ދިވެހި ބަސް ދިރުވާ އަލާކުރުމަށްޓަކާ ދިވެހިބަހުގެ ލިޔުންތައް އިތުރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އިލްތިމާސްކުރައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ މިއަދު ރާއްޖޭގައި ފާހަގަކުރާ ދިވެހި ލިޔުންތެރިންގެ ދުވަހާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. ރައީސުލްޖުމްހުރިއްޔާ ކުރެއްވި ޓުވީޓުގައި ދިވެހި ލިޔުންތެރިންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ރާއްޖޭގެ ލިޔުންތެރިންނަށް ވަނީ އަރިސްކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިންގެ އަދަބީ ތަރިކަ ރައްކާތެރިކޮށް ދިވެހި ބަސް ދިރުވާ އާލާކުރުމަށްޓަކާ ދިވެހި ބަހުގެ ލިޔުންތައް އިތުރުކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ކުޑަކުދިންނާއި ޒުވާނުން ދިވެހި ބަހަށް ޝަޢުގުވެރިކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ދިވެހި ލިޔުންތެރިންގެ ދުވަހުގެ ހެޔޮއެދުމާ ތަހުނިޔާ ރާއްޖޭގެ ލިޔުންތެރިންނަށް އަރިސްކުރަން. ދިވެހިންގެ އަދަބީ ތަރިކަ ރައްކާތެރިކޮށް ދިވެހި ބަސް ދިރުވައި އާލާކުރުމަށްޓަކާ، ދިވެހި ބަހުގެ ލިޔުންތައް އިތުރުކޮށް، ކުޑަކުދިންނާ ޒުވާނުން ދިވެހި ބަހަށް ޝައުޤުވެރި ކުރުމަށް އިލްތިމާސްކުރަން.
— Ibrahim Mohamed Solih (@ibusolih) July 8, 2023
ރާއްޖޭގެ ލިޔުންތެރިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ. އެއީ ރާއްޖޭގައި ޗާޕުކޮށްގެން އެންމެ ފުރަތަމަ މަޖައްލާއެއް ނެރުނު ދުވަހެވެ. "އަލްއިޞްލާޙް" ގެ ނަމުގައި ނުކުތް މަޖައްލާގެ ފުރަތަމަ ޢަދަދު ނެރުނީ 1933 ވަނަ އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ. މި މަޖައްލާ ނެރެން ފަށާފައިވަނީ 22 ޑިސެމްބަރު 1932 ގައި ތަންފީޒުކުރަން ފެށުނު ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީއިން ލިބުނު މިނިވަންކަމުގެ ތެރެއިންނެވެ.
އޭގެކުރިން އެފަދަ ނޫސްވެރިކަމުގެ މިނިވަންކަމެއް އަދި ލިޔުންތެރިކަމުގެ މިނިވަންކަމެއްވެސް އާންމުކޮށް ލިބިފައެއް ނުވެއެވެ. އެހެންކަމުން ލިޔުންތެރިކަން އޭގެ ހަޤީޤީ މާނައިގައި ރާއްޖޭގައި ފެށިގެން އައީ އެހިސާބުންނެވެ. ރާއްޖޭގައި ލިޔުންތެރިންގެ ދުވަހެއް އެންމެ ފުރަތަމަ ފާހަގަކުރެވުނީ 1993 ވަނަ އަހަރު ޖުލައިމަހުގެ 8 ވަނަ ދުވަހުއެވެ. މިއަހަރުގެ ދިވެހި ލިޔުންތެރިންގެ ދުވަހުގެ ޝިޢާރެއްގެގޮތުގައި ދިވެހިބަހުގެ އެކެޑަމީން ކަނޑައަޅާފައިވަނީ "މުޖުތަމަޢުގެ މަސްލަހަތު - ލިޔުންތެރީންގެ މަސްއޫލިއްޔަތު" އެވެ.
މިފަދަ ދުވެހެއް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ލިޔުންތެރިންގެ ޚިދުމަތް ޤައުމީ ފެންވަރެއްގައި ފާހަގަކޮށް، މި ފަންނު ދިރުވާ އާލާކުރުމަށް ބާރުއަޅާ ހިތްވަރު ދިނުމެވެ. ދުނިޔޭގެ އޮޔާއި ވަޔާއި، އެބަޔަކު ދިރިއުޅޭ މާޙައުލު ވަށައިގެން ހިނގާ މުހިއްމުކަންކަމާއި މެދު ޢިލްމީ ނަޒަރިއްޔާއަކުން މީހުން ހޭލުންތެރިކުރުވުގައި ލިޔުންތެރިންގެ ދައުރާއި މަސްއޫލިއްޔަތު ވަރަށް ބޮޑެވެ. މާޒީގައި ހިނގާފައިވާ މުހިއްމު ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު މުއްސަނދިކޮށްދިނުމުގައިވެސް ލިޔުންތެރިން އަންނަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.