ޚަބަރު

މިނިސްޓަރ ޝާހިދު އދ.ގެ ސެކްރެޓަރީ ޖެނެރަލާއި ބައްދަލުކުރައްވައިފި


މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުالله ޝާހިދު އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްއާ ބައްދަލުކުރައްވައިފިއެވެ.

ފޮރިން މިނިސްޓަރ އެމެރިކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވެވި މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދު ވަނީ ދިވެހި ސަރުކާރުން އދ އާއި އެ ޖަމިއްޔާގެ ޗާޓަރަށް ވައުދުވެ، މޫސުމަށް އަންނަ ބަދަލުތަކާއި، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ޚިމާޔަތްކުރުމާއި، މިންތީގެ ހަމަހަމަކަމާއި، ޒުވާނުން ބާރުވެރިކުރުވުން ފަދަ ކަންކަމަކީ ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާ ދާއިރާތަކުގެގޮތުގައި ފާހަގަކުރައްވާފައެވެ.

މިނިސްޓަރު ޝާހިދު ވަނީ "އާލީ ވޯނިންސް ފޯ އޯލް" އިނީޝިއޭޓިވްގެ 30 ޕައިލެޓް ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނުމުން ސެކްރެޓަރީ ޖެނެރަލަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި އދ.ގެ 78 ވަނަ އާންމު މަޖިލީހުގެ ހައިލެވެލް ވީކްގައި "ކްލައިމެޓް އެމްބިޝަން ސަމިޓެއް" ބޭއްވުމަށް ސެކްރެޓަރީ ޖެނެރަލް ނިންމެވި ނިންމެވުމަށް ތަޢުރީފް ކުރައްވައި، ކޮޕް28 ގެ ކުރިން ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫ.އެން.އެފް.ސީ.ސީ.ސީއަށް ކުރަން ޖެހޭ މަސައްކަތްތައް ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމާގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައި މިނިސްޓަރ ޝާހިދު ވަނީ ދުނިޔެއަށް މިއަދު ދިމާވެފައިވާ ތަފާތު މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯއްދެވުމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް ކުރައްވާ މަސައްކަތްޕުޅަށް ތަޢުރީފް ޙައްޤުކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެއާއި އދ.އާ ދެމެދު އޮތް ގުޅުމާ ބެހޭގޮތުން މަޝްވަރާކުރެއްވިކަމަށާއި، ރާއްޖެއިން އަބަދުވެސް އދ.ގެ ޗާޓަރަށާއި މަލްޓިލެޓަރަލިޒަމްއަށް އިސްކަން ދޭނެކަމުގެ ޔަޤީންކަން އެރުވިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުވުމުގެ ތެރެއިން ފޮރިން މިނިސްޓަރ ވަނީ އދ.ގައި މިހާރު ހިނގަމުންދާ ކަންބޮޑުވާ މައްސަލަތަކާ ގުޅޭ ގޮތުން ސެކްރެޓަރީ ޖެނެރަލް ދެއްވި ބްރީފިންއެއްވެސް އަޑުއައްސަވާފައެވެ. އަދި ސެކްރެޓަރީ ޖެނެރަލާއި އެމަނިކުފާނުގެ ޓީމަށް ރާއްޖޭގެ ވަފުދުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވިއެވެ.