ޚަބަރު

ރާއްޖެއިން އަޒަރުބައިޖާނާއެކު ގުޅުން ބަދަހިކުރުމުގެ ޚާއްސަ އެއްބަސްވުމެއް


  • މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ނާމްގެ މިނިސްޓްރީއަލް ބައްދަލުވުމުގެ ހަވާސާގައި

  • މައިގަނޑު ބޭނުމަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، މަސްލަޙަތު ހިމެނޭ ކަންކަމުގައި އެއްބާރުލުންދިނުން

  • ޑިޕްލޮމެޓުން ތަމްރީންކުރުމުގައިވެސް އެހީތެރިވެދޭނެ

ދިވެހިރާއްޖެއާއި އަޒަރުބައިޖާންގެ ޚާރިޖީ ވުޒާރާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ރާއްޖެއާއި އަޒަރުބައިޖާންއާއި ދެމެދު މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އަޒަރުބައިޖާންގެ ބާކޫގައި މިހާރު ކުރިއަށްދާ ނޮން-އެލައިންޑް މޫވްމަންޓް، ނާމްގެ މިނިސްޓީރިއަލް ބައްދަލުވުމުގެ ހަވާސާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަޙްމަދު ޚަލީލެވެ. އަދި އަޒަރުބައިޖާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ ޑެޕިއުޓީ މިނިސްޓަރ އެލްނޫރު މަމަޑޯވްއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، ދެ ޤައުމުގެ ދެމެދު ވެވުނު މި އެއްބަސްވުމުގެ މަޤްޞަދަކީ ރާއްޖެއާއި އަޒަރުބައިޖާނާ ދެމެދު އޮންނަ ގުޅުން މިހާރަށްވުރެ އިތުރަށް ބަދަހިކޮށް، އިތުރަށް ފުޅާކޮށް، ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ހުރިހާ މަރުޙަލާއެއްގައިވެސް އެއްބާރުލުންދީ ގަވާއިދުން މަޝްވަރާ ކުރުމަށް މަގުފަހިކޮށްދިނުމެވެ.

މީގެ އިތުރުން ޚާރިޖީ ދާއިރާއިން ޑިޕްލޮމެޓުން ތަމްރީނު ކުރުމުގައިވެސް ދެ ފަރާތުގެ ގުޅުން ބަދަހިކުރުމަށްވެސް މި އެއްބަސްވުމުގެ ދަށުން މަސައްކަތް ކުރާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.