މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓުންނާއި ގުޅޭ ތަފާތު ޕްރޮގްރާމްތަކެއް ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްގެ ކުޑައިގެ ދަށުން ހިންގާ ޗެނަލްތަކުން ގެނެސްދޭން ހަމަޖެހިފައިވާކަމަށާއި، ހުރިހާ ކެންޑިޑޭޓުންނަށްވެސް ހަމަހަމަ ފުރުޞަތު ލިބޭނެކަމަށް ޕީ.އެސް.އެމްގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޚާލިދު ވިދާޅުވެއްޖެއެވެ.
ކުރިއަށްއޮތް ރިޔާސީ އިންތިޚާބާއި ގުޅޭ ތަފާތު މަޢުލޫމާތުތައް ޢާންމުންނަށް ގެނެސްދިނުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޕީ.އެސް.އެމްގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޙާލިދު ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކަވަރޭޖަށް ޚާއްސަ ޕްރޮގްރާމްތަކެއް އުފެއްދުމުގެ މަސައްކަތް ޕީ.އެސް.އެމްގެ ޓީވީއާއި ރޭޑިއޯ ޗެނަލްތަކުން ކުރަމުންދާކަމަށެވެ. ޚާއްސަކޮށް އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި، އެބޭފުޅުންގެ ސިޔާސަތުތަކާއި އެޖެންޑާތައް ޢާންމުންނާއި ހަމައަށް ގެނެސްދޭނެ ރަނގަޅު ޕްރޮގްރާމްތަކެއް ރާއްވަވާފައިވާކަމަށް ޢަލީ ޚާލިދު ވިދާޅުވިއެވެ.
މިކަންކަން ކުރުމުގައި ސިޔާސީ ޕާޓީތަކާއި، އަމިއްލަގޮތުން އިންތިޚާބުގައި ވާދަކުރައްވާ ފަރާތްތަކާއި، އަދި ވާދަކުރެއްވުމުގެ ޝަޢުގުހުރި ފަރާތްތަކާއި، އެ ފަރާތްތަކުގެ މަންދޫބުންނާއިވެސް ބައްދަލުކޮށް، އެބޭފުޅުންގެ ޚިޔާލާއި މަޝްވަރާތައްވެސް ހޯއްދަވާފައިވާކަމަށް ޚާލިދު ވިދާޅުވިއެވެ.
"މި ޕްރޮގްރާމްތަކުގެ ތެރޭގައި ކެންޑިޑޭޓުންނާއި ސީދާ ވާހަކަދެއްކޭނެ ގޮތަށްވެސް ހެދިފައިހުރި ޕްރޮގްރާމްތައް އެބަހުރި. އަދި ވަކިވަކިން ވަން އޮން ވަން ޕްރޮގްރާމްތަކާއި އަދި އެބޭފުޅުންގެ މެނިފެސްޓޯ ރައްޔިތުންނާއި ހަމައަށް ކިޔައިދިނުމުގެ ޕްރޮގްރާމްތައްވެސް ރޭވިފައި މިހުރީ. މީގައި އަޅުގަނޑު އެންމެ ޕޮޒިޓިވްކޮށް ދެކޭކަމަކީ އަޅުގަނޑުމެންނަށް މި ޕްރޮގްރާމްތައް ރިޔާސީ ކެންޑިޑޭޓުންގެ ޚިޔާލުތަކާއި ސިޔާސަތުތަކާއި އެ ބޭފުޅުން ޤައުމާއި ދޭތެރޭގައި ދެކޭ ތަޞައްވުރުތައް އާއްމުންނާއި ހަމައަށް ރޭޑިއޯ ޓީވީގެ ޒަރިއްޔާއިން ގެނެސްދެވޭކަން" ޢަލީ ޚާލިދު ވިދާޅުވިއެވެ.
