ޚަބަރު

ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑަށް ކާނަލް ޝަރީފް ޢައްޔަނުކުރައްވައިފި


  • ކާނަލް ޝަރީފް މި މަޤާމަށް ޢައްޔަނުކޮށްފައިވަނީ ޖޫން 22 ގައި

  • އެމެރިކާގެ މެރިން ކޯރ ޔުނިވަރސިޓީއިން މާސްޓަރސް އިން މިލިޓަރީ ސައިންސް ޙާޞިލުކުރައްވާފައިވޭ

  • ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރކަން މީގެކުރިން ކުރައްވާފައިވޭ

ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް ބޭފުޅަކު ޢައްޔަނުކުރައްވައިފިއެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ފަރާތުން، މި މަޤާމަށް ޢައްޔަނުކުރައްވާފައިވަނީ އައްޑޫސިޓީ މަރަދޫ ފޭދޫ ލަކްސަމީވިލާ ކާނަލް އަޙްމަދު ޝަރީފެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވިދާޅުވީ، ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑަށް ކާނަލް ޝަރީފް ޢައްޔަނުކުރައްވާފައިވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި މޮނީޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ ދަށުންކަމަށެވެ. ކާނަލް ޝަރީފް މި މަޤާމަށް ޢައްޔަނުކޮށްފައިވަނީ ޖޫން 22 ވަނަ ދުވަހު ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ކާނަލް ޝަރީފަށް މަޤާމުގެ ލިޔުން ޙަވާލުކޮށްދެއްވީ ޕީ.ސީ.ބީގެ ރައީސް ޢާޞިމް މުޙައްމަދެވެ.

މި ރަސްމިއްޔާތުގައި ޕީ.ސީ.ބީއިން ވަނީ އެ ބޯޑުގެ ޤާނޫނާއި ކޯޕަރޭޓް ގަވަރނަންސް ކޯޑާއި ގުޅޭ މަޢުލޫމާތު ހިމެނޭ ޕްރެޒެންޓޭޝަނެއް ހުށަހަޅާފައެވެ. އަދި ޕީ.ސީ.ބީއިން ކުރިއަށްގެންދިޔަ ކަންދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑްގެ ފައިނޭންޝަލް އަދި ގަވަރނަންސް ރިވިއުތަކުން ފާހަގަވެފައިވާ ކަންކަން ޙިއްޞާކޮށް އެކަންކަން އިސްލާޙުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. ކުންފުނި ހިންގުމުގައި މިހާރު ދިމާވެފައިވާ ގޮންޖެހުންތަކާގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާކަމަށް ޕީ.ސީ.ބީއިން ވިދާޅުވެއެވެ.

ކާނަލް ޝަރީފް ވަނީ އެމެރިކާގެ މެރިން ކޯރ ޔުނިވަރސިޓީއިން މާސްޓަރސް އިން މިލިޓަރީ ސައިންސް ޙާޞިލުކުރައްވާފައެވެ. އަދި ދުނިޔޭގެ އެކި ޤައުމުތަކުން މިލިޓަރީ ދާއިރާއިންނާއި މެނޭޖްމަންޓް ދާއިރާއިން ތަމްރީންތައް ފުރިހަމަކުރައްވާފައެވެ.

ކާނަލް ޝަރީފް ވަނީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާަރު އެމް.އެން.ޑީ.އެފްގެ އެކި މަޤާމްތަކުގައި އިޙްލާސްތެރިކަމާއެކު ޚިދުމަތް ކުރައްވާ ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމްވެސް މީގެކުރިން އަދާކުރައްވާފައެވެ. އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ޢައްޔަނުކުރެއްވުމާއި ހަމައަށް އެބޭފުޅާ ހުންނެވީ މިނިސްޓްރީ އޮފް ޑިފެންސްގެ ޑިޕާޓްމަންޓް އޮފް ސްޓްރެޓެޖިކް ސެކިއުރިޓީ އެންޑް އެސެސްމަންޓްގެ ޕްރިންސިޕަލް ޑިރެކްޓަރކަމުގެ މަޤާމުގައެވެ.