމުން އިމިގްރޭޝަނުން ބުނީ ވޯކް ޕާމިޓެއް ނެތި ގަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރަމުންދާ ބިދޭސީން ހޯދާ އެމީހުންނާއިމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެހެންކަމުން ހުރިހާ ބިދޭސީންވެސް ވޯކް ޕާމިޓް ހިފައިގެން އުޅުމަށް އިމިގްރޭޝަނުންވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް ދިރިއުޅޭ ބިދޭސީން ގަވާއިދަށް ފެއްތުމުގެ މަސައްކަތް ކުރައްވަމުން އަންނަނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިވަޑައިގެންނެވެ. މެދުކެނޑުމަކަށްފަހު އަލުން މިމަސައްކަތް ފަށްޓަވާފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ. މިމަސައްކަތް އަލުން ފަށްޓަވާފައިވަނީ މިކަމަށްޓަކައި ސަރުކާރުން ތަރައްޤީކުރައްވާފައިވާ ޑިޓެންޝަން ސެންޓަރުގެ މަސައްކަތް ނިމި އެތަން ބޭނުންކުރަން ފެށުމާއެކީގައެވެ. ބައިނަލްއަޤުވާމީ މިންގަނޑުތަކާއި އެއްގޮތަށް 250 ހާއި 300 މީހުންގެ ޖާގައިގެ މިޑިޓެންޝަން ސެންޓަރު ޤާއިމުކޮށްފައިވަނީ ހުޅުމާލޭގައެވެ.

ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް 2019 ވަނަ އަހަރު ފެށި މަސައްކަތް އަވަސްކުރުމަށް ސަރުކާރަށް މަޖުބޫރު ވެގެންދިޔައީ ކޯވިޑް-19އާއެކުގައެވެ. އެފަހަރުގެ ޕްރޮގްރާމްގެ ތެރެއިން 13000 މީހުން ގަވާއިދުގެ ތެރެއަށް ފައްތާ އަލުން ރާއްޖޭގައި ގަވާއިދާ އެއްގޮތަށް މަސައްކަތް ކުރުމުގެ މަގުވަނީ ފަހިކޮށްދީފައެވެ. އަދި 24000 ބިދޭސީއަކު އަނބުރާ ޤައުމަށް ފޮނުވާލާފައިވާކަން ފާހަގަކުރެވެއެވެ.