ޚަބަރު

ހިތަދޫގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ބަނގުރާ ފުޅިތަކެއް ހޯދައިފި


  • މިތަކެތި އަތުލައިގަނެފައިވަނީ ޖޫން 27 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި

  • ހައްޔަރުކުރި 43 އަހަރުގެ މީހާ ކޯޓުން ވަނީ ދޫކޮށްލާފައި

  • އޭނާގެ އަތުން 50 ފުޅި ބަނގުރާ އަތުލައިގަތް

އައްޑޫސިޓީ ހިތަދޫއަށް ބަނގުރާ އެތެރެކުރަން އުޅޭކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ބަނގުރާ ފުޅިތަކަކާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ހިތަދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ޖޫން 27 ވަނަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 43 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. ހިތަދޫ ވަލުތެރެއިން އޭނާ ހައްޔަރުކޮށް އޭނާ އެވަގުތު ގެންގުޅުނު ތަކެތި ބަލައިފާސްކުރިއިރު 50 ފުޅި ބަނގުރާ ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ކޯޓުން އޭނާ ވަނީ ދޫކޮށްލާފައެވެ.

މީގެ އިތުރުން، މި ޖޫން މަހުގެ 25 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި، ބަނގުރާ ކެއްކުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ތަކެތި ހިތަދޫ ވަލުތެރެއިން ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. މި އޮޕަރޭޝަނުގައި މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.

ހިތަދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދާ މި އޮޕަރޭޝަންތަކަކީ އީދު ބަންދަކީ ރައްޔިތުންނަށް ރައްކާތެރި ކަމާއެކު ހޭދަކުރެވޭނެ އީދަކަށް ހެދުމަށާއި ބަނގުރަލުގެ މައްސަލަތައް ހުއްޓުވުމަށް ކުރިއަށް ގެންދާ އޮޕަރޭޝަންތަކެކެވެ.