ތަޢުލީމު

މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއަށް ކޮލެޖެއްގެ ދަރަޖަ


  • އެމް.އައި.ޓީ އުފެދުނީ 2005 ގައި

  • ތަފާތު އެކި ދާއިރާތަކުން 50 އަށްވުރެ ގިނަ ކޯސް ހިންގާ

  • މިވަގުތުވެސް 200 އަށްވުރެ ގިނަ ބައިވެރިން ތަމްރީންތައް ފުރިހަމަކުރަމުންދޭ

މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ، އެމް.އައި.ޓީއަށް ކޮލެޖެއްގެ ދަރަޖަ ދީފިއެވެ.

އެމް.އައި.ޓީއަށް ކޮލެޖެއްގެ ދަރަޖަ ދީ، އެކަމުގެ ލިޔުން އެ އިންސްޓިޓިއުޓާއި ޙަވާލުކޮށްދެއްވީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގެ ތެރެއިން މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަނެވެ. މި ރަސްމިއްޔާތުގައި ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީއާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.


މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއަކީ ސެންޓަރ ފޯރ ކެރިއަރ އެންޑް ޓެކްނިކަލް އެޑިޔުކޭޝަން، ސީ.ސީ.ޓީ.އީގެ ނަމުގައި 12 ޖުލައި 2005 ގައި ވޫޖުވި ތަނެކެވެ. އެ އިންސްޓިޓިއުންޓުން ތަފާތު އެކި ދާއިރާތަކުން 50 އަށްވުރެ ގިނަ ކޯސް ހިންގަމުންނެވެ.

އޭގެ ތެރޭގައި ޓޫރިޒަމް އެންޑް ހޮސްޕިޓާލިޓީ، ޕްރޮފެޝަނަލް ޕްރޮގްރާމްސް އެންޑް ޕްރޮޖެކްޓްސް، މެކޭނިކަލް ޕްރޮގްރާމްސް، އައިޓީ އެންޑް ކޮމިއުނިކޭޝަނާއި ގުޅުންހުރި ކޯސްތައް ހިމެނެއެވެ. އަދި ހެއަރ އެންޑް ބިއުޓީ ޕްރޮގްރާމްސް، އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް ޕްރޮގްރާމްތަކުގެ އިތުރުން ސިވިލް އެންޑް ބިލްޑިންގ ކޮންސްޓްރަކްޝަން ޕްރޮގްރާމްތަކާއި، ބިޒްނަސް އެންޑް އޮފީސް އެޑްމިނިސްޓްރޭޝަނާއި ގުޅުންހުރި ތަފާތު ކޯސްތައް ހިންގަމުންދެއެވެ.

މީގެ އިތުރުންވެސް ވަޒީފާގެ މައިދާނަށް ބޭނުންވާ އެކި ކަހަލަ ހުނަރުތަކަށް ޚާއްސަކޮށްގެން އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކާއި ސްކޫލްތަކަށް އަމާޒުކޮށްގެން އެކިކަހަލަ ވޮކޭޝަނަލް އެޑިޔުކޭޝަން ޕްރޮގްރާމްތައްވެސް ހިންގަމުންދެއެވެ. މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގައި މިވަގުތުވެސް އެކި ދާއިރާތަކުން 200 އަށްވުރެ ގިނަ ބައިވެރިން އަންނަނީ ތަމްރީންވަމުންނެވެ.