ޢަލީ ޚާލިދު ވިދާޅުވީ، ރިޔާސީ އިންތިޚާބާއި ގުޅޭ ތަފާތު މަޢުލޫމާތުތައް ޢާންމު ރައްޔިތުންނާއި ހަމައަށް މީޑިއާގެ އެކި ޒަރިއްޔާއިން ގެނެސްދިނުމަށް ކުރާ މަސައްކަތުގެ ތެރެއިން ހުރިހާ ފަރާތްތަކަކަށްވެސް ހަމަހަމަ ފުރުޞަތު ދެއްވާނެކަމަށެވެ. އަދި މި ޕްރޮގްރާމްތައް ބޮޑަށް ރާވާފައި ވަނީ ސިޔާސީ ޕާޓީތަކަށްވުރެ ބޮޑަށް ކެންޑިޑޭޓުންނާއި ގުޅޭގޮތުން ޢާންމުންނަށް އެނގެންޖެހޭ މަޢުލޫމާތުތައް ގެނެސްދިނުމަށްކަމަށްވެސް ޚާލިދު ވިދާޅުވިއެވެ.
"މި ޕްރޮގްރާމްތައް ރާވާފައި ހުންނާނީ ސިޔާސީ ޕާޓީތަކަށްވުރެ ބޮޑަށް ރިޔާސީ ކެންޑިޑޭޓުންނަށް އަމާޒުކޮށްގެން. އެއީ ބައެއް ބޭފުޅުން މިހާރުވެސް ޝަޢުގުވެރިކަން ފާޅުކޮށްފައި ތިބި ބައެއް ބޭފުޅުން އެބަތިބި ސިޔާސީ ޕާޓީއެއް އެބޭފުޅެއްގައި ފަހަތުގައި ނެތް. އެހެންވީމަ އަޅުގަނޑުމެން މީގެ ހުރިހާ ފޯކަސްއެއް ބަހައްޓާނީ ރިޔާސީ ކެންޑިޑޭޓަށް. އަދި ހުރިހާ ބޭފޅުންނަށްވެސް ހަމަހަމަ ފުރުޞަތުތަކެއް ދެވޭގޮތަށް އަޅުގަނޑުމެން ރާވާފައި ހުންނާނީ. އެ ހުރިހާ ޕްރޮގްރާމްތަކެއްވެސް އަޅުގަނޑުމެން ގެނެސްދޭނެ ރޭޑިއޯ ޓީވީން" ޢަލީ ޚާލިދު ވިދާޅުވިއެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވެވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވަނީ ސެޕްޓެމްބަރ 9 ވަނަ ދުވަހުއެވެ. އަދި ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ، ދެވަނަ ބުރެއްގެ ވޯޓުލުން ސެޕްޓެމްބަރު 30 ގައި ބޭއްވެވުމަށްވެސް އެކޮމިޝަނުން ވަނީ ނިންމަވާފައެވެ.
ކޮންމެ 5 އަހަރަކުން އެއް އަހަރު ބާއްވާ ރިޔާސީ އިންތިޚާބާއި ދިމާކޮށް ދަޢުލަތުގެ މީޑިއާގެ ހަޞިއްޔަތުން ވޯޓާއި ގުޅުންހުރި ކަންކަމަށް މުޖުތަމަޢު ހޭލުންތެރިކުރުވުމަށްޓަކާ އަންނަނީ ޚާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރަމުންނެވެ. އެގޮތުން ވޯޓުލުމުގެ ޙައްޤާއި، އިންތިޚާބަށްވަމުން އަންނަ ތައްޔާރީތަކުން ފެށިގެންގޮސް ރިޔާސީ ކެންޑިޑޭޓުންނާއި ގުޅުންހުރި މަޢުލޫމާތުތައް ގެނެސްދޭ ޚާއްސަ ޕްރޮގްރާމްތަކާއި ރިޔާސީ އިންތިޚާބުތަކުގެ ޚާއްސަ ކަވަރޭޖްތައް މީގެ ކުރީގެ އިންތިޚާބުތަކާއި ދިމާކޮށްވެސް ގެނެސްދީފައިވެއެވެ.