ރާއްޖޭގައި އެކައުންޓިންގ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ޚާއްސަ ޓެކްނިކަލް ފޯރަމެއް ބޭއްވުމަށް އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް، ސީއޭ މޯލްޑިވްސްއިން ނިންމައިފިއެވެ. މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 19 އިން 20 އަށެވެ.
ސީއޭ މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ މި ފޯރަމަކީ "ސާފާ އައި.އެފް.އާރް.އެސް އެންޑް އައި.އެސް.އޭ.އެސް ފޯރަމްގެ ނަމުގައި އެކައުންޓަންޓުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޚާއްސަ ޓެކްނިކަލް ފޯރަމެކެވެ.
މި ފޯރަމަކީ 2022 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އެކައުންޓިންގ އަދި ފައިނޭންސް ދާއިރާގައި މަސައްކަތް ކުރާ ފަންނުވެރިންނަށް ޚާއްސަކޮށްގެން އެކައުންޓިންގ އަދި އޮޑިޓްގެ އައު ސްޓޭންޑަޑްތަކާއި އެންމެފަހުގެ އަޕްޑޭޓްތަކުގެ އިތުރުން މި ސްޓޭންޑަޑްތަކާއި ގުޅުންހުރި ޓެކްނިކަލް މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ބާއްވަމުން އަންނަ ފޯރަމެކެވެ. މިއަހަރުގެ ފޯރަމުގައި ބައިވެރިވުމަށް މިހާރު ވަނީ ރަޖިސްޓްރޭޝަނަށް ހުޅުވާލާފައެވެ.
We are excited to open registration for SAFA IFRS and ISAs Forum 2023, to be held on 19th-20th August 2023.
— CA Maldives (@icamaldives) July 2, 2023
For group registrations of SOEs and other organizations, please email to [email protected].
To register: https://t.co/zpUQyzapap pic.twitter.com/JaPj9iaY6t
މިފަދަ ފޯރަމެއް އިންތިޒާމު ކުރުމުގެ މައިގަނޑު މަޤްޞަދަކީ ސީއޭ މޯލްޑިވްސްގެ މެމްބަރުންނާއި، ރާއްޖޭގައި އެކައުންޓިންގ ޕްރޮފެޝަންގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ތަޢުލީމާއި ތަމްރީން ފޯރުކޮށްދީ، ރާއްޖޭގެ އެކައުންޓެންސީ ޕްރޮފެޝަން އިތުރަށް ހަރުދަނާކޮށް ކުރިއެރުމަށް މަގުފަހިކޮށްދިނުންކަމަށް ސީއޭ މޯލްޑިވްސްއިން ބުނެއެވެ.
މިފަހަރުގެ ފޯރަމްގައި ސައުތު އޭޝިއަން ފެޑެރޭޝަން އޮފް އެކައުންޓަންޓްސް (ސާފާ) ގެ މެންބަރުންގެ އިތުރުން ރާއްޖޭގެ އެކައުންޓިންގ ދާއިރާގެ ތަޖުރިބާކާރުންގެ ފަންނީ ސެޝަންތަކެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ސެޝަންތަކުގައި މައިގަނޑުގޮތެއްގައި އަލިއަޅުވާލަން ހަމަޖެހިފައިވަނީ އެކައުންޓިންގ ސްޓޭންޑަޑްސްގެ އެންމެފަހުގެ އަޕްޑޭޓްތަކާއި، އަލަށް ނެރުނު ސްޓޭންޑަޑްތަކުގެ އިތުރުން ސްޓޭންޑަޑްތަކުގެ ޕްރެކްޓިކަލް އެޕްލިކޭޝަނަށެވެ.
ސީއޭ މޯލްޑިވްސްއިން ބުނީ މި ފޯރަމް އަމާޒުކޮށްފައިވަނީ އެ އިންސްޓިޓިއުޓްގެ މެމްބަރުންނަށާއި، އެކައުންޓިންގ ޕްރޮފެޝަންގައި މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން އެކައުންޓިންގ ދާއިރާގައި ތަޢުލީމު ޙާޞިލުކުރަމުންގެންދާ ދަރިވަރުންނަށްކަމަށެވެ. މި ފޯރަމްގައި ބައިވެރިވާ ފަރާތްތަކުގެ އަތުން ރަޖިސްޓްރޭޝަން ފީއެއް ނެގުމަށް ހަމަޖެހިފައިވެއެވެ. އަދި މިމަހުގެ 20 ގެ ކުރިން ރަޖިސްޓަރކުރާ ބައިވެރިންނަށް %10 ޑިސްކައުންޓް ލިބިގެންދާނެއެވެ.
މި ފޯރަމްގައި ބައިވެރިވުމަށް ރަޖިސްޓަރވުމުގެ ފުރުޞަތު އަންނަމަހުގެ 6 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ. ފޯރަމްގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ޚާއްސަކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރޭޝަންގެ ކަންކަން ކުރިއަށްގެންދެވޭނެކަމަށް ސީއޭ މޯލްޑިވްސްއިން ބުނެއެވެ.