ދިވެހިރާއްޖޭގައި ޗާރޓަރޑް ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީން ކުރުމަށް 202 ފަރާތަކަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ސްކޮލަރޝިޕް ފުރުޞަތު ދެއްވައިފިއެވެ. މި 202 ސްކޮލަރޝިޕަކީވެސް ސަރުކާރުން ޚަރަދުކުރާ ގޮތަށް ދެއްވި ސްކޮލަރޝިޕް ފުރުޞަތުތަކެކެވެ.
ޗާރޓަރޑް ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީން ކުރުމަށް ސްކޮލަރޝިޕް ސްކީމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ހުޅުވާލީ 2 ފެބްރުއަރީ 2023 ގައެވެ. މި ސްކީމަށް ހުޅުވާލާފައިވަނީ ދެ ކެޓެގަރީއަކުންނެވެ. އެއީ ޕަބްލިކް ސެކްޓަރއަށް 50 ޖާގައަށާއި، އޯޕަން ކެޓެގަރީއަށް 150 ޖާގައަށެވެ.
މިނިސްޓްރީން ވިދާޅުވީ، މި ސްކީމަށް ހުޅުވާލި މުއްދަތުގެ ތެރޭގައި ޖުމްލަ 322 ފަރާތަކުން ސްކޮލަރޝިޕަށް އެދި ކުރިމަތިލާފައިވާކަމަށެވެ. އޭގެތެރޭގައި ޕަބްލިކް ކެޓެގަރީން 50 ކެނޑިޑޭޓުން އަދި އޯޕަން ކެޓެގަރީން 152 ކެންޑިޑޭޓުން ކޮލިފައިވެފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.
ސްކޮލަރޝިޕް ލިބުނު ފަރާތްތަކުގެ މަޢުލޫމާތު މިނިސްޓްރީގެ ވެބްސައިޓުގައި މިހާރު އާއްމުކުރައްވާފައިވާއިރު، ނަތީޖާއާއި ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން، މިމަހުގެ 11 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިނިސްޓްރީއަށް ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ. އަދި ޝަކުވާ ހުށަހެޅުމަށް ލިބޭ މުއްދަތުގައި އެޕްލިކޭޝަނަށް އެއްވެސް އުނިއިތުރެއް ނުގެނެވޭނެކަމަށް ހަޔަރ އެޑިޔުކޭޝަނުން ވިދާޅުވެއެވެ.
ޗާރޓަރޑް ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީން ކުރުމަށް ސްކޮލަރޝިޕް ފުރުޞަތައް ސަރުކާރުން ހުޅުވާލެއްވި މިއީ ދެވަނަ ފަހަރެވެ. މިދިޔަ އަހަރު މި ސްކޮލަރޝިޕް 173 ފަރާތަކަށްދީފައިވާއިރު، އެ ދަރިވަރުންގެ ކިޔެވުން މިހާރު ވަނީ ފަށާފައެވެ. މިއީ ހުސް ދިވެހިންނަށް ޚާއްސަކޮށް އިޢުލާންކުރި ސްކޮލަރޝިޕް ފުރުޞަތުތަކެކެވެ.
ޕްރޮފެޝަނަލް އެކައުންޓަންޓުންނަށް ވުމަށް 202 ފަރާތަކަށް ސްކޮލަރޝިޕްގެ ފުރުޞަތު! @Miuvaan @icamaldives pic.twitter.com/gCQTWyB5Pb
— Ibrahim Hassan, PhD (@DrChubby) July 6, 2023
މި ސްކޮލަރޝިޕްގެ މައިގަނޑު މަޤްޞަދަކީ އެކައުންޓިންގ ދާއިރާއިން ވަޒީފާގެ ބާޒާރުގައި ދިވެހިން ތަމްރީންވުމަށް މަގުފަހިކޮށްދިނުންކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އެކައުންޓިންގެ ދާއިރާއަކީ ރަނގަޅު އާމްދަނީއެއް ލިބޭ ވަޒީފާތަކެއްހުރި ދާއިރާއެއްކަމަށްވާއިރު، މިއީ ތަމްރީންވެފައިވާ ފަރާތްތަކުން އަމިއްލަގޮތުން މަސައްކަތްކޮށްގެންވެސް ރަނގަޅު އާމްދަނީއެއް ހޯދިދާނެ ދާއިރާއެއްގެގޮތުގައި މިނިސްޓްރީން ފާހަގަކުރައްވައެވެ.
އެހެންކަމުން ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށް މި ސްކޮލަރޝިޕްގެ އެހީގައި އޭސީސީއޭ އަދި ސީމާ ޕްރޮގްރާމް ފުރިހަމަކޮށްގެން ރަނގަޅު އާމްދަނީއެއް ލިބޭނެމަގު ފަހިކުރެވިގެންދާނެކަމަށް ޤަބޫލުކުރައްވާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިކަމުގެ ސަބަބުން މި ދާއިރާއިން ތަމްރީން ލިބިފައިވާ ފަންނީ ދިވެހީން އުފެދި، ވަޒީފާގެ ބާޒާރަށް ނުކުތުމުން މި ދާއިރާގައި މިހާރު ބަރޯސާވާ ބޭރުގެ މަސައްކަތްތެރިންނަށް ބަރޯސާވާ މިންވަރު ކުޑަކުރެވޭނެކަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.
މި ސްކޮލަރޝިޕް ސްކީމް ޚާއްސަކޮށްފައިވަނީ އެސޯސިއޭޝަން އޮފް ޗާރޓަރޑް ސެޓިފައިޑް އެކައުންޓެންޓްސް (ACCA) އަދި ޗާރޓަރޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓެންޓްސް (CIMA) މި ދެ ދާއިރާއަށެވެ. އެގޮތުން ACCA ގެ ސްކިލްސް ލެވެލް އަދި ޕްރޮފެޝަނަލް ލެވެލްގެ ކޯސްތަކަށާއި، CIMA ގެ މެނޭޖްމަންޓް ލެވެލް އަދި ސްޓްރެޓީޖިކް ލެވެލްގެ ކޯސްތައް ކިޔެވުމުގެ ފުރުޞަތު ޝަރުތު ހަމަވާ ފަރާތްތަކަށް ލިބިގެންދާނެއެވެ.
• ރަޖިސްޓްރީކުރުމުގެ ފީ / ރީ-ރަޖިސްޓްރޭޝަން ފީ
• އެނުއަލް ސަބްސްކްރިޕްޝަން ފީ
• އެގްޒެމްޝަން ލިބޭ ފަރާތްތަކަށް އެގްޒެމްޝަން ފީ
• އެގްޒާމް ފީ
• އެޕްލިކޭޝަން ފީ
• މެމްބަރޝިޕް ފީ (2 އަހަރު ދުވަހުގެ ތެރޭގައި ދަރިވަރު ނިމޭކަމުގައިވާނަމަ)
• ބުކް އެލަވަންސް
• ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކޮލެޖް ނުވަތަ ޔުނިވަރސިޓީތަކުން ކިޔަވާނަމަ ޓިއުޝަން ފީ
• އަމިއްލައަށް ކިޔަވާ ފަރާތްތަކަށް ޓިއުޝަން ފީ ނުހިމަނައި މަތީގައި ބަޔާންކޮށްފައިވާ ހުރިހާ ޚަރަދު
މި ސްކޮލަރޝިޕަށް ހޮވުނު ފަރާތްތައް 2 އަހަރުގެ މުއްދަތަކަށް ރާއްޖޭގައި ޚިދުމަތް ކުރުމަށް ޝަރުތުކުރެވޭނެއެވެ. އަދި އެ ފަރާތްތައް ބައިވެރިވާ ޕްރޮގްރާމް ފުރިހަމަކުރުމަށް ސްކޮލަރޝިޕް އެވޯޑްކުރެވޭ ތާރީޚުން ފެށިގެން ގިނަވެގެން ދެވޭނީ 2 އަހަރު ދުވަހުގެ މުއްދަތެއްކަމަށްވެސް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.