ޚަބަރު

ޙައްޖަށް ވަޑައިގެންނެވި ވަފުދުގެ އެންމެ އިސްވެެރިންގެ ޝަރަފުގައި ބޭއްވި ބައްދަލުވުމެއްގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންފި


  • މިއީ ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނުގެ ފަރާތްޕުޅުން ބޭއްވެވި ބައްދަލުކުރެއްވުމުގެ

  • ރާއްޖޭގެ އިތުރުން އިސްލާމީ ގިނަ ޤައުމުތަކެއްގެ ވެރިން ބައިވެރިވެވަޑައިގަތް

  • ބައްދަލުކުރެއްވުން ބާއްވާފައިވަނީ މިނާގައި ހުންނަ ރަސްގެފާނުގެ ރަސްމީ ގަނޑުވަރުގައި

މިއަހަރު ޙައްޖަށް ވަޑައިގެންނެވި ވަފުދުގެ އެންމެ އިސްވެެރިންގެ ޝަރަފުގައި ބޭއްވި ބައްދަލުވުމެއްގައި ދިވެހިރާއްޖޭގެ އަމީރުލް ޙައްޖު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައިވެރިވެވަޑައިގެންފިއެވެ.

މިއީ ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނުގެ ފަރާތްޕުޅުން ވަލީއަޙްދު މުޙައްމަދު ބިން ސަލްމާން، މި ވަފުދުގެ އެންމެ އިސްވެެރިންގެ ޝަރަފުގައި ބޭއްވި ބައްދަލުވުމެކެވެ. މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ އިތުރުން، މެލޭޝިއާ، ސެނެގާލް، ޕާކިސްތާން، ބަންގްލަދޭޝް، މިޞްރު، ލުބުނާން، ސޯމާލިއާ، ނައިޖަރ އަދި ފަލަސްޠީނުގެ ފަރާތުން ޙައްޖަށް ވަޑައިގެންނެވި ވަފްދުގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.



މި ބައްދަލުވުން އޮތީ 29 ޖޫން 2023ގައި، މިނާގައި ހުންނަ ރަސްގެފާނުގެ ރަސްމީ ގަނޑުވަރުގައިއެވެ. މި ބައްދަލުވުމުގެ ޙަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ވަލީއަޙްދު މުޙައްމަދު ބިން ސަލްމާންވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.