މޯބައިލް ފޯނު މެދުވެރިކޮށް ޕާސްޕޯޓު ހައްދަން ފޯމު ހުށަހެޅޭ ގޮތަށް ހަދަން ނިންމާފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، އިމިގްރޭޝަންގެ ޚިދުމަތްތައް ހޯދުމަށް ޚާއްސަކޮށްފައިވާ "އިމުގާ" ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓު ހެއްދުމަށް ހުށަހަޅާއިރު، ފޯމު ޕްރިންޓްކޮށް ސްކޭން ކުރަން ޖެހުނަސް، މި ގެނެވޭ ބަދަލާއެކު އެކަން އެގޮތަށް ދެން ކުރަންނުޖެހޭނެކަމަށެވެ.
އިމިގްރޭޝަންއިން މިބަލު ގެނެސްފައި މިވަނީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ކަރުދާހަށް ބަރޯސާވާ މިންވަރު ކުޑަކޮށް ޕޭޕަލެސް ޚިދުމަތަކަށް ހެދުމަށް ހިފާފައިވާ އަމާޒުގެ ދަށުންނެވެ. މި ބަދަލުގެ ސަބަބުން ޕާސްޕޯޓު ހެއްދުމަށް އިމުގާ ޕޯޓަލްއަށް ވަދެ ފޯނު މެދުވެރިކޮށް އެޕްލިކޭޝަން ފޯމު ފަސޭހައިން ފުރާލެވޭނެކަމަށް، އިމިގްރޭޝަނުން ވިދާޅުވެއެވެ.
ދިވެހި ޕާސްޕޯޓުގެ ޚިދުމަތަށް މުޅިން އައު ފަސޭހަ ބަދަލުތަކެއް!#DhivehiPassportService #IMUGA pic.twitter.com/aRBBInfLyH
— Maldives Immigration (@ImmigrationMV) June 29, 2023
މި ބަދަލަށް ތަންފީޒުކުރަން ފަށާނީ ޢީދު ބަންދު ނިންމާފައިކަމަށާއި، ޕޯޓަލްއަށް ގެނެވޭ ބަދަލުތަކާއެކު އިތުރު ބައެއް ލުއިފަސޭހަތައްވެސް ލިބިގެންދާނެކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ. އަދި މި ބަދަލުތަކާގުޅޭ އިތުރު ތަފްޞީލުތައް ކުރިއަށްހުރި ދުވަސްތަކުގައި ހިއްސާކުރަމުންދާނެކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ.
މޯލްޑިވްސް އިމިގްރޭޝަންގެ އޮންލައިން ޕްލެޓްފޯމް "އިމުގާ" ރަސްމީކޮށް ލޯންޗްކޮށް ބޭނުންކުރަން ފަށާފައިވަނީ 21 ޖޫން 2020 ގައެވެ. މިއީ ވީހާވެސް ބޮޑަށް ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމާއި ގާތުން ޚިދުމަތް ދިނުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ޕޯޓަލެކެވެ. މި ޕޯޓަލް މެދުވެރިކޮށް ދިވެހި ޕާސްޕޯޓުގެ އިތުރުން ވިސާގެ ޚިދުމަތްތަކާއި، ރާއްޖެއަށް އެތެރެވުމަށާއި ބޭރަށް ފުރުމަށް ބޭނުންވާ ޓްރެވަލާސް ޑިކްލަރޭޝަން އަދި މޯލްޑިވްސް ބޯޑަރ މައިލްސްގެ ޚިދުމަތްތައް ހޯދޭނެއެވެ.