ޚަބަރު

ޝަރުތުތަކާއި އުޞޫލުތަކުން ކަށަވަރުކޮށްދެނީ ބޯހިޔާވަހިކަމުގެ ހަމަހަމަ ފުރުޞަތު


  • ޝަރުތުތަކުގެ ގޮތުގައި މައިގަނޑު 3 ކަމެއް

  • އެންމެ ބޮޑަށް ބަލާފައިވަނީ މީހާއަށް ލިބޭ އާމްދަނީ އާއި ދިރިއުޅުމުގެ ޙާލަތަށް އިސްކަންދިނުމަށް

  • އުޞޫލުތަކުގެ މައިގަނޑު ބޭނުމަކީ ވީހާވެސް ގިނަ ބަޔަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން

  • އިޖްތިމާޢީ އެތައް މައްސަލައެއްގެ އަސްލު ގުޅިފައިވަނީ ބޯހިޔާވަހިކަމުގެ މައްސަލައާ

ތޮއްޖެހުން ބޮޑުވެ މާލޭ ސަރަޙައްދަށް ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާޢީ މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލައެވެ. އަސާސީ ޚިދުމަތްތަކަށް މާލެއަށް މީހުން ޖަމާވާން ފެށުމުގެ ނަތީޖާއަކަށްވީ، ބޯހިޔާވަހިކަމުގެ އަސާސީ ޚިދުމަތުން އެތައް ބަޔަކު މަޙްރޫމުވުމެވެ. އެއް ގެއެއްގެ ތެރޭގައި އެތައް އާއިލާއެއް ދިރިއުޅެން މަޖުބޫރުވުމެވެ.

ރާއްޖޭގެ މި ކުޑަ އާބާދީގެ ތެރޭގައިވެސް ހިނގާ އެކިކަހަލަ ކުށްކުށާއި، އިޖްތިމާޢީ ގިނަ މައްސަލަތައް ސީދާގޮތުންނާއި ނުސީދާގޮތުން ގުޅިފައިވަނީ ބޯހިޔާވަހިކަމުގެ މައްސަލައާއެވެ. ކުދިކުދި ތަންތަންކޮޅުގައި ދަރިންގެ ދަރިން ބޮޑެތިވެ، ބޯހިޔާވަހިކަމުގެ އިތުރު ފުރުޞަތެއް ނެތި، އެއްތަންކޮޅެއްގައި ޢާއިލާގެ ހުރިހާ މެންބަރުން ތޮއްޖެހިގެން ދިރިއުޅެންޖެހެން މަޖުބޫރުވުމާއެވެ. ވެރިކަންކުރާ މާލޭގައި މި މައްސަލަ ވަކިން އިންތިޚާއަށް ބޮޑެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމަށް ވަޑައިގެން އެމަނިކުފާނު އެންމެ ބޮޑު އިސްކަމެއްދެއްވި އެއް ސިޔާސަތަކީ އަމިއްލަ ބޯހިޔާވަހިކަމުން މަޙްރޫމުވެފައިވާ މާލޭގެ ރައްޔިތުންނަށް، އެ ރައްޔިތުން އެތައް ޒަމާނެއް ވަންދެން އުފުލަމުންދިޔަ ތަކުލީފުތަކުން މިންޖުވެވޭނެ މަގެއް ދައްކައިދެއްވުމެވެ.

އެގޮތުން 40 ހަކަށް އަހަރު ފަހުން މި ސަރަޙައްދުގައި ބަންޑާރަ ގޯތި ދޫކުރުމަށް މިހާތަނަށް ހިންގާ އެންމެ ބޮޑު ޕްރޮގްރާމް އެމަނިކުފާނު އިޢުލާންކުރައްވައި، މި ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކަށް ވަނީ އުއްމީދު ދެއްވައިފައެވެ. މާލޭ ރައްޔިތުންނަށް ޚާއްޞަކޮށްގެން 4000 ފްލެޓް ޢިމާރާތްކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރަމުންދާއިރު، 3000 ބަންޑާރަ ގޯތި ދޫކުރުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ސަރުކާރުން މިހާރު ގެންދަވަނީ ކުރައްވަމުންނެވެ.

ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ސްކީމްތައް އިޢުލާންކުރައްވައި އެކަމާގުޅޭ ޚާއްސޞަ އުޞޫލުތައް 2022 ވަނަ އަހަރު ސަރުކާރުން ޢާއްމުކުރެއްވިއެވެ. އެގޮތުން ބިންވެރިޔާ ސްކީމުގެ ދަށުން މާލޭ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރެއްވުމާއި، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޫކުރެއްވުމުގެ އުޞޫލު ސަރުކާރުން އެކުލަވައިލެއްވިއެވެ.

މި އުޞޫލުތަކުގެ އެންމެ ބޮޑު މަޤްޞަދަކީ ފްލެޓާއި ގޯތިދޫކުރުމުގެ ކަންކަން އިންތިޒާމްކޮށް ހިންގަނީ ކަނޑައެޅިފައިވާ ރަނގަޅު އަދި ދެފުށް ފެންނަ ހަމަތަކެއްގެ މަތީން، ވީހާވެސް ގިނަ ބަޔަކަށް ފްލެޓާއި ގޯތި ލިބުމުގެ ފުރުޞަތު ފަހިވާގޮތަށްކަން ކަށަވަރުކުރެއްވުމެވެ. ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ސްކީމްތައް އިޢުލާންކުރައްވައިފައިވާއިރު، މިފަހަރުގެ މި އުޞޫލުތަކުގެ އެންމެ ބޮޑު ތަފާތަކީ މީހާއަށް ލިބޭ އާމްދަނީއާއި ދިރިއުޅުމުގެ ޙާލަތަށް އިސްކަންދެއްވުމެވެ. އަދި އަސާސީ ޝަރުތުތަކުގެ ގޮތުގައި ބައްލަވައިފައިވަނީވެސް މަދު ކަންތައްތަކަކަށެވެ.

ބަންޑާރަ ގޯތި ދޫކުރެއްވުމަށް ކަނޑައެޅުއްވި ޝަރުތުތައް:

• މާލޭ ރައްޔިތެއްކަމުގައިވުން
• އުމުރުން 18 އަހަރު ފުރިފައިވުން
• މާލޭ ސަރަޙައްދުން އަމިއްލަ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ރަޖިސްޓްރީވެފައި ނެތުން
• 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ރަޖިސްޓްރީގައި އޮތްނަމަ އެ ބިމެއް ދޫކޮށްލަން އެއްބަސްވުން
• ސަރުކާރުގެ އަސާސީ ބޯހިޔާވަހިކަމުގެ އެއްވެސް ސްކީމަކުން އެއްވެސް ބޯހިޔާވަހިކަމެއް ލިބިފައި ނެތުން
• ވާރުތައިން ލިބެން އޮންނަ ބޯހިޔާވަހިކަން ދޫކޮށްލަން އެއްބަސްވުން
• އަމިއްލަ ނަމުގައި އޮތް ބަންޑާރަ ގޯއްޗެއް އެހެން ފަރާތަކަށް ދޫކޮށްލާފައި ނުވަތަ ވިއްކާލާފައި ނުވުން

ފްލެޓް ދެއްވުމުގައި ކަނޑައެޅުއްވި ޝަރުތުތައް:

• މާލޭ ރައްޔިތެއްކަމުގައިވުން
• އުމުރުން 18 އަހަރު ފުރިފައިވުން
• މާލޭގެ ރަށްވެއްސަކަށް ވެފައިވާތާ 15 އަހަރުވެފައިވުން
• ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫޢަކުން ބޯހިޔާވަހިކަމެއް މީގެކުރިން ލިބިފައިނެތުން
• މާލޭ ސަރަޙައްދުން 600 އަކަފޫޓަށް ވުރެ ބޮޑު ޔުނިޓެއް ނުވަތަ ބިމެއް ގަނެފައިވާ ނުވަތަ ގަތުމަށް ފައިސާ ދައްކާ ފަރާތަކަށް ނުވުން
• 3 އަހަރުގެ ތެރޭގައި މާލޭ ސިޓީން ދިރިއުޅުމަށް ހޯދާފައިވާ 600 އަކަފޫޓަށްވުރެ ބޮޑު ތަނެއް މީހަކަށް ދީފައި ނުވަތަ ވިއްކާފައިނުވުން
• މަހަކަށް ޖެހޭ ޖުމްލަ ޢާމްދަނީ 60،000 ރުފިޔާއަށްވުރެ އިތުރު ނުވުން

ބޯހިޔާވަހިކަމެއްނެތުން - އިޖްތިމާޢީ އެތައް މައްސަލައެއްގެ އަސްލު

ބޯހިޔާވަހިކަމެއް ނެތުމުގެ ސަބަބުން ނިކުންނަށް އިޖްތިމާޢީ މައްސަލަތަކަށް ބަލާލާއިރު އެކަށީގެންވާ ބޯހިޔާވަހިކަމެއް ނެތުމުން ބޮޑު އަގުގައި ކުލި ދައްކައިގެން ތަންތަނުގައި އުޅެންޖެހުމުން ފުދުންތެރިކަން އިތުރުކުރުމުގެ ފުރުޞަތު އާއިލާތަކަށް ހަނިވުމާއި، ޢާއިލިގުޅުންތަކަށް ބުރޫއެރުން ހިމެނެއެވެ. އަދި ތަފާތު ކުށްކުށަށް އަރައިގަތުމަށް އޮންނަ ޖާގަ އިތުރުވުމާއި، އަޚްލާޤީ މައްސަލަތައް ނިކުންނަށް މިންވަރު އިތުރުވުން ހިމެނެއެވެ. ހަމައެހެންމެ އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންނަށް އަޅާލެވޭ މިންވަރު ދަށްވުން މިއީވެސް ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅުންހުރި ކަންކަމެވެ.

ދިރިއުޅޭނެ އަމިއްލަ ވަޒަނެއް ނެތި، ކުޑަކުޑަ ޖާގަތަކުގައި މުޅި ދިރިއުޅުން ހޭދަކުރަން ޖެހުން ވެގެންދިޔައީ ޢާއިލާތަކުގެ މެދުގައި ނަފްސާނީ މައްސަލަތައްވެސް އިތުރުވެ، ގަދަރުވެރި ދުޅަހެޔޮ ދިރިއުޅުމަކަށް އޮތް ފުރުޞަތުތައް ވެސް ހަނިވެގެންދިޔަ ސަބަބަކަށެވެ.

ކޮންމެ ދިވެއްސަކަށްވެސް އަބުރުވެރި ދިރިއުޅުމެއް އުޅުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމަކީ ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ އަސާސީ ޙައްޤެއް ނަމަވެސް އެ ޙައްޤު ކަށަވަރުކުރުމަށް ބޭނުންވާ ބޯހިޔާވަހިކަން ނުލިބި އެތައް ހާސް ރައްޔިތުންނެއް ފުރަމާލޭގައި އަންނަނީ ދިރިއުޅެމުންނެވެ. މިކަމަށް ޙައްލެއް ގެންނެވުމަށް އެކި ސަރުކާރުތަކުން މަސައްކަތް ކުރެއްވިނަމަވެސް، ބޯހިޔާވަހިކަމުގެ ޑިމާންޑް އޮތް މިންވަރާއި ގާތަށްވެސް މި މައްސަލައަށް އެކަށީގެންވާ ޙައްލެއް ހޯދިފައެއް އަދި ނެތެވެ.

މާލެ އާއި މާލޭ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންގެ ޒަމާންވީ މި އުދާސްތަކާއި ޝަކުވާތަކަށް އެކަށީގެންވާ ޙައްލެއް ނުލިބި މިކަން ދިގުލައިގެން ދިއުމުގެ ސަބަބުން މި ދެންނެވިފަދަ އިޖްތިމާޢީ އެތައް މައްސަލަތަކާ ކޮންމެ ދުވަހަކުހެން ކުރިމަތިލާން ނުޖެހޭ އާއިލާއެއް މި ސަރަޙައްދުގައި ނެތޭ ބުނުމަކުންވެސް މުޅިން ދޮގަކަށްނުވާނެއެވެ.

މާލޭގެ ރައްޔިތުންގެ މި ޒަމާންވީ ޝަކުވާތަކަށް އުއްމީދީ ޙައްލެއް ގެނެސްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އެކި ފަހަރުމަތިން އެކި ޕްލެޓްފޯމްތަކުގައި ދެއްކެވި ވާހަކަފުޅުތަކުގައި ތަކުރާރުކުރައްވާފައިވެއެވެ. އެމަނިކުފާނު ދެއްވާ ޔަޤީންކަމަކީ މި ދައުރުގެ ތެރޭގައި ސަރުކާރުގެ ވަޢުދާއެއްގޮތަށް މާލޭގެ ރައްޔިތުންނަށް ފްލެޓާއި ގޯތި ދޫކުރައްވާނެކަމުގެ ވަޢުދެވެ. އަދި މިކަން ކުރެއްވުމުގައި ސަރުކާރުން ވެސް ދެއްވާ ޔަޤީންކަމަކީ ވަކި ސިޔާސީ ފިކުރަކަށް ބެލުމެއް ނެތި ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު މިކަން ކޮށްދެއްވާނެކަމުގެ ޔަޤީންކަމެވެ.

ސަރުކާރުން ހުޅުއްވައިލެއްވި ފުރުޞަތުގައި ފްލެޓާއި ގޯއްޗަށް އެދި ކުރުމަތިލި ފަރާތްތަކުގެ ތެރެއިން، ފްލެޓާއި ގޯތިލިބޭ ފަރާތްތައް މި ފެށޭ ހަފްތާގެ ތެރޭގައި އިޢުލާންކުރެއްވުމަށް ސަރުކާރުން ތައްޔާރުވެވަޑައިގަންނަވަމުން ގެންދަވާއިރު، މިއީ ހަމަގައިމުވެސް ބޯހިޔާވަހިކަމެއްގެ ބޭނުންޖެހިފައިވާ ކޮންމެ އާއިލާއަކަށްމެ ލިބިގެންދާނެ ބޮޑު ތަޞައްލީއަކަށް ވާނެއެވެ.