ޚަބަރު

އެމްއެންޑީއެފުން އައްޑޫ އާއި ފުވައްމުލަކުގައި ޕެރޭޑް ބާއްވަނީ


  • 28 ޖޫންގައި އައްޑޫ ސިޓީ ހިތަދޫގައި ޕެރޭޑު އޮންނާނެ

  • 29 ޖޫންގައި އައްޑޫ ސިޓީ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގައި ޕެރޭޑު އޮންނާނެ

  • 30 ޖޫންގައި އައްޑޫ ސިޓީ ހުޅުދޫ-މީދޫ ޕެރޭޑު އޮންނާނެ

  • 1 ޖުލައިގައި ފުވައްމުލައް ސިޓީގައި ޕެރޭޑު އޮންނާނެ

މި އަހަރުގެ އަޟްޙާ ޢީދުގެ މުނާސަބަތުގައި ޤައުމީ ދިފާޢީ ބާރު، އެމް.އެން.ޑީ.އެފުން އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި ޕެރޭޑް ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.

ޖޫން 28 ވަނަ ދުވަހު އެމްއެންޑީއެފުން ބޭއްވުމަށް ހަމަޖެހިފައިވާ ފުރަތަމަ ޕެރޭޑް އޮންނާނީ އައްޑޫ ސިޓީ ހިތަދޫގައެވެ. އެ ދުވަހުގެ ހަވީރު 16:00 ހާއިރު ހިތަދޫ ސްކޫލި ކުރިމަތިން ފެށުމަށް ހަމަޖެހިފައިވާ ފެރޭޑް ހުއްޓުމަށް ހަމަޖެހިފައިވަނީ އެ ރަށު "ސަރުސަނާ 3" ފިހާރަ ކުރިމައްޗަށެވެ.

ޖޫން 29 ވަނަ ދުވަހު އެމްއެންޑީއެފުން ބޭއްވުމަށް ހަމަޖެހިފައިވާ ދެވަނަ ޕެރޭޑް އޮންނާނީ އައްޑޫ ސިޓީ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގައެވެ. އެ ދުވަހުގެ ހަވީރު 16:00 ހާއިރު މަރަދޫ މުދިންގޭ މަގާ ބޮޑުމަގު ގުޅޭ ކަންމަތިން ފެށުމަށް ހަމަޖެހިފައިވާ ފެރޭޑް ހުއްޓުމަށް ހަމަޖެހިފައިވަނީ ފޭދޫ ޓާފް ދަނޑު ކުރިމައްޗަށެވެ.

ޖޫން 30 ވަނަ ދުވަހު އެމްއެންޑީއެފުން ބޭއްވުމަށް ހަމަޖެހިފައިވާ ތިންވަނަ ޕެރޭޑް އޮންނާނީ ހުޅުދޫ-މީދޫ ގައެވެ. އެ ދުވަހުގެ ހަވީރު 16:00 ހާއިރު ހުޅުދޫ އޮފީސް މަގާއި ބޮޑުމަގު ގުޅޭ ކަންމަތިން ފެށުމަށް ހަމަޖެހިފައިވާ ފެރޭޑް ހުއްޓުމަށް ހަމަޖެހިފައިވަނީ ކޯގަންނު ގަބުރުސްތާނު ކުރިމައްޗަށެވެ.

ޖުލައި 01 ވަނަ ދުވަހު އެމްއެންޑީއެފުން ބޭއްވުމަށް ހަމަޖެހިފައިވާ ހަތަރުވަނަ ޕެރޭޑް އޮންނާނީ ފުވައްމުލައް ސިޓީގައި، އެ ދުވަހުގެ ހަވީރު 16:00 ގައެވެ.

އައްޑޫ ސިޓީގެ ރަށްތަކާއި، ފުވައްމުލައް ސިޓީގައި ކުރިއަށްގެންދާ މި ޕެރޭޑުގައި ދިވެހި އަސްކަރިއްޔާގެ ސިފައިންގެ އިތުރުން އައްޑޫ ސިޓީ ސްކޫލުތަކުގެ ކޭޑޭޓުން ވެސް ބައިވެރިވާނެއެވެ. އަދި ފުވައްމުލަކުގައި ކުރިއަށް ގެންދާ ޕެރޭޑުގައި ފުވައްމުލަކު ސްކޫލުތަކުގެ ކެޑޭޓުން ވެސް ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައިވާކަމަށް އެމް.އެން.ޑީ.އެފްއިން ވިދާޅުވެއެވެ. މި ދެ ސިޓީގައި ޕެރޭޑް ކުރިއަށްދާ ވަގުތުތަކުގައި އެމް.އެން.ޑީ.އެފް އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްގެ މިލިޓަރީ ބޭންޑުގައި ރާގު ކުޅެވޭނެއެވެ